ދުނިޔެ

މުހިއްމު ވޯޓެއްގެ ކުރިން ބޮން ހަދަން އުޅުނު ބަޔަކު ހޮންގް ކޮންގުން ހައްޔަރުކޮށްފި

Jun 16, 2015

ގޮވާތަކެތި އުފައްދަން އުޅުނު ކަމުގެ ތުހުމަތުގައި ހޮންގް ކޮންގުން ނުވަ މީހަކު އިއްޔެ ހައްޔަރުކޮށްފި އެވެ.

މި މައްސަލަ ފެންމަތިވެފައި މި ވަނީ ހޮންގް ކޮންގުގެ ކުރިމަގު ބައްޓަންކޮށްދޭނެ މުހިއްމު ވޯޓެއް ނަގަން ގާނޫނު ހަދާ މަޖިލީހުން ތައްޔާރުވަމުން ދަނިކޮށެވެ. އެކަމަކު، މި މައްސަލަ އާއި އެ ވޯޓާ ފުލުހުން އަދި ގުޅުވާފައެއް ނުވެ އެވެ.

ފުލުހުންގެ ތަރުޖަމާނު އެންޖީ ވައިހޫން ވިދާޅުވި ގޮތުގައި އެ ނުވަ މީހުންގެ ތެރޭގައި "ހައްދުފަހަނައަޅާފައިވާ ޖަމާއަތަކަށް" ނިސްބަތްވާ މީހަކު ހިމެނެ އެވެ. އެ މީހުންގެ އަތުން އެއާ ރައިފަލާއި ސްމޯކް ގްރެނޭޑު ހަދަން ބޭނުންކުރާ ކެމިކަލާއި މޫނުމަތިތަކުގެ އިތުރަށް ހޮންގް ކޮންގުގެ މުހިއްމު ތަންތަން ފާހަގަކޮށްފައިވާ ޗާޓުތަކެއް ހިމެނޭ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެއް ބައި ތަކެތި ފެނުނީ މިހާރު ބޭނުންނުކުރާ ޓީވީ ސްޓޫޑިއޯއެއްގެ ތެރެއިން. ދެން ހުރި އެއްޗެހި ހޯދީ އެ މީހުންގެ ގޭގެ ބަލައި ފާސްކުރުމުގެ ތެރޭގައި،" އެންޖީ ވިދާޅުވި އެވެ.

ޗައިނާގެ ބައެއްގެ ގޮތުގައި ހޮންގް ކޮންގް އޮތް ނަމަވެސް، އެއީ ވަކިން ވެރިކަންކުރާ ތަނެކެވެ. އެކަމަކު ހޮންގް ކޮންގުގެ ވެރިން ކަނޑައެޅުމުގައި ޗައިނާގެ ނުފޫޒު އަބަދު ވެސް ބޮޑެވެ. ހޮންގް ކޮންގުގެ މިހާރުގެ ސަރުކާރުން ވަނީ ވެރިޔަކު ކަނޑައެޅުމަށް 2017 ގައި ބާއްވާ އިންތިހާބުގައި ވާދަކުރެއްވޭނީ ހާއްސަ ކޮމިޓީއަކުން ހުއްދަކުރާ ކެންޑިޑޭޓުންނަށް އެކަނި ކަމަށް ކަނޑައަޅާފައިވާ ބިލެއް މިދިޔަ އޭޕްރީލް މަހު ގާނޫނު ހަދާ މަޖިލީހަށް ހުށަހަޅާފަ އެވެ.

އެ ބިލާ ދެކޮޅަށް ހޮންްގް ކޮންގުގައި އެތައް ހާސް ބަޔަކު އޭރު މުޒާހަރާކުރި އެވެ. އެ މުޒާހަރާތައް ގާތްގަނޑަކަށް ދެ މަސްދުވަހަށް ދިގު ދެމިގެންދިޔަ އެވެ. ޑިމޮކްރެސީ އެކްޓިވިސްޓުން ބުނާ ގޮތުގައި އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ކަނޑައަޅާ ކޮމިޓީގައި މުޅިންހެން ހިމެނެނީ ޗައިނާ އަށް ތާއީދުކުރާ މީހުން ކަމަށެވެ. އެހެންވެ، އެއީ ޑިމޮކްރެޓިކް އިންތިހާބެއް ނޫން ކަމަށާއި ޗައިނާ އަށް ތާއީދުކުރައްވާ ބޭފުޅަކަށް ނޫނީ

ސަރުކާރުގެ ހުށަހެޅުމަށް ގާނޫނު ހަދާ މަޖިލީހުގައި މި ހަފުތާގައި ނަގާ ވޯޓުގެ މައްސަލަ ވަނީ ހޫނުވެފަ އެވެ. އެ ބިލް ފެއިލްކޮށްލާނެ ކަމުގެ އިންޒާރު އިދިކޮޅު މެމްބަރުން ވަނީ ދީފަ އެވެ.

ގޮވާތަކެތި އުފައްދަން އުޅުނު ކަމަށް ބުނާ މައްސަލައެއް އެފަދަ މައްސަލަ ބޮޑު ވޯޓެއްގެ ކުރިން ފެންްމަތިވެފައި ވާއިރު، އެ މައްސަލައާ އެއްވެސް ގުޅުމެއް ނެތް ކަމަށް އިދިކޮޅު ފަރާތްތަކުން ވަނީ މިހާރު ވެސް ބުނަން ފަށާފަ އެވެ.