ހަބަރު

މަޖިލީހަށް ވާދަކުރަން ނޫސްވެރިން ޝައުގުވެރިކަން ފާޅުކުރަނީ

އަންނަ އަހަރުގެ މާޗް މަހު ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް ނޫސްވެރިން ޝައުގުވެރިކަން ފާޅުކުރަން ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮތުގައި ނޫސްވެރިން މަޖިލީހަށް ވަނުމަކީ އާ ކަމެއް ނޫނެވެ. މިހާރު ހިނގަމުންދާ މަޖިލީހުގައި ތިއްބެވި މަޑުއްވަރީ ދާއިރާގެ މެންބަރު މުހައްމަދު އަމީތާއި ވެލިދޫ ދާއިރާގެ މެންބަރު ޔާމިން ރަޝީދަކީ ވެސް މީޑިއާގައި މީގެކުރިން މަސައްކަތް ކުރެއްވި ދެ ބޭފުޅުންނެވެ. އޭގެއިތުރުން ވެސް އެހެން ބައެއް ނޫސްވެރިން ވާދަކޮށް ނާކާމިޔާބުވެސްވި އެވެ.

އަންނަ މަޖިލީހުގެ މެންބަރަކަށްވުމަށް މިހާތަނަށް ޝައުގުވެރިކަން ފާޅު ކޮށްފައިވާ ނޫސްވެރިންގެ ތެރޭގައި ރާއްޖެޓީވީ އާއި ޗެނަލް13ގެ ނޫސްވެރިން ހިމެނެ އެވެ.

އެގޮތުން ރާއްޖެޓީވީއިން ބޮޑު މަޝްހޫރު ކަމެއް ހޯދި ޒުވާން ނޫސްވެރިޔާ މުހައްމަދު ވިސާމް ވަނީ ގަމު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރަން ނިންމާފަ އެވެ. އޭނާ ދަނީ ކެމްޕެއިން ވެސް ކުރަމުންނެވެ. ވިސާމްއަކީ މިދިޔަ ފަސް އަހަރުގެ ތެރޭގައި ހަތް ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ ނޫސްވެރިއެކެވެ.

ސިޔާސީ ކަންކަން ކަވަރުކުރުމުގައި ހަރަކާތްތެރިވި ވިސާމް މިހާރު ވަނީ ނޫސްވެރިންކަން ދޫކޮށްލުމަށްފަހު އުފަން ރަށް، ގަމަށް ދިރިއުޅުން ބަދަލުކޮށްފަ އެވެ. އޭނާ ދެން ފެންނާނީ ސިޔާސީ ދާއިރާއިން ކަމަށް ވަނީ ބުނެފަ އެވެ.

ވިސާމްގެ އިތުރުން ރާއްޖެޓީވީގައި ގިނަ ދުވަސްތަކެއްވީ ނޫސްވެރިއެއް ކަމަށްވާ މުހައްމަދު ފަޒީން ވެސް ވަނީ މަޖިލީހަށް ކުރިމަތިލާން ނިންމާފަ އެވެ. އޭނާ ވަނީ ތުޅާދޫ ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގައި ވާދަ ކުރާނެކަން އިއުލާންކޮށްފަ އެވެ. ފަޒީންއަކީ ރައްޔިތުންގެ މަޖިލީހުގެ ހަބަރުތައް ކަވަރުކުރާތާ ގިނަ އަހަރުތަކެއްވީ ތަޖުރިބާހުރި ނޫސްވެރިއެކެވެ.

ރާއްޖެޓީވީގައި މިހާރު މަސައްކަތް ކުރާ ހުޝާމް މުހައްމަދު، ހިރިގާ ހުޝާމް ވެސް ވަނީ މަޖިލީހަށް ކުރިމަތިލާން ނިންމާފަ އެވެ. އޭނާ ވާދަ ކުރަން ނިންމާފައިވަނީ ހިންނަވަރު ދާއިރާގެ އެމްޑީޕީގެ ޕްރައިމަރީގަ އެވެ. އޭނާއަކީ އެ ދާއިރާ ވޭތުވެދިޔަ ފަސް ދައުރުގައި ވެސް ތަމްސީލް ކުރަައްވަމުން ގެންދެވި، މިހާރުގެ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫގެ އާއިލާ ބޭފުޅެކެވެ.

ސޯޝަލް މީޑިއާގައި ގިނަ ބައެއްގެ ސަމާލުކަން ހޯދާފައިވާ ނޫސްވެރިއެއް ކަމަށްވާ ލަޔާލް މަނިކު ވެސް ވަނީ އަންނަ މަޖިލީހަށް ކުރިމަތިލާން ނިންމާފަ އެވެ. ރައީސް އަބްދުﷲ ޔާމީނަށް ވަރަށް ބޮޑަށް ތާއިދު ކުރާ ލަޔާލް މަޖިލީހަށް ކުރިމަތިލާން ނިންމާފައިވީ ނަމަވެސް ވަކި ދާއިރާއެއް އަދި ނުނިންމަ އެވެ. އޭނާ ވަނީ ކުރިމަތިލާނެ ދާއިރާއެއްގެ ހިޔާލު ރައްޔިތުން ދިނުމަށް އެދިފަ އެވެ.

މީގެއިތުރުން ވެސް އެހެން ބައެއް ނޫސްވެރިން ރަސްމީކޮށް މަޖިލީހަށް ކުރިމަތިލާކަން އިއުލާން ކޮށްފައިނުވީ ނަމަވެސް ތާއިދު ހޯދުމަށް ދަނީ މަސައްކަތް ކުރަމުންްނެވެ. އަދި ސިޔާސީ ކަންކަމުގައި ވަރަށް ހަރަކާތްތެރިކޮށް ވެސް ބައެއް ނޫސްވެރިން ދަނީ މަސައްކަތް ކުރަމުންނެވެ.