ހަބަރު

ވެލެޒިނީ ހައްޔަރުކުރުން ބޮޑު ބަހުސަކަށް!

ބޭރުގައި އުޅުމަށްފަހު އިއްޔެ މާލެ އައުމާއެކު ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީ ހައްޔަރުކުރުމާއެކު، ހިޔާލު ތަފާތުވެ ބޮޑު ބަހުސެއް ފެށިއްޖެ އެވެ. އެއް ބަޔަކު ދަނީ އެކަމަށް ތާއިދުކުރަމުންނެވެ. އަނެއް ބަޔަކު ފުލުހުންނަށް ފާޑުކިޔުން ވަނީ އަމާޒުކޮށްފަ އެވެ.

އިއްޔެ ހެނދުނު ވެލެޒިނީ ރާއްޖެ އައުމާއެކު، އޭނާއަކީ މުރުދަތުވެފައިވާ މީހެއް ކަމަށް ބުނެ ގިނަ ބަޔަކު އޭނާ ހައްޔަރުކުރަން ގޮވަމުން ދިޔަ އެވެ. އޭގެ ތެރޭގައި އިސްލާމިކް މިނިސްޓަރު އަހުމަދު ޒިޔާދު ވެސް ހިމެނިވަޑައިގަންނަވަ އެވެ. ފޭސްބުކް މެދުވެރިކޮށް ވެލެޒިނީ އާންމުކުރަމުންދިޔަ ވީޑިއޯތަކަކާ ގުޅިގެން އޭނާއަކީ މުރުދަތުވެފައިވާ މީހެއް ކަމަށް އިސްލާމިކް މިނިސްޓްރީން ކަނޑައަޅާފައިވެ އެވެ.

ބައެއް މީހުން ވަނީ ވެލެޒިނީއަކީ ސިޔާސީ ކަމެއްގެ ތުހުމަތުވާ މީހެއްނަމަ ފުލުހުން ފަސް ޖެހުމެއް ނެތި އޭނާ ހައްޔަރުކުރާނެ ކަމަށް ބުނެ ފުލުހުންނަށް ފާޑުކިޔާފަ އެވެ. އެ ފާޑުކިޔުންތައް ވައިގައި ހިފާފައިވަނިކޮށް ވެލެޒިނީ ވަނީ ހައްޔަރުކޮށްފަ އެވެ. ވެލެޒިނީ ހައްޔަރުކުރުމަށް ކޯޓު އަމުރެއް ވަނީ ނެރެފަ އެވެ. އޭނާ އަދިވެސް ހުރީ ހައްޔަރުކޮށްފަ އެވެ.

ވެލެޒިނީ ހައްޔަރުކުރުމާއެކު ކުރިން ފާޑުކީ މީހުން ފުލުހުންނަށް ތައުރީފުކުރި އެވެ. އެއީ ކުރަން ޖެހޭ ކަމެއް ކަމަށް ބުނަމުންދިޔަ އެވެ. ވެލެޒިނީ ދީނަށް ގޮންޖަހާފައިވާ ކަމަށާއި އެފަދަ މީހަކަށް ރާއްޖެއިން ޖާގައެއް ނެތް ކަމަށް އެމީހުން ބުނަމުންދެ އެވެ.

ނަމަވެސް ވެލެޒިނީ ދޫކޮށްލުމަށް ގޮވާލާ އަޑުތައް މިހާރު ވަނީ ގަދަވެފަ އެވެ. އޭނާ ހައްޔަރުކުރުމާއެކު އެކަމާ ދެކޮޅަށް ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ވަނީ ނުކުމެފަ އެވެ. އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރު އީވާ އަބްދުﷲ ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ވެލެޒިނީ ދޫކޮށްލަން ސޯޝަލް މީޑިއާގައި ގޮވާލަމުންދާ މީހުން ބުނަމުން ދަނީ އޭނާއަކީ ނަފްސާނީ ބަލި މީހެއް ކަމަށެވެ. އޭނާ ހައްޔަރުކުރަން ނުޖެހޭ ކަމަަށާއި އޭނާއަށް އެކަށީގެންވާ ފަރުވާ ލިބޭނެ އިންތިޒާމް ހަމަޖައްސައިދޭން ދަނީ ގޮވާލަމުންނެވެ. މީހެއްގެ ބުއްދީގެ ހާލަތު ބެލުމެއް ނެތި އެމީހަކީ މުރުތަދުވެފައިވާ މީހެއް ކަމަށް ކަނޑައެޅުމުގެ އެއްވެސް ހައްގެއް ނެތް ކަމަށް ވެސް ދަނީ ބުނަމުންނެވެ.

ޖޭއެސްސީގައި ހުންނަވައިގެން ވެލެޒިނީ ކުރެއްވި މަސައްކަތަށް ވެސް ގިނަ ބަޔަކު ދަނީ ތައުރީފު ކުރަމުންނެވެ. "ޝަރުއީ
ޑިކްޓޭޓަޝިޕް"އަކާ ދެކޮޅަށް ވެލެޒިނީ އެކަނި ނުކުންނަވާ ކުރެއްވި މަސައްކަތަކީ އަގު ވަޒަން ނުކުރެވޭ ވަރުގެ މަސައްކަތެއް ކަމަށް ވެސް މީހުން ދަނީ ބުނަމުންނެވެ.