ދުނިޔެ

އީޔޫއިން ވަކިވުމުގެ އެއްބަސްވުމަށް އިނގިރޭސި ކެބިނެޓުން ތާއިދުކޮށްފި

Nov 15, 2018

ލަންޑަން (ނޮވެމްބަރު 14) - ޔޫރަޕިއަން ޔޫނިއަން (އީޔޫ) އިން އިނގިރޭސިވިލާތް ވަކިވުމަށް އެކުލަވާލި އެއްބަސްވުމަށް ސަރުކާރުގެ ތާއީދު ލިބިފައިވާކަމަށް، އިނގިރޭސި ބޮޑު ވަޒީރު ތެރޭސާ މޭ އިއުލާނުކުރައްވައިފި އެވެ.

ކެބިނެޓުގައި ފަސް ގަޑިއިރަށް ދިގުދެމިގެންދިޔަ މަޝްވަރާތަކަށްފަހު، މިނިސްޓަރުންގެ ތާއީދު އެ އެއްބަސްވުމަށް އޮތް ކަމަށް މޭ ވަނީ ވިދާޅުވެފަ އެވެ.

"ކުރިއަށް އޮތް ދުވަސްތަކުގައި އެއްބަސްވުމަކަށް އާދެވުމަށް މިއީ އެޅިގެން ވަރަށް މުހިންމު ފިޔަވަޅެއް، މި ނިންމުންތަކަކީ އެއްވެސް ގޮތެއްގައި ފަސޭހަ ނިންމުންތަކެއް ނޫން، ނަމަވެސް އަޅުގަނޑު ގަބޫލުކުރަނީ މި ކަމަކީ ގައުމުގެ ހައްގުގައި ކުރެވުނު ކަމެއްކަމަށް،" މޭ ނޫސްވެރިންނަށް ވިދާޅުވި އެވެ.

ޔޫރަޕިއަން ޔޫނިއަނުން ވަކިވާން ފެންނަ ކަމަށް ވޯޓްދީފައި ވަނީ 2016 ވަނަ އަހަރެވެ. އެކަމުގައި ފުރިހަމަ ކުރަން ޖެހޭ ކަންތައްތައް ފުރިހަމަކޮށް، އެގައުމު އީޔޫއިން ރަސްމީކޮށް ވަކިވާނީ އަންނަ އަހަރުގެ މާޗު މަހު އެވެ.

ނަމަވެސް، މޭ ހުށަހަޅުއްވާފައި އެއްބަސްވުމުގައި ގަބޫލުކުރަން ދަތި ކަންތައްތަކެއް ހުރި ކަމަށް، ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުން ދަނީ ވިދާޅުވަމުންނެވެ. އިނގިރޭސި ޕާލިމަންޓުގައި މި އެއްބަސްވުން ދިފާއުކުރެއްވުމުގެ މަސައްކަތް މިއަދުގެ ވަގުތެއްގައި މޭ ފައްޓަވާނެކަމަށް ބެލެވެ އެވެ.

މޭ ހުށަހެޅުއްވި އެއްބަސްވުމުގައި އެންމެ ބޮޑަށް ހިޔާލުތަފާތުވެފައިވަނީ ކަސްޓަމްސް ޗެކު ކުރާ ބޯޑަރު ޕޯސްޓުތަކާއި ގުޅޭގޮތުން ނެވެ. މިގޮތުން ދެކުނު އަޔަލަންޑުގެ ބޯޑަރުގައި އިނގިރޭސި ޗެކް ޕޮއިންޓެއް ގާއިމުނުކުރުމަށް ހިމަނާފައިވުމަކީ، އީޔޫއިން ވަކިވި ނަމަވެސް، އެ އިއްތިހާދުގެ ގަވާއިދުތަކަށް ތަބާވާންޖެހުން ކަމުގައި، މޭ އާ ދެކޮޅު ޕާލިމަންޓް މެމްބަރުން ވަނީ ސިފަކުރައްވާފަ އެވެ.

މި އެއްބަސްވުމަކީ އިނގިރޭސިވިލާތް އީޔޫ އިން ވަކިވުމަށްފަހު ދެ ފަރާތުން ވެސް އަމަލު ކުރަންޖެހޭ ކަންތައްތައް ކަނޑައެޅުމަށް އެކުލަވާލެވޭ އެއްބަސްވުމެކެވެ.

އޭގެ ތެރޭގައި، 21 މަހުގެ އިންތިގާލީ މަރުހަލާއެއްގެ އިތުރުން، އިނގިރޭސިވިލާތުން އީޔޫއަށް ދައްކަންޖެހޭ 35 އާއި 39 ބިލިއަން ޑޮލަރުގެ އަދަދެއް ވެސް ވަނީ ހިމަނާފަ އެވެ.