ދުނިޔެ

ޚާޝުގްޖީގެ ގަތުލު: "ބޮސް ގާތު ބުނޭ އެކަން ވެއްޖެއޭ"

Nov 13, 2018

ވޮޝިންގްޓަން (ނޮވެމްބަރު 13) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލުމަށްފަހު އެކަން "ބޮސް" ގާތު ބުނުމަށް އެ ގަތުލުގައި ބައިވެރިވި މީހަކު ސައުދީ ވަލީ އަހުދުގެ ގާތް ބޭފުޅެއްގެ ފޯނުން ގުޅާ ބުނި ކަމަށް، އެމެރިކާގެ މަޝްހޫރު ނޫހަކުން ތުހުމަތުކޮށްފި އެވެ.

"ބޮސް ކައިރީގައި ބުނޭ އެކަން ނިމިއްޖެއޭ،" ނޫސްވެރިޔާ މަރާލި ކަމުގެ އޯޑިއޯ ރެކޯޑިން އަޑުއެހި ތުރުކީގެ ތިން އޮފިޝަލަކާ ހަވާލީ "ދި ނިއު ޔޯކް ޓައިމްސް"ގައި ބުނެފައިވެ އެވެ.

އެ ރެކޯޑިންގައި ނަން ބުނެފައި ނުވި ނަމަވެސް، "ބޮސް" އަކީ ސައުދީ ވަލީ އަހުދު އަދި ޑިފެންސް މިނިސްޓަރު އަމީރު މުހައްމަދު ބިން ސަލްމާން ކަމަށް ބެލެވޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.

އެ ރެކޯޑިންއަކީ ޚާޝުގްޖީ މަރާލުމުގައި ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމަށް ލިބިފައިވާ އެންމެ ވަރުގަދަ ހެކި ކަމަށް އެމެރިކާގެ ޖާސޫސީ އިދާރާގެ އޮފިޝަލުން ގަބޫލުކުރާ ކަމަށް ވެސް ނިއު ޔޯކް ޓައިމްސުން އިތުރަށް ބުނެފައިވެ އެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

މީގެ އިތުރުން، ޚާޝުގްޖީ މަރާލީ ސައުދީ ސަރުކާރުގެ އިސް ވެރިންގެ އެންގެވުމަށް ކަމަށް، ތުރުކީގެ ރައީސް ރަޖަބު ތޮއްޔިބު އުރުދުގާނު ވެސް ވަނީ ދާދި ފަހުން ވިދާޅުވެފަ އެވެ.

ނަމަވެސް، ނޫސްވެރިޔާ މަރާލުމުގައި ސައުދީ ރަސްގެފާނު ސަލްމާންގެ ބައިވެރިވުމެއްނެތްކަމަށް ވެސް އުރުދުގާނު ވިދާޅުވެފައިވެ އެވެ.

ތުރުކީ ސަރުކާރުން ގަބޫލުކުރާ ގޮތުގައި، އިސްތަންބޫލްގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އޮކްޓޯބަރު ދެވަނަ ދުވަހު ޚާޝުގްޖީ ވަނުމާއެކު ކަރުގައި ހިފައިގެން އޭނާ މަރާލާފައިވާ ކަމަށެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

އެކަމާއި ގުޅިގެން، 18 ސައުދީ އޮފިޝަލުން ހައްޔަރުކޮށްފައިވާއިރު، މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ދެ ބޭފުޅަކު މަގާމުން ވަކިކޮށްފައިވާ ކަމަށް ސައުދީ ސަރުކާރުން ވަނީ ބުނެފަ އެވެ.

ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.