ދުނިޔެ

ކެލިފޯނިއާގައި ފެތުރުމެންދާ އަލިފާންގަނޑުގައި މަރުވި މީހުންގެ އަދަދު 31 އަށް

Nov 12, 2018

ކެލިފޯނިއާ (ނޮވެމްބަރު 11) - އެމެރިކާގެ ކެލިފޯނިއާ ސްޓޭޓް ބާރު ސްޕީޑުގައި ފެތުރެމުންދާ އަލިފާންގަނޑުގައި މަރުވި މީހުންގެ އަދަދު 31 އަށް އަރާފައިވާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެފި އެވެ.

ކަމާބެހޭ އިދާރާތަކާއި ހަވާލާދީ މީޑިއާ ރިޕޯޓުތައް ބުނި ގޮތުގައި، އިއްޔެ އެކަނިވެސް ފަސް މީހެއްގެ ހަށިގަނޑު އެމީހުންގެ އަނދާ، އަޅިއަށްވެފައިވާ ގެތަކުގެ ތެރެއިން ފެނިފައިވާއިރު، އިތުރު މީހެއްގެ ހަށިގަނޑު ވެހިކަލެއްގެ ތެރެއިން ފެނިފައިވާ ކަމަށެވެ.

އަދިވެސް 200 އަށް ވުރެ ގިނަ މީހުން ވީތަނެއް ނޭނގޭ ކަމަށް ވެސް އިދާރާތަކުން ވަނީ ބުނެފަ އެވެ. މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން، ކޮންޓްރޯލް ނުވެ އެތަކެއް ސަތޭކަ މޭލަށް އަލިފާންގަނޑު ވަނީ ފެތުރިފައިވާއިރު، މިހާތަނަށް 6،500 އަށް ވުރެ ގިނަ ގެތައް ވަނީ އަނދާ އަޅިއަށްވެފަ އެވެ.

އަންގާރަ ދުވަހާއި ހަމައަށް ވައި ބާރުވާނެ ކަމަށް ލަފާކުރެވޭއިރު، އަލިފާންގަނޑު އިތުރަށް ފެތުރިދާނެކަމަށް އިދާރާތަކުން ވަނީ ލަފާކޮށްފަ އެވެ.

މިއީ ކެލިފޯނިއާގެ ތާރީހުގައި ވެސް އެންމެ ބޮޑު ކާރިސާގެ ގޮތުގައި ވަނީ ސިފަކޮށްފަ އެވެ.