ހަބަރު

ފުލުހުން ހޯދަމުން ދާ ވެލެޒިނީ ރާއްޖެ އަތުވެއްޖެ

Nov 13, 2018
14

ފުލުހުން އެކި މައްސަލަތަކުގައި ހޯދަމުން އަންނަ، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ ރާއްޖެ އަތުވެއްޖެ އެވެ.

ވެލެޒިނީ ރާއްޖެ އައިސްފައި ވަނީ ވެލިޒިނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭތީ ތަހުގީގަށް ހާޒިރު ނުކުރެވިގެން އޭނާ ރާއްޖެ އައުމަށް 14 ދުވަަހުގެ މުއްދަތެއް މިދިޔަ އަހަރު މެއި މަހު ދީފައިވަނިކޮށެވެ. އަދި 14 ދުވަސް ތެރޭގައި ފުލުހަށް ހާޒިރު ނުވެއްޖެ ނަމަ އޭނާއަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން މިހާތަނަށް ހޯދިފައިވާ ހޯދުންތަކާއި ހެކިތަކުގެ މައްޗަށް ބިނާކޮށް ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާނެ ކަމަށް ވެސް ފުލުހުން އޭރު ބުނެފައިވެ އެވެ.

ވެލެޒިނީގެ މައްޗަށް ތުހުމަތުކޮށްފައި ވަނީ، އޭނާ އިސްލާމްދީނާ ހިލާފު ވާހަކަތައް ދައްކަވައި ދީނުން ބޭރުވި ތުހުމަތެވެ.

ނަމަވެސް މުއްދަތު ފަހަނައަޅާ ދިޔަތާ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން ވެލެޒިނީ ރާއްޖެ އައި އިރު ވެސް އޭނާ ހައްޔަރެއް ނުކުރެ އެވެ. އެކަމާ ގުޅިގެން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ އެކަމާ ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން ދާނެ ކަމަށެވެ.

ނެދަލޭންޑްގެ، ހޭގްގައި ދިރިއުޅެމުން އައި ވެލެޒިނީ ފޭސްބުކްގައި ވީޑިއޯތަކެއް ލައިވްކޮށް، ސަރުކާރާއި ކުރީގެ ރައީސް މުހައްމަދު ނަޝީދަށް ފާޑު ކިޔަމުން ދިޔަ އެވެ. އަދި ފަހުން އޭނާ އާންމު ކުރަމުން އައި ވީޑިއޯތަކާ ހެދި އިސްލާމިކް މިނިސްޓްރީ އިން ވަނީ އޭނާއަކީ މުރުތައްދުވެފައިވާ މީހެއް ކަމަށް ކަނޑައަޅާފަ އެވެ.