ހަބަރު

ވެލެޒިނީއަށް ދޭންޖެހޭ ސިއްހީ ފަރުވާއެއް ވާނަމަ ހަމަޖައްސާނަން: ޕޮލިސް

އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީއަށް ސިއްހީ ފަރުވާއެއް ދޭންޖެހޭނަމަ އެ ފަރުވާއެއް އޭނާއަށް ދޭނެ ކަމަށް މޯލްޑިވްސް ޕޮލިސް ސާވިސްއިން ބުނެފި އެވެ.

ގިނަ ދުވަސްތަކެއް ވަންދެން ޑެންމާކްގައި އުޅުމަށްފަހު އިއްޔެ ހެނދުނު މާލެ އައުމާއެކު ފުލުހުން ވަނީ ވެލެޒިނީ ހައްޔަރުކޮށްފަ އެވެ. އެއާއެކު ސޯޝަލް މީޑިއާގައި އެ މައްސަލާގައި ހިޔާލު ތަފާތުވެ އެކަންވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. އެއް ބަޔަކު އެކަމަށް ތާއީދުކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ ވެލެޒިނީގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނެ، އެފަދަ މީހަކު މީހަކަށް ފަރުވާގެ ފުރުސަތު ދިނުމުގެ ބަދަލުގައި ހައްޔަރުކުރުމުން ފުލުހުންނަށް ފާޑުކިޔާފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެލެޒިނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރަން ރާއްޖޭގެ ގާނޫނުތަކުން ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ވެލިޒިނީއަށް ވެސް ގާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ހައްގެއް ކަށަވަރުކޮށް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތަށް ބަލައި، ހާއްސަ ސިއްހީ ފަރުވާއެއް ދޭންޖެހޭނަމަ އެ ފަރުވާއެއް ލިބޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ވެލެޒިނީ ވަނީ އޭނާ ބޭރުގައި ހުރި ދުވަސްތަކުގައި، އޭނާގެ ފޭސްބުކް އެކަމުންޓާއި ޓުވިޓާ އެކައުންޓް މެދުވެރިކޮށް، އިސްލާމްދީނުގެ އުސޫލުތަކަށް މަލާމާތްކޮސް ފުރައްސާރަ ލިބޭ ގޮތަށް އަމިއްލައަށް ވިޑިއޯތައް ކޮށް ވާހަކަ ދައްކާފަ އެވެ. އޭނާގެ އެ އަމަލުތަކާ ގުޅިގެން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ވަނީ ނަފްސާނީ ގޮތުން މައްސަލަތަކެއް ދިމާވެފަ އެވެ. އެހެން ނަމަވެސް އެފަދަ ރަސްމީ ޑައިގްނޯސިސްއެއް މިހާތަނަށް ހާމަވެފައެއް ނެތެވެ.