ހަބަރު

ޖުމްހޫރީ ޕާޓީއާ ގުޅޭކަށް ނޫޅެން: ޝަހީމް

ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ރަނިންމޭޓްގެ ގޮތުގައި ރިޔާސީ އިންތިހާބުގައި ވާދަ ކުރެއްވި ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގަންނަވަން އުޅޭ ކަމުގެ ވާހަކަ އޭނާ ދޮގު ކުރައްވައިފި އެވެ.

މި ދުވަސްވަރު ޖުމްހޫރީ ޕާޓީއަށް ގިނަ ބޭފުޅުންތަކެއް ދަނީ ގުޅެމުންނެވެ. އޭގެ ތެރޭގައި ޕީޕީއެމްއިން ވަކިވެގެން އަންނަ ބޭފުޅުން ހިމެނެ އެވެ. ޑރ. ޝަހީމް ވެސް ޖުމްހޫރީ ޕާޓީއާ ވަރަށް އަވަހަށް ގުޅިވަޑައިގަންނަވާނެ ކަމަށް ސޯޝަލް މީޑިއާގައި ބައެއް މީހުން ވަނީ ބުނެފަ އެވެ.

ނަމަވެސް އެކަން ދޮގު ކުރައްވައި މިއަދު ޑރ. ޝަހީމް އަވަސްއަށް ވިދާޅުވީ އެއީ ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށެވެ.

ޑރ. ޝަހީމް ޕީޕީއެމްއާ ގުޅިވަޑައިގެންނެވީ، ރައީސް ޔާމީންގެ ރަނިންމޭޓެއްގެ ގޮތުގައި ހަމަޖެއްސުމުންނެވެ. އޭގެ ކުރިން އޭނާ ހުންނެވީ ޕާޓީއެއްގެ މެންބަރެއްގެ ގޮތުގައެއް ނޫނެވެ. އަދާލަތު ޕާޓީއިން މާކުރިން ވަނީ ވަކިވެވަޑައިގެންފަ އެވެ.

ރިޔާސީ އިންތިހާބަށްފަހު ޑރ. ޝަހީމް ސިޔާސީ މަސައްކަތްތައް އެއް ފަރާތް ކުރެއްވުމަށްފަހު އުޅުއްވީ ޔުނިވާސިޓީގެ މަސައްކަތްތަކުގަ އެވެ. އެގޮތް އިހްތިޔާރުކުރީ ގައުމުގެ ހަމަޖެހުމަށް ކަމަށް ވިދާޅުވި އެވެ. އޭނާ ވިދާޅުވެފައިވާ ގޮތުން ސިޔާސީ މަސައްކަތަށާއި ދީން ކުރިއެރުވުމުގެ މަސައްކަތަށް މި މަހުގެ ތެރޭގައި އޭނާ އަލުން ނުކުންނަވާނެ އެވެ. ނަމަވެސް ސިޔާސީ ހަޔާތް ކުރިއަށް ބައްޓަން ކުރައްވާފައިވާ ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.