ހަބަރު

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިން ޔުނިޓެއް ފިނޭސް މިނިސްޓްރީގައި ހުޅުވައިފި

Jun 16, 2015

ބީއެމްއެލްގެ ސެލްފް ސާވިސް ބޭންކިންގެ އާ ޔުނިޓެއް ގާއިމުކޮށް މިއަދު ހުޅުވައިފި އެވެ.

އަލަށް ސެލްފް ސާވިސް ބޭންކިން ޔުނިޓެއް ހުޅުވީ އަމީނީ މަގު، ފިނޭންސް މިނިސްޓްރީގެ އިމާރާތުގަ ތިރީގަ އެވެ. މިިއީ ދިވެހި ބޭންކުގެ ހަތް ވަނަ ސެލްފް ސާވިސް ބޭންކިން ޔުނިޓެވެ.

މިއަދު ހުޅުވި ޔުނިޓްގައި ފައިސާ ނެގުމާއި ޖަމާ ކުރުމާއި ޓްރާންސްފާ ކުރުމާއި ބިލްތަކަށް ފައިސާ ދެއްކުމުގެ އިންތިޒާމް ހަމަޖައްސާފައިވެއެވެ. އަލަށް ހުޅުވި ޔުނިޓްގައި ވެސް 24 ގަޑިއިރު ހިދުމަތް ދެއެވެ.

ބީއެމްއެލް އާ ޔުނިޓް މިއަދު ހުޅުވައި ދެއްވީ ޕްރައިވެޓައިޒޭޝަން އެންޑް ކޯޕްރަޓައިޒޭޝަން ބޯޑްގެ ރައީސް މުހައްމަދު ނިޒާރެވެ.

އާ  ޔުނިޓް ހުޅުވައި ދެއްވުމަށްފަހު ނިޒާރު ވިދާޅުވީ އެފަދަ ފަސޭހަ ގޮތަކަށް ބޭންކިންގެ ހިދުމަތް ލިބުމަކީ ފިނޭންސް މިނިސްޓްރީ އާއި މީރާގައި ގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ލިބޭނެ ވަރަށް ބޮޑު ލުޔަކަށްވާއިރު އާންމުންނަށް ވަރަށް ބޮޑު ފަސޭހަކަށް ވެގެންދާނެ ކަމަށެވެ.

ބޭންކުގެ މެނޭޖިން ޑިރެކްޓަރު އެންޑްރޫ ހީލީ ވިދާޅުވީ މިއީ ބޭންކިން ހިދުމަތުގެ އާ ގޮތެއް ކަމަށްވި ނަމަވެސް މަހަކު މަހަކު 100،000 ކަސްޓަމަރުން ހިދުމަތް ހޯދުމަކީ އެ ހިދުމަތުގެ މަގުބޫލު ކަމާއި ފަސޭހަކަށް ވަޒަން ކުރެވޭ ކަމެއް ކަމަށާއި އެ އެއްލަކަ ކަސްޓަމަރުންނަކީ ކިޔޫއަށް ދިއުމުގެ ބަދަލުގައި އާ ނިޒާމުގެ އެހީ ހޯދާ މީހުން ކަމަށެވެ.