ހަބަރު

ސަރުކާރުގެ ކުންފުނިތަކުން ފެނުނީ ކޮރަޕްޝަނާއި ވައްކަން: ޓްރާންސިޝަން ކޮމިޓީ

ސަރުކާރުގެ ހުރިހާ ކުންފުންޏެއްވެސް އޮތީ މާލި ގޮތުން ވަރަށް ދަށް ހާލަތެއްގައި ކަމަށާއި، ކުންފުނިތަކުގައި އޮތީ ކޮރަޕްޝަނާއި ވައްކަން ކަމަށް އެ ކުންފުނިތަށް އެނަލައިޒް ކުރި ޓްރާންސިޝަން ކޮމިޓީއިން ބުނެފި އެވެ.

އެ ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާއެސްޓިއޯގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވީ، އެސްޓިއޯ އިން ބޭންކުތަކުން ނަގާފައިވާ ލޯންތަކުގެ އިންޓްރެސްޓަށް އެކަނިވެސް 180 މިލިއަން ރުފިޔާ އަރާ ކަމަށެވެ. އެސްޓީއޯއިން އެލޯނުތަށް ނަގަން ޖެހެނީ ސަރުކާރުން އެކުންފުންޏަށް ދައްކަންޖެހިފައިވާ 2.5 ބިލިއަން ރުފިޔާ ނުދައްކާ އޮތުމުން ކަމަށެވެ. އެކަމުގެ ސަބަބުން ކުންފުންޏަށް ހަގީގަތުގައި ފައިދާ ނުވާކަންވެސް އޭނާ ފާހަގަކުރެއްވި އެވެ.

އާޒިމް ވިދާޅުވީ، އެސްޓިއޯގެ ދަށުގައި މިހާރު އޮތް ސަރުކާރުގެ މަސް ކުންފުނި މިފްކޯ އަށް 50 މިލިއަން ރުފިޔާގެ ތަކެތި ގަތުމަށްޓަަކައި ފައިސާ ދައްކާފައިވާ ކަމަށެވެ. އެހެން ނަމަވެސް މިހާތަނަށް އައި އިރުވެސް އެތަކެތި އެ ކުންފުންޏަށް ލިބިފައިނުވާކަމަށް އޭނާ ވިދާޅުވި އެވެ. މިއީ ކޮރަޕްޝަނެއްގެ ގޮތުގައި އޭނާ ތުހުމަތު ކުރެއްވި އެވެ.

"ސަރުކާރުގެ ކުންފުނިތަކުގައި އޮތީ ކޮރަޕްޝަނާއި ވައްކަން ވަރަށް ބޮޑަށް އަށަގަނެފައި. އެކަންކަމަށް ކުންފުނިތަކުގެ އިސް ވެރިންނާއި، ބޯޑު މެމްބަރުން ޒިންމާވާން ޖެހޭނެ. އެކަމަކު މިހާރު މިވާ ގޮތަކީ މިކަންކަން ހިންގާފައި މި ދަނީ. އެޒިންމާއިން ރެކި ނުގަނެވޭނެ ގޮތެއް ހެދުމަށްޓަކައި ގާނޫނެއް އެކަމަށް ބޭނުންވޭ،" އާޒިމް ވިދާޅުވި އެވެ.

އެސްޓިއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އަކީ ވަރަށް ގިނަ ވިޔަފާރިވެރިންތަކެއް ނާޖާއިޒު ފައިދާ ނަގާތަނެއް ކަމަށާއި، ހާއްްސަކޮށް ސިޔާސީ ބޭފުޅުން އެކުންފުނީގެ ނާޖާއިޒު ފައިދާ ނަގަމުންދާ ކަމަށް އެ ކޮމިޓީން ވަނީ ބުނެފަ އެވެ. އެކުންފުންޏަކީ ރަނގަޅު އޮޑިޓެއް ހަދައި، ސަމާލުވާން ޖެހޭ ތަނެއް ކަމަށާއި، މިހާރުވެސް އެކުންފުންޏަށް ލިބެންޖެހޭ 100 މިލިއަނެއްހާ ރުފިޔާގެ މައްސަލަތަށް ޝަރުއީކޯޓުތަކުގައި ހިނގަމުން އަންނަ ކަމަށް އެ ކޮމިޓީއިން ވަނީ ބުނެފަ އެވެ.