ހަބަރު

ބަންދު އިތުރުނުކޮށް ވެލެޒިނީއަށް ފަރުވާ ދެނީ

އިސްލާމްދީނަށް ފުރައްސާރަކޮށް ވާހަކަ ދެއްކި ކަމުގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ކުރީގެ މެންބަރު އައިޝަތު ވެލެޒިނީއަށް ފަރުވާ ދިނުމަށް އޭނާ ހޮސްޕިޓަލްގައި އެޑްމިޓްކޮށްފި އެވެ.

މައުލޫމާތު ލިބޭ ގޮތުގައި ވެލެޒިނީ އެޑްމިޓްކޮށްފައިވަނީ އޭނާގެ ބަންދު އިތުރުކުރުމަށް ކުރިމިނަލް ކޯޓަށް ނުގެންދަން ނިންމުމަށްފަހު އެވެ. ނަމަވެސް މިކަމާ ގުޅިގެން ފުލުހުންގެ ބަހެއް ނުލިބެ އެވެ.

ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވެލެޒިނީ ހައްޔަރުުކުރީ، ގިނަ ދުވަސްތަކަކަށް ރާއްޖެއިން ބޭރުގައި ހުރުމަށްފަހު އިއްޔެ ހެނދުނު މާލެ އައުމުންނެވެ. ނަމަވެސް ފުލުހުން އޭނާ ހައްޔަރުކުރުމާއެކު ސޯޝަލް މީޑިއާގައި އެ މައްސަލާގައި ހިޔާލު ތަފާތުވެ އެކަންވަނީ ބޮޑު ބަހުސަކަށް ވެފަ އެވެ. އެއް ބަޔަކު އެކަމަށް ތާއީދުކުރަމުންދާއިރު، އަނެއް ބަޔަކު ދަނީ ވެލެޒިނީގެ ނަފްސާނީ މައްސަލަ ހުންނަ ކަމަށް ބުނެ، އެފަދަ މީހަކު މީހަކަށް ފަރުވާގެ ފުރުސަތު ދިނުމުގެ ބަދަލުގައި ހައްޔަރުކުރުމުން ފުލުހުންނަށް ފާޑުކިޔާފަ އެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެލެޒިނީގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން އޭނާ ހައްޔަރުކޮށްފައިވަނީ، ކުށުގެ ތުހުމަތުގައި ހައްޔަރުކޮށް ބަންދުކުރެވޭ މީހުންނާމެދު އަމަލުކުރަން ރާއްޖޭގެ ގާނޫނުތަކުން ކަނޑައަޅައި ބަޔާންކޮށްފައިވާ އިޖުރާއަތުތަކާ އެއްގޮތަށް ކަމަށެވެ. އެހެންކަމުން ވެލިޒިނީއަށް ވެސް ގާނޫނީ ގޮތުން ލިބެންޖެހޭ ހުރިހާ ހައްގެއް ކަށަވަރުކޮށް ދެވޭނެ ކަމަށާއި އޭގެ ތެރޭގައި އޭނާގެ ސިއްހީ ހާލަތަށް ބަލައި، ހާއްސަ ސިއްހީ ފަރުވާއެއް ދޭންޖެހޭނަމަ އެ ފަރުވާއެއް ލިބޭނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ބުންޏެވެ.

ދީނަށް ފުރައްސާރަ ލިބޭ ގޮތަށް ވެލެޒިނީ ސޯޝަލް މީޑިއާގައި އޭނާގެ އެ އަމަލުތަކާ ގުޅިގެން ބައެއް މީހުން ގަބޫލުކުރާ ގޮތުގައި އޭނާއަށް ވަނީ ނަފްސާނީ ގޮތުން މައްސަލަތަކެއް ދިމާވެފަ އެވެ. އެހެން ނަމަވެސް އެފަދަ ރަސްމީ ޑައިގްނޯސިސްއެއް މިހާތަނަށް ހާމަވެފައެއް ނެތެވެ.