މެންޗެސްޓާ ސިޓީ

ޔުނައިޓަޑްގެ އުންމީދު ސިޓީން ފުނޑުފުނޑު ކޮށްލައިފި!

މެންޗެސްޓާގެ ދެ ކުލަބުގެ ކުރިމަތި ލުމުގައި، 3-1 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، މެންޗެސްޓާ ޔުނައިޓަޑުން ލީގް ހޯދަން އުންމީދެއް އޮތްނަމަ މެންޗެސްޓާ ސިޓީން އެ އުންމީދު ފުނޑުފުނޑު ކޮށްލައިފި އެވެ.

ޔުނައިޓަޑަށް، ސިޓީ ބަލިކޮށްލެވުނު ނަމަ، މި ސީޒަންގެ ލީގް ހޯދަން ޔުނައިޓަޑަށް އުންމީދު ކުރެވެން އޮތެވެ. ނަމަވެސް ސިޓީ އަތުން ބަލިވުމުން ޔުނައިޓަޑްގެ އެ އުންމީދު ގެއްލިއްޖެ ކަމަށް އިނގިރޭސި މީޑިއާތަކުން ސިފަ ކުރި އެވެ.

ހޯޒޭ މޮރީނިއޯގެ ޕްލޭންތަކާއެކު ޔުނައިޓަޑުން ބުރަކޮށް މަސައްކަތް ކުރިތަން ފެނުނު ނަމަވެސް، ސިޓީ ފެނުނީ އެ ޓީމުގެ ކްލާސް ގޭމުގައި މާ ތަފާތު ކޮށެވެ. މެޗުން ބަލިވުމުން، އެއް ވަނައިގައި ހިފަހައްޓަމުންދާ ސިޓީއާ ދެމެދު ޔުނައިޓަޑަށް 12 ޕޮއިންޓްގެ ބޮޑު ގެޕެއް އެބައޮތެވެ. އަދި ޗެމްޕިއަންސް ލީގްގެ ޖާގައާ ދެމެދު ހަތް ޕޮއިންޓްގެ ފަރަގެއް އެބައޮތެވެ.

ލީގްގައި، އެންމެ ފަހުން ސައުތު ހެމްޓަންއާ ދެކޮޅަށް ނެރުނު ފުރަތަމަ 11 އިން ސިޓީގެ ކޯޗް ޖޯސެފް 'ޕެޕް' ގާޑިއޯލާ ކުރީ އެންމެ ބަދަލެކެވެ. އެއީ ލިރޮއީ ސަނޭގެ ބަދަލުގައި، ރިޔާދު މަހްރޭޒްއަށް ފުރަތަމަ 11 އިން ފުރުސަތު ދިނުމެވެ.

މެޗަށް ކުރިމަތިލިއިރު، ޔުނައިޓަޑަށް ދިމާވި އެންމެ ބޮޑު މައްސަލައަކީ، ޓީމުގެ މިޑްފީލްޑާ، ޕޮގްބާ އާއި ޑިފެންޑަރު ފްރެޑްއަށް އަނިޔާ ވުމެވެ. އެންމެ ފަހުން ބޯން މައުތާ ދެކޮޅަށް ނެރުނު ޓީމަށް މޮރީނިއޯ ވަނީ ބަދަލު ގެނެސްފަ އެވެ. އެލެކްސިސް ސަންޗޭޒް ފުރަތަމަ 11 އިން ބާކީކުރި އިރު، އޭނާގެ ބަދަލުގައި ޓީމުގެ އެންމެ އިސް ފޯވަޑަކަށް ސިޓީއާ ދެކޮޅަށް ނެރުނީ މާކޯސް ރަޝްފޯޑް އެވެ. މަރުއާން ފެލައިނީގެ ބަދަލުގައި ޖެސީ ލިންގާޑް، އަންޑާ ހެރެއިރާއަށް ފުރުސަތު ދީފައިވަނީ ހުއާން މާޓާގެ ބަދަލުގަ އެވެ.

މެޗު ފެށިގެން ދެ ވަނަ މިނެޓްގައި، ސިޓީގެ ހަމަލާއެއް ޔުނައިޓަޑްގެ ގޯލަށް އަމާޒުވި އެވެ. ފެނާންޑީނިއޯ ތަނަވަސްކޮށްދިން ފުރުސަތުގައި، ބެނާޑޯ ސިލްވާއަށް ރަނގަޅު ބޯޅައެއް ލިބުނެވެ. ނަމަވެސް ގޯލައަށް ސީދާ ކުރުމުގައި ކާމިޔާބެއް ނުލިބުނެވެ. އޭގެ ފަހުން ޑޭވިޑް ސިލްވާވެސް ވަނީ ޔުނައިޓަޑްގެ ޑިފެންސްގެ ފަހަތަށް ބޯޅައެއް ފޮނުވާލާފަ އެވެ. ނަަމަވެސް އެ ބޯޅަ ބޭނުން ކުރާނެ ސިޓީގެ ކުޅުންތެރިޔަކު ނެތެވެ.

މެޗުގެ 12 ވަނަ މިނެޓްގައި، ސިޓީން ވަނީ ޔުނައިޓަޑްގެ ގޯލް ފޫއަލުވާލާފަ އެވެ. ޔުނައިޓަޑްގެ ގޯލްގެ އަރިމައްޗަށް ވާގޮތަށް ހުރެފައި ބެނާޑޯ ސިލްވާ ގޯލަށް ފޮނުވާލަން އުޅުނު ބޯޅަ ދިޔައީ ކާވް ވެގެންނެވެ. އެ ބޯޅަ ޖަހަން ސާޖިއޯ ކުން އަގުއޭރޯ ހަރަކާތް ކުރިނަވެސް އޭނާއަށް އެ ބޯޅަ ނުލިބި، ލިބުނީ ސިލްވާ އަށެވެ. އޭނާ ބޯޅަ ހިފައިގެން އެނބުރިގެންފައި ޖަހަން އުޅުމުގެ ކުރިން، އޭރިއާ ތެރެއަށް އެވަގުތު ވަން ރަހީމް ސުޓާލިންވެސް ވަނީ އެ ބޯޅަ ދިނުމަށް އެދި އިޝާރާތް ކޮށްފަ އެވެ. ނަމަވެސް ބޯޅަ ދިނުމުގެ ބަދަލުގައި ސިވާ ވަނީ ޔުނައިޓަޑްގެ ގޯލްގެ މަތީ ކަނަށް ބޯޅަ ވައްދާލާފަ އެވެ.

ސިޓީގެ ދެ ވަނަ ލަނޑު ކާމިޔާބު ކުރީ، އަގުއޭރޯ އެވެ. މަހްރޭޒް އާއި އަގުއޭރޯ އާ ދެ ކުޅުންތެރިން އުފެއްދި ވަންޓޫ ޕާހަކުން، މަހްރޭޒް އަގުއޭރޯއަށް ދިން ބޯޅަ ހިފައިގެން އަރައި ޔުނައިޓަޑްގެ ގޯލަށް އޭނާ ބޯލާ ފޮނުވާލީ ކީޕަރު ޑޭވިޑް ޑެހެއާ ހުރި ދިމާލަށެވެ. ބޯޅަ ގޯލަށް ވަނީ ޑެހެއާ އަތްމަތިން ގޮހެވެ. އަގުއޭރޯ ލަނޑު ޖެހީ މެޗުގެ 48 ވަނަ މިނެޓްގަ އެވެ.

ޔުނައިޓަޑްގެ ހަމައެކަނި ލަނޑު 58 ވަނަ މިނެޓްގައި މާޝިއަލް ކާމިޔާބު ކުރީ ލިބުނު ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އަކީ، ރޮމެޔޫ ލުކާކޫއަށް ސިޓީގެ ގޯލްކީޕަރު އެންޑަސަން ކުރި ފައުލަކާ ގުޅިގެން ދިން ޕެނަލްޓީ އެކެވެ.

ސިޓީގެ ތިން ވަނަ ލަނޑު ގުންޑޯގަން ކާމިޔާބު ކުރީ، ބެނާޑޯ ސިލްވާ ދިން ފުރުސަތަކުން މެޗުގެ 86 ވަނަ މިނެޓްގަ އެވެ.