ހަބަރު

އަދަބު ލުއިކޮށްދިނުމަށް ނަޝީދު ރައީސްއަށް ދަންވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމް ލުއިކޮށްދެއްވުމަށް ރައީސް އަބްދުﷲ ޔާމީނަށް އެމަނިކުފާނު ސިޓީއަކުން ދަންނަވައިފި އެވެ.

އެމަނިކުފާނުގެ އޮފީހުގެ ފަރާތުން ގާނޫނީ ވަކީލް ހަސަން ލަތީފު ސޮއި ކުރައްވައި އިއްޔެ ރައީސް އަބްދުﷲ ޔާމީނަށް ފޮނުއްވާފައިވާ ސިޓީގައި ވިދާޅުވެފައި ވަނީ، "މާފު ދިނުމާއި އަދަބު ލުއިކޮށްދިނުމާ ބެހޭ ގާނޫނު"ގެ 29 ވަނަ މާއްދާގެ ނ ގެ ދަށުން އެކި ކުށްކުށުގައި ހުކުމް ތަންފީޒު ކުރަމުން އަންނަ ފަރާތްތަކުގެ އަދަބު ލުއިކޮށްދިނުމުގެ އިހުތިޔާރާއި ބާރު ރައީސްއަށް ލިބިގެންވާކަން ސާފުކޮށް އެނގޭ ކަމަށެވެ.

ނަޝީދުގެ މައްޗަށް ކުރެވިފައިވާ ހުކުމަކީ އިންސާފުގެ އުސޫލުން ބޭރުން، އަދި ރާއްޖެ ބައިވެރިވެފައިވާ މުއާހަދާތަކާއި އެހެން ވެސް ޝަރީއަތް ކުރުމުގެ އިޖުރާއަތްތަކާ ހިލާފަށް ހިންގާފައިވާ ބޭ އިންސާފު ޝަރީއަތެއް ކަމަށް ވެސް ވަކީލުން ވަނީ އެ ސިޓީގައި ފާހަގަ ކުރައްވައިފަ އެވެ. އަދި މިކަންކަމަށް ރިއާޔަތްކޮށް ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކުން، ނަޝީދު މިނިވަން ކުރުމަށް ގޮވާލަން ކަން ވެސް ވަނީ ފާހަގަ ކޮށްފަ އެވެ.

"... މި ކަންކަމަށް ރިއާޔަތް ކުރައްވައި ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ތަމްފީޒު ކުރެވެމުންދާ ހުކުމުގައިވާ އަދަބު، މާފުދިނުމާއި އަދަބު ލުއިކޮށްދިނުުމުގެ ގާނޫނުގެ 29 ވަނަ މާއްދާގެ (ނ) ގެ ދަށުން އަދަބު ލުއިކޮށްދެއްވުމަށް އެދޭ ވާހަކަ ދެންނެވީމެވެ،" ސިޓީގައިވެ އެވެ.