ހަބަރު

ވަގު ލޯބިވެރިއެއްގެ މައްސަލާގައި މުލޭ ހޫނުފެނަށް!

މީގެ އަހަރުތަކެއް ކުރިން ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެގެން ދިޔައިރު އެންމެ ބޮޑު މަޝްހޫރުކަމެއް ހޯއްދެވި ބޭރުގެ ޑިޕްލޮމޭޓަކީ އިންޑިއާ އިން އެ ދުވަސްވަރު ރާއްޖެ އަށް ކަނޑައަޅާފައި ހުންނެވި ސަފީރު، ޑީއެމް މުލޭ އެވެ. ރާއްޖޭގެ ސިޔާސީ އުނދުނުގައި އޭރު ހުރި ތެލި ކެކިގެން ދިޔަގޮތުން މުލޭ ނުފިހޭ ދުވަހެއް އަދި އެ ބޭފުޅާ އަށް ދިވެހިންގެ ސަމާލުކަން ނުލިބޭ ދުވަހެއް ވެސް އޭރަކު ނުދެ އެވެ.

އެއަށް ފަހު މި މުލޭއެއްގެ ޚަބަރެއް ނުވާތާ ދުވަސްގަނޑަކަށް ފަހު އެ ބޭފުޅާ މި ވަނީ އަނެއްކާވެސް މީޑިއާގެ ސަމާލުކަން ހޯއްދަވައިފަ އެވެ. މިފަހަރު ފެންމަތިވެގެން އުޅެނީ މުލޭ ގެންގުޅުއްވާ ކަމަށް ތުހުމަތުކުރެވޭ ވަގު ލޯބިވެރިއެއްގެ މައްސަލަ އެވެ.

އިންޑިއަން ކޮންސިލް ޖެނެރަލްގެ ގޮތުގައި އެމެރިކާގެ ނިއު ޔޯކްގައި ހުންނަވާ މުލޭ ހޫނުފެނަށް ވެއްޓި ގިނަ ފާޑުކިޔުންތަކެއް އެ ބޭފުޅާއަށް އަމާޒުވެފައި ވަނީ ލޯބީގެ ސިއްރު ގުޅުމެއް ހިންގަވާ ކަމަށް ބެލެވޭ އަންހެނަކަށް މޯބައިލް ފޯނުން ފޮނުއްވި ޓެކްސްޓް މެސެޖުތަކެއް އާންމުވެ ދައުރުވާން ފެށުމާ ގުޅިގެންނެވެ. އިންޑިއާގެ އެކްސްޓާނަލް އެފެއާޒް އިން މިހާރު މި މައްސަލަ ބަލަމުންދާ ކަމުގެ ރިޕޯޓްތައް ލިބެ އެވެ.

އަޑުއަރާފައިވާ ގޮތުން މުލޭގެ ވަގު ލޯބިވެރިޔަކީ އިންޑިއާ ދަރިކޮޅަށް ނިސްބަތްވާ އެމެރިކާގެ ފިޒީޝަނެކެވެ. އަކަނިމާއެކަނި ތަންތަނަށް ވަޑައިގަތުން މުލޭ އަށް ރަސްމީކޮށް މަނާކޮށް ކޮންޓްރޯލްކޮށްފައި އޮތް ނަމަވެސް މި ފިޒީޝަނަކަށް ހިތް ދޫކޮށްލައްވައިގެން މުލޭ އެކަނި ބޭރަށް ވަޑައިގެން މި އަންހެން މީހާއާ ބައްދަލުކުރައްވާ މައްސަލަ ވެސް މިހާރު އޮތީ ބޮޑުވެފަ އެވެ.

އަންހެން މީހާ އަށް މުލޭ ފޮނުއްވާފައިވާ ޓެސްޓް މެސެޖުތަކުން ވެސް މުލޭ މި އަންހެން މީހާއާ އެކު ލޯބީގެ ކަނޑަކަށް ފެތި ނިމިފައިވާކަން އެނގެ އެވެ.

"އަހަރެންގެ ހިޔާލުގައި ވަނީ އަބަދުވެސް ތިބާ. ވެރިވި ނުތަނަވަސްކަމުން ތިބާ އަށް ލުއިކަމެއް ލިބި ހަމަޖެހިލެވިއްޖެ ކަމަށް އުއްމީދުކުރަން،" ނިއު ޔޯކްގައި ދިރިއުޅޭ އިންޑިއާގެ މީހުންގެ މެދުގައި ދައުރުވަމުން އަންނަ މުލޭގެ ޓެކްސްޓް މެސެޖުތަކުގެ ތެރެއިން އެއް މެސެޖުގައިވެ އެވެ. 

މުލޭ އަކީ ހަމަ އަސްލަށް ވެސް ނިކަން މޮޅު ޝާއިރެކެވެ. މިފަދަ ލޯބީގެ ވާހަކަތަކެއް ރާއްޖޭގައި ނުދެއްކެވިޔަސް ނިކަން ފައްކާ ޅެން ފޮތެއް ނެރުއްވެވި އެވެ. 

ކޮންމެއަކަސް ދެން މި އޮތީ މުލޭގެ އަސަރުގަދަ އެހެން ޓެކްސްޓެކެވެ.

"އަހަރެން މިރޭ ނިދަން އަރާނީ ވެސް ތިބާގެ ހިޔާލުތަކާ އެކު. ވަރަށް ބޮޑަށް ޝުކުރިއްޔާ."

މި މެސެޖުތަކަށް ބަލާއިރު އެންމެން ވެސް ބުނަނީ ލޯބީގެ މި ކުޅިގަނޑެއްގައި މުލޭ އުޅުއްވަނީ ވަރަށް ވެސް ކުރީގައި ކަމަށެވެ. މި މެސެޖުތަކުގެ ތެރެއިން އެންމެ ގިނަ ބައެއްގެ ސަމާލުކަން ލިބިފައި ވަނީ "ކޮންމެވެސް ރައިޑެއް ދޭން" ނުވަތަ "ރައިޑެއް ހޯދަން ކެތްމަދުވެފައިވާ" ކަމަށް ވިދާޅުވެ މުލޭ ކުރައްވާފައިވާ ޓެކްސްޓްތަކަކަށެވެ.

މި ޓެކްސްޓް މެސެޖުތައް އާންމުގެ އެމެރިކާގައި ދިރިއުޅޭ އިންޑިއާ މީހުން ބޮޑަށް ރުޅިގަދަވެފައި ވަނީ އެމީހުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ފޯރުކޮށް ނުދެއްވައި ޒުވާން އަންހެން ކުދިން ގޮވައިގެން މުލޭ އުޅުއްވާކަން ފަޅާއެރުމުންނެވެ.

ވަގު ލޯބިވެރިއެއްގެ މައްސަލާގައި މުލޭ ހޫނުފެނަށް ވެއްޓިވަޑައިގެންފައިވާއިރު އެބޭފުޅާގެ މި އާ ވަޒީފާއާ ގުޅިގެން ދިރިއުޅުއްވަނީ ވެސް އާންމުކޮށް އަނބިކަނބަލުންނާ ދުރުގަ އެވެ. މުލޭ ނިއު ޔޯކްގައި ޒުވާން އަންހެން ކުދިންނަށް ހިތް ދޫކޮށްލައްވައިގެން އުޅުއްވާއިރު އަނބިކަނބަލުން ވަޒީފާ އަދާކުރައްވަނީ އިންޑިއާގެ ވެރިރަށް ނިއު ދިއްލީގަ އެވެ.

ދެމަފިރިން އެއްތަން ވަނީ މިހާރު ވަރަށް ވެސް މަދުންނެވެ.