ދުނިޔެ

އައިއެސްގެ ވެރިރަށަށް އެއްޗެހި އެތެރެކުރާ މައި މަގު ކުރުދީން އަތުލައިފި

Jun 16, 2015

އިސްލާމިކް ސްޓޭޓް (އައިއެސް) އިން ސީރިއާ އަށް ވަގަށް އެއްޗެހި އެތެރެކުރަން ބޭނުންކުރާ އެންމެ މުހިއްމު މަގު ހިމެނޭ އަވަށެއް ކުރުދީ ހަނގުރާމަވެރިން އިއްޔެ ހިފައިފި އެވެ.

ކުރުދިޝް ޕޮޕިއުލަ ޕްރޮޓެކްޝަން ޔުނިޓްސް (ވައިޕީޖީ)ގެ ހަނގުރާމަވެރިން ހިފާފައި ވަނީ ސީރިއާ އާއި ތުރުކީ ގުޅޭ ބޯޑަރު ސަރަހައްދުގައި އޮންނަ ތޮލް އަބްޔާދު އަވަށެވެ. އެ އަވަށުގައި ހުރި ކުރުދީ ހަނގުރާމަވެރިންގެ ކޮމާންޑަރު ހުސެއިން ކޮޝާރު ބުނި ގޮތުގައި މުޅި އެ އަވަށް މިހާރު އޮތީ އެ ޖަމާއަތުގެ ބާރުގެ ދަށުގަ އެވެ.

އައިއެސް އާއި ކުރުދީންގެ ވަރުގަދަ ކުރިމަތިލުންތަކާ ހެދި ތޮލް އަބްޔާދު އަވަށުގެ ގާތްގަނޑަކަށް 16،000 އާއްމުން ވަނީ ތުރުކީ އަށް ހިޖުރަކޮށްފަ އެވެ. އެ މީހުންނަށް ތުރުކީ އަށް ވަދެވޭ ވަރުވީ އިއްޔެ އެވެ. އެއީ ހާއްސަ ހާލަތެެއް މެދުވެރިވެގެން ނޫން ގޮތަކަށް ތުރުކީ އަށް ނުވަދެވޭނެ ކަމަށް ބުނެ، ބޯޑަރު ހުރަސްކުރާ މަގު މިދިޔަ އާދިއްތަ ދުވަހު ތުުރުކީން ބަންދުކުރުމުންނެވެ. އެހެން ނަމަަވެސް، ތުރުކީގެ ގައުމީ ޓީވީން އިއްޔެ ބުނި ގޮތުގައި އެ މަގު މިހާރު ވަނީ ހުޅުވާލާފަ އެވެ. އަދި އިއްޔެ އެކަނި ވެސް 3،000 އަށް ވުރެ ސީރިއާގެ ރެފިއުޖީން ތުރުކީ އަށް އެތެރެވެފައިވާ ކަމަށާއި ތުރުކީ ސިފައިން އެ މީހުންނަށް އެހީތެރިވަމުންދާ ކަމަށް އެ ޗެނަލުން ބުންޏެވެ.

ތޮލް އަބްޔާދަކީ އައިއެސް އިން އުފައްދާފައިވާ "އިސްލާމީ ހިލާފަތު"ގެ ވެރިރަށުގެ ގޮތުގައި އެ ޖަމާއަތުން ބަލާ ރަގާ ޕްރޮވިންސާއި އަވަށްޓެރި ތުރުކީއާ ގުޅުވައިދޭ މައި މަގު ހިމެނޭ އަވަށެވެ. އެ އަވަށް އޮންނަނީ ވެސް ރަގާ ޕްރޮވިންސުގެ އުތުރުން އެންމެ ސަތޭކައެއްހާ ކިލޯމީޓަރު ދުރުގަ އެވެ.

އައިއެސް އަށް މުހިއްމު އަވަށެއް ގެއްލިފައި ވިޔަސް، އެ ޖަމާއަތުން ވަނީ މިދިޔަ މަހު ސީރިއާގެ މުހިއްމު އަވަށްތަކެއް ހިފާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން އެންމެ ފަހުން ހިފާފައި ވަނީ ސީރިއާގެ ގަދީމީ އަވަށެއް ކަމަށްވާ ޕަލްމައިރާ އެވެ.

އެމެރިކާ އާއި ގުޅިފައިވާ ފައުޖުތަކުން އައިއެސްއާ ދެކޮޅަށް އިރާގާއި ސީރިއާގައި ވައިގެ ހަމަލާތައް ކޮންމެ ދުވަހަކުން ދެމުން ދަނިކޮށް ވެސް އައިއެސް އިން ވަނީ މިދިޔަ މަހުގެ ތެރޭގައި އިރާގުގައި ވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފަ އެވެ. އެ ގޮތުން، އެ ޖަމާއަތުން ވަަނީ އަންބާރު ޕްރޮވިންސުގައި އޮންނަ މުހިއްމު އަވަށެއް ކަމަށްވާ ރަމާދީ ހިފާފަ އެވެ.

މިދިޔަ މަހު 17 ގައި ރަމާދީ ހިފުމާ އެކު، ސަރުކާރު ސިފައިންނާއި ފުލުހުން ވަނީ ފަހަތަށް ޖެހިފަ އެވެ. ރަމާދީގެ މައި އަސްކަރީ މަރުކަޒު ހިފައި އެ ތަނުގައި ހުރި ޓޭންކުތަކާއި އެ ނޫން ވެސް ބަރު ހަތިޔާރު އައިއެސްގެ ބެލުމުގެ ދަށަށް ގެނެސްފައި ވާއިރު، ސަރުކާރުން ވަނީ އެ ސިޓީ އަލުން ހިފުމުގައި އަސްކަރިއްޔާ އަށް އެހީ ވުމަށް ހަނގުރާމަވެރި އެހެން ޖަމާއަތްތަކަށާއި އާއްމުންގެ ތެރެއިން ހިލޭސާބަހަށް ހަނގުރާމަކުރަން ބޭނުންވާ މީހުންނަށް ގޮވާލާފަ އެވެ.

ރަމާދީ ހިފުމާ އެކު، އަންބާރު އަވަށުގެ ދެބައިކުޅަ އެއްބަޔަކަށް ވުރެ ބޮޑު ބައެއްގެ ފުރިހަމަ ކޮންޓްރޯލް އައިއެސް އިން ވަނީ ނަގާފަ އެވެ. އިރާގުގެ އެންމެ ބޮޑު އަވަށް ކަމަށްވާ އަންބާރު އޮންނަނީ ވެރިރަށް ބަގުދާދާ އެންމެ 110 ކިލޯމީޓަރު ދުރުގައި ކަމުން، މިއީ އެ ގައުމުގެ ސަރުކާރުން، ހާއްސަކޮށް ބޮޑުވަޒީރު އަލް އަބާދީއާ، ކުރިމަތިލާންޖެހޭ ބޮޑު ގޮންޖެހުމެކެވެ.