ޖުމްހޫރީ ޕާޓީ

ނާޒިމް ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަނީ

Nov 12, 2018
6

ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް މިނިވަނެއްގެ ގޮތުގައި މިރޭ މާލެ ވަޑައިގެންފި އެވެ. ޓެރަރިޒަމްގެ ދައުވާ ސާބިތުވެ އޭނާގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމަށް އަމަލު ކުރުން ފަސްކުރަން ސުޕްރީމް ކޯޓުން ވަނީ އަމުރެއް ނެރެފަ އެވެ.

އޭނާގެ މައްޗަށް އިއްވާފައިވާ 11 އަހަރުގެ ޖަލު ހުކުމުގެ މައްސަލަ ސުޕްރީމް ކޯޓުން ރިވިކުރަން ފަށައި ވަގުތީ އަމުރު ނެރުނު އިރު ނާޒިމް ހުންނެވީ ކަރެކްޝަންސްގެ ހުއްދަޔާ އެކު ބޭސްފަރުވާއަކަށް މެލޭޝިޔާއަށް ވަޑައިގެން އެވެ. ވަގުތީ އަމުރު ނެރުމާ އެކު ނާޒިމް މިރޭ ރާއްޖެ ވަޑައިގެންނެވީ، އޭނާގެ އަނބިކަނބަލުންނާއި ކިނބިދޫ ދާއިރާގެ މެންބަރު، އަބްދުﷲ ރިޔާޒާ ވެސް އެކު އެވެ.

މިރޭ 10:30 އެހާކަންހާއިރު ނާޒިމް މާލެ ވަޑައިގަތުމުން އެމަނިކުފާނަށް އެއާޕޯޓްގެ ވީއައިޕީއިން މަރުހަބާ ވިދާޅުވީ، އާއިލާގެ ބޭފުޅުންނާއި ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް، ގާސިމް އިބްރާހިމް އާއި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ އަދި މަޖިލީހުގެ ބައެއް މެންބަރުން އެވެ.

ވީއައިޕީގައި ހުންނަވާ ނާޒިމް މީޑިއާތަކަށް ވިދާޅުވީ، ތިން އަހަރާއި ނުވަ މަސްފަހުން މިނިވަންކަމުގެ އިހުސާސް ކުރެވިއްޖެ ކަމަށާއި އިންތިހާއަށް އުފާވާ ކަމަށެވެ. އަދި އެމަނިކުފާނުގެ ސިޔާސީ މަސައްކަތްތައް އިތުރަށް ކުރިއަށް ގެންދިޔުމަށް މާދަމާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން ނިންމަވައިގެން ހުންނެވި ކަމަށް ނާޒިމް ވިދާޅުވި އެވެ.

"ގިނަ ދުވަސްތަކެއްގައި އަނިޔާ ތަހައްމަލް ކުރުމަށް ފަހު މިއަދު މިނިވަންކަމުގެ އިހުސާސް އެބަ ކުރެވޭ. މިއީ ދިވެހި ރައްޔިތުންނަށް ލިބުނު ނަސްރެކޭ އަޅުގަނޑު ދަންނަވާނީ،" ނާޒިމް ވިދާޅުވި އެވެ.

ޖޭޕީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވީ، ނާޒިމް ފަދަ ޝަރަފުވެރި ބޭފުޅުން ޖޭޕީއާ ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބޭނެ އިތުރު ވަރުގަދަ ކަމެއް ކަމަށެވެ. އަދި ނާޒިމް އެޕާޓީއާ ގުޅުމަށް ނިންމީތީ މަރުހަބާ ދަންނަވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި ނާޒިމްއަށް ވެސް ޖޭޕީގައި ކުރިއަށް ދިޔުމުގެ ފުރުސަތު އޮންނާނެ ކަމަށް ވެސް ވިދާޅުވި އެވެ.

ނާޒިމްގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުވެ ޖަލަށްލާފައިވަނީ އެމަނިކުފާނު ދިރިއުޅުއްވި، ގ. އެނިފްގެ ކޮޓަރިން ފިސްތޯލަ އަކާއި ވަޒަންތަކެއް ފެނުނު މައްސަލައިގަ އެވެ. ނާޒިމްގެ މައްޗަށް 2015 ވަނަ އަހަރުގެ މާޗް 27 ވަނަ ދުވަހު ކްރިމިނަލް ކޯޓުން އިއްވި 11 އަހަރުގެ ޖަލު ހުކުމް އޭނާ ހައިކޯޓްގައި އިސްތިއުނާފު ކުރެއްވި އެވެ. އަދި ސުޕްރީމް ކޯޓްގައި އިލްތިމާސް ވެސް ކުރެއްވި އެވެ. އެހެން ނަމަވެސް، އެ ކޯޓްތަކުން ކްރިމިނަލް ކޯޓްގެ އެ ހުކުމަށް އޭރު ތާއީދުކުރި އެވެ. އެއާ އެކު ނާޒިމް ވަނީ، 3 އަހަރާއި، 270 ދުވަސް ޖަލުގައި ހޭދަކުރައްވައިފަ އެވެ.

އެހެން ނަމަވެސް، ފަހުން ހާމަވެފައިވާ ގޮތުގައި ނާޒިމްގެ ކޮޓަރިން ފެނުނު ފިސްތޯލައިން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޑީއެންއޭ ވަނީ ފެނިފަ އެވެ. އެކަމާ ގުޅިގެން އެ މައްސަލަ ރިވިއުކޮށް ދިނުމަށް ނާޒިމްގެ އާއިލާއިން އަނެއްކާ ވެސް ސުޕްރީމް ކޯޓަށް ހުށަހެޅި އެވެ. އަދި އެ ކޯޓުން އަންނަނީ އެ މައްސަލަ މިހާރު ރިވިއު ކުރަމުން އެވެ.