ހަބަރު

މިނިސްޓަރު އާސިމް އިސްތިއުފާ ދެއްވުމަށް މުންދު ގޮވާލައިފި

ފޮރިން މިނިސްޓްރީގެ މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލާގައި ފޮރިން މިނިސްޓަރު ޑރ. މުހައްމަދު އާސިމް އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށާއި އެފަދަ ކަމަކަށް ތުހުމަތު ކުރެވޭނަމަ ރަނގަޅު ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދެއްވުން ކަމަށް ރާއްޖެއިން ސްރީލަންކާއަށް ކަނޑައަޅުއްވާފައިވާ ސަފީރު މުހައްމަދު ޝަރީފް (މުންދު) ވިދާޅުވެއްޖެ އެވެ.

މިއަހަރުގެ މެދުތެރޭގައި ރާއްޖެއިން ބޭރަށް ކުރި ދަތުރެއްގެ ތެރެއިން ފޮރިން މިނިސްޓްރީގެ އިސްވެރިއަކު އެތަނުގެ އަންހެން މުވައްޒަފަަކަށް ޖިންސީ ފުރައްސާރަ ކުރި ކަމަށް ތުހުމަތުވާ މައްސަލައެއް ވަނީ ސޯޝަލް މީޑިއާގައި ފެންމަތިވެފަ އެވެ. އެ މައްސަލާގައި ހާރިޖީ ދާއިރާގެ ބައެއް ފަރާތްތަކާއި ސަރުކާރުގެ އިސް ބައެއް ބޭފުޅުން ވެސް ވަނީ އެކަން ތަހުގީގު
ކުރުމަށް ގޮވާލާ ބާރު އަޅައިފަ އެވެ.

އެކަމާ ގުޅިގެން މިރޭ "އަވަސް"އާ ވާހަކަދައްކަވަމުން މުންދު ވިދާޅުވީ ހާރިޖީ ދާއިރާއަކީ ވަރަށް ގަދަރު ހުރި އިދާރާއެއް ކަމަށާއި އަދި ޖިންސީ ގޯނާ ކުރުން ފަދަ މައްސަލަތަކާ ދެކޮޅަށް ބައިނަލްއަގުވާމީ ގޮތުން ވެސް ވަކާލާތު ކުރާ ތަނެއް ކަމަށެވެ. އަދި އެތަނުގެ އެންމެ އިސްކޮށް ހުރި ފަރާތަށް އެފަދަ ތުހުމަތެއް ކުރުމަކީ މުޅި މިނިސްޓްރީގެ އަގު ވެއްޓިގެންދާ ކަމެއް ކަމަށް މުންދު ވިދާޅުވި އެވެ.

ނަމަވެސް ކަންތައް ހިނގީ އެއަށް ވުރެ ގޯސްކޮށް ކަމަށާއި ފޮރިން މިނިސްޓްރީ އިން ނެރުނު ބަޔާނުގައި ޖިންސީ ފުރައްސާރައިގެ ތުހުމަތުކޮށްފައި ވަނީ ވަކި ބޭފުޅެއްގެ ނަން ނުބުނެ ހުރިހާ އިސްވެރިން ޝާމިލުވާ ގޮތަށް ކަމަށް މުންދު ވިދާޅުވި އެވެ. އަދި އެ މައްސަލާގައި މިދިޔަ ދެ ދުވަސް ތެރޭގައި ހާރިޖީ ދާއިރާގެ އިސް ފަރާތްތަށް މިނިސްޓަރާ ސުވާލު ކުރި ކަމަށާއި ނަމަވެސް އެމަނިކުފާނު އެއްވެސް ޖަވާބެއް ނުދެއްވާ ކަމަށް މުންދު ވިދާޅުވި އެވެ. އެހެންވެ އެންމެ ރަނގަޅު ގޮތަކީ އެމަނިކުފާނު އިސްތިއުފާ ދިނުން ކަމަށް ވެސް މުންދު ވިދާޅުވި އެވެ.

"މިނިސްޓްރީން ނެރުނު ބަޔާނުގައި މި ބުނަނީ މިނިސްޓްރީގެ އިސް ވެރިއަކަށް ކުރެވޭ ތުހުމަތެކޭ، މިހާރު ނޭނގެ ކާކު ކަމެއް، މިއީ ސީދާ އާސިމް ނުފޫޒު ފޯރުވައިގެން ނެރުނު ބަޔާނެއް، އެހެން ހެދީމަ މިހާރު އަޅުގަނޑުމެންނަށާއި އެހެން ފަރާތްތަކަށް މެދު ވެސް ޝައްކު އުފެދޭ،" މުންދު ވިދާޅުވި އެވެ. "އަޅުގަނޑު ގަބޫލު ކުރަނީ މިހާރު އޮތް އެންމެ ރަނގަޅު ގޮތަކީ އާސިމް އެ މަގާމުން އިސްތިއުފާ ދިނުން ކަމަށް،"

ގާނޫނުގައި ބުނާ ގޮތުގެ މަތިން އެފަދަ މައްސަލަތައް ބެލޭނެ ކޮމިޓީ އެއް މިނިސްޓްރީ ތެރޭގައި އެކުލަވާލެވިފައި އޮންނަން ޖެހެ އެވެ. ނަމަވެސް އެ ކޮމިޓީ ފޮރިން މިނިސްޓްރީގައި ހަދާފައި ވަނީ މި މަހުގެ ހަ ވަނަ ދުވަހުގައި ކަަމަށާއި އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ވެސް ކުރިޔަށް ދިޔައީ އިއްޔެ ކަމަށް މުންދު ވިދާޅުވި އެވެ.

"މި ކޮމިޓީގައި ހިމެނެނީ މިނިސްޓަރަށް ވުރެ ދަށު ލެވަލްގައި އުޅޭ މުއައްޒަފުން ކޮޅެއް، އަޅުގަނޑު މި ބުނަނީ އެފަދަ ތަހުމަތެއް އެންމެ އިސް ފަރާތައް ކުރެވެންޏާ އެ މީހެއްގެ ނުފޫޒު އެ ކޮމިޓީއަށް ވެސް އޮންނާނެއޭ،" މުންދު ވިދާޅުވި އެވެ.

މުންދު ވިދާޅުވީ ޖިންސީ ފުރައްސާރައިގެ އެއްވެސް މައްސަލައެއް އުޅޭ ނަމަ ފުލުހުންނާއި މުއައްސަސާތަކުން އެކަން ރަނގަޅަށް ތަހުގީގު ކުރަން ޖެހޭ ކަމަށެވެ. އަދި އެ ފަރާތެއް ހޯދާ ހާމަކަން ބޮޑު ގޮތެއްގައި އެ މީހަކާ މެދު ގާނޫނީ ފިޔަވަޅު އަޅަން ޖެހޭ ކަމަށް މުންދު ވިދާޅުވި އެވެ.

މުންދުގެ ވާހަކަތަކާ ގުޅިގެން މިނިސްޓަރު އާސިމަށް ގުޅަން މަސައްކަތް ކުރި ނަމަވެސް އެކަން ކާމިޔާބުވާ ގޮތެއް ނުވި އެވެ.