ހަބަރު

އައްޑޫސިޓީއަށް ކުރެއްވި ދަތުރު ނިންމަވާލެއްވުމަށްފަހު ނަޝީދު މާލެ ވަޑައިގެންފި

އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު އެނބުރި މާލެ ވަޑައިގެންފި އެވެ.

ނަޝީދު މާލެ ވަޑައިގެންނެވީ މިރޭގެ ވަގުތެއްގަ އެވެ. ނަޝީދު މާލެ ވަޑައިގެންފައިވާއިރު، މާދަމާ ބޮޑު ތިލަދުންމައްޗަށް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ. ބޮޑު ތިލަދުންމަތިން ނަޝީދު ވަޑައިގަންނަވަން ހަމަޖެހިފައިވަނީ ހއ. ދިއްދޫއަށެވެ.

ނަޝީދު އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅުގައި ވަނީ އައްޑޫސިޓީގައި އެމަނިކުފާނުގެ އޮފީހެއްވެސް ހުޅުއްވަދެއްވާފަ އެވެ. މީގެ އިތުރުންވެސް އައްޑު ސިޓީ ކައުންސިލަށާއި، އައްޑޫގައި ކޮންވެންޝަން ސެންޓަރުގައި ހަދަމުން އަންނަ ހޮސްޕިޓަލާއި، އެ ނޫންވެސް ބައެއް ތަންތަނަށް ނަޝީދު ވަނީ ވަޑައިގަންނަވާފަ އެވެ.

ކުރިމިނަލް ކޯޓުގެ ކުރީގެ އިސްގާޒީ އަބުދުﷲ މުހައްމަދު ގަވާއިދާ ހިލާފަށް ހައްޔަރު ކުރި ކަމަށްބުނެ އެމަނިކުފާނުގެ މައްޗަށް އުފުލި ޓެރަރިޒަމްގެ ދައުވާ ސާބިތުވާކަމަށް ނިންމާ 13 އަހަރަށް ޖަލަށްލާން ހުކުމް ކުރިފަހުން، ބޭސްފަރުވާ އަށް ރާއްޖެއިން ބޭރަށް ވަޑައިގެންނެވި ގޮތަށް ތިން އަހަރު ފަހުން ނަޝީދު ރާއްޖެ ވަޑައިގެންނެވީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ނަޝީދުގެ 13 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ މިހާރު ވަނީ ސުޕްރީމްކޯޓަށް ރިވިއުއަށް ހުށަހަޅާފަ އެވެ. އަދި އެ މައްސަލަ ވަކި ގޮތަކަށް އެކޯޓުން ނިންމަންދެން އެހުކުމް ތަންފީޒު ކުރުން ވަގުތީގޮތުން މަޑުޖައްސާލުމަށް ދައުލަތުގެ އެންމެހާ އިދާރާތަކުގެ މައްޗަށް ސްޕްރީމްކޯޓުން ވަނީ އަމުރުކޮށްފަ އެވެ. އެމައްސަލައިގައި ނަޝީދުގެ ފަރާތުން
ސްޕްރީމްކޯޓަށް އަރުވާ ޖަވާބުވެސް މިހާރު ވަނީ އެ ކޯޓަށް ހުށަހަޅާފަ އެވެ.