ހަބަރު

އިޖުތިމާއީ މަސައްކަތަކަށް އައިޝާގެ ފައުންޑޭޝަނެއް

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ހަގު އަނބިކަނބަލުން އައިޝަތު ނަހުލާ، އައިޝާ އިޖުތިމާއީ މަސައްކަތްތައް ކުރެއްވުމަށް ފައުންޑޭޝަނެއް އުފައްދަވައިފި އެވެ. އެ ފައުންޑޭޝަނަކީ އެސޯސިއޭޝަން ފޯ ސޯޝަލް ބެނިފިޓްސް އެންޑް
އެއިޑް، އަސްބާ އެވެ.

އަސްބާ ރަސްމީކޮށް ލޯންޗުކޮށްފައިވަނީ ރޭ ހޮޓެލް ޖެންގައި ބޭއްވި ރަސްމިއްޔާތެއްގަ އެވެ. ފައުންޑޭޝަން ލޯންޗުކޮށް ދެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ އަނބިކަނބަލުން ލައިލާ އަލީ އެވެ. އެ ރަސްމިއްޔާތުގައި ރައީސް ނަޝީދު ވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޖުމްހޫރީ ޕާޓީގެ ކައުންސިލް މެންބަރުކަން ވެސް ކުރައްވާ އައިޝާ ވިދާޅުވީ ފައުންޑޭޝަނުން ފަށާ މަސައްކަތުގެ އެންމެ މުހިންމު މަގުސަދަކީ އިޖުތިމާއީ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯދައިދިނުން ކަމަށެވެ. ނަތީޖާ ނެރެން ބޭނުންވާ މީހަކަށް އެންމެ މުހިންމު ވާނީ ވަގުތީ ނަތީޖާއެއް ނެރުމަށްވުރެ ދެމެހެއްޓެނެވި ނަތީޖާއެއް ނެރުން ކަމަށް އައިޝާ ވިދާޅުވި އެވެ.

އައިޝާ ވިދާޅުވި ގޮތުގައި ދެމެހެއްޓެނެވި ހައްލުތަކެއް ގެނެވޭނީ އަމިއްލަ ފައި މައްޗަށް ތެދުވެ އަމިއްލައަށް ދިރިއުޅުން އާރާސްތު ކުރެވޭ މިންވަރަށް ފަރުދުން ބާރުވެރިކޮށްގެންނެވެ. އެކަމަށް މަސައްކަތް ކުރައްވާނެކަން ފާހަގަކުރެއްވި އެވެ. މަގުމަތިވެފައިވާ ޒުވާނުންގެ ހަޔާތް އާރާސްތުކުރުމަށް ވެސް އެކަށީގެންވާ މަސައްކަތްތަކެއް ކުރައްވާނެ ކަމުގެ ޔަގީންކަން އައިޝާ ދެއްވި އެވެ.

ފައުންޑޭޝަން އުފެއްދުމުގެ އެންމެ ބޮޑު ހިތްވަރަކަށް އަދި ރައުސްމާލަކަށްވީ އާއިލާ ކަމަށާއި އެކަމަށްޓަކައި އާއިލާއަށް ޝުކުރު އަދާކުރައްވާ ކަމަށް އައިޝާ ވިދާޅުވި އެވެ. ރަސްމިއްޔާތުގައި އައިޝާގެ މަންމަ ހަދީޖާ އިބްރާހިމް ވެސް ބައިވެރިވި އެވެ.

ރަސްމިއްޔާތުގައި ގާސިމް އިބްރާހިމް ވެސް ބައިވެރިވެވަޑައިގެންނެވިއިރު ކޯލިޝަން ޕާޓްނަރެއް ކަމަށްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވެސް ބައިވެރިވެވަޑައިގަތެވެ. އޭގެ އިތުރުން އިޖުތިމާއީ މަސައްކަތްތައް ކުރައްވާ ބޭފުޅުންނާއި އަންހެނުންގެ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކާއި ބައެއް ގައުމުތަކުގެ ސަފީރުން ވެސް ރަސްމިއްޔާތުގައި ބައިވެރިވި އެވެ.

އައިޝާ އާންމުންގެ ތެރެއަށް ނުކުމެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ކޮންގްރެސްގެ ތެރެއިންނެވެ. އޭނާ ޕާޓީ ކައުންސިލްގެ މެންބަރު ކަމަށް އިންތިހާބުވެވަޑައިގެންފައިވާއިރު، ރިޔާސީ އިންތިހާބުގެ ކެމްޕެއިން ދުވަސްވަރު ބުރަކޮށް މަސައްކަތް ކުރައްވާފައިވެ އެވެ.

އެގޮތުން ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއާއެކު އަދި އަމިއްލައަށް ވެސް ރަށްރަށަށް ވަޑައިގެން ކެމްޕެއިން ކުރައްވާފައިވެ އެވެ. ފަސްދޮޅަހަށްވުރެ ގިނަ ރަށްރަށް އޭނާ ވަޑައިގަތެވެ. އައިޝާ ސިޔާސީ މައިދާނަށް ނުކުމެވަޑައިގެންނެވީ ދޮން ދަރިކަލުން އިބްރާހިމް ސިޔާދު ގާސިމް ޖަލަށްލުމާ ގުޅިގެން ކަމަށް ވަނީ ވިދާޅުވެފަ އެވެ. ގާސިމް ވަނީ އައިޝާގެ
ހިތްވަރާއި އޭނާގެ ބުރަ މަސައްކަތަށް ވަރަށް ބޮޑަށް ތައުރީފް ކުރައްވާފަ އެވެ.