ލައިފްސްޓައިލް

ރޯދަ އަށް ތައްޔާރުވެއްޖެތަ؟

އާންމުދިރިއުޅުމާއި ރޯދަ މަހުގެ ދިރިއުޅުން ވަރަށް ވެސް ތަފާތެވެ. ހާއްސަކޮށް ކެއުމުގެ ކަންތައްތަކުގަ އެވެ. ކެއުމުގެ ގަޑިތައް މަސް ދުވަހަށް ބަދަލުވެ ހަށިގަނޑުގެ މަސައްކަތްތަކަށް ވެސް ކޮންމެވެސް ވަރެއްގެ ބަދަލުތަކެއް އެބަ އާދެ އެވެ.

އެހެންވީމަ ރޯދަ ހިފަން ފެށުމުގެ ކުރިން މިކަމަށް ހަށިގަނޑު ތައްޔާރުކޮށްލުމަކީ އާންމުދިރިއުޅުމުން ކުއްލިއަކަށް ރޯދަ މަހުގެ ދިރިއުޅުމަށް ބަދަލުވެ ކެއުމާއި ނިދުމުގެ ވަގުތުތައް ބަދަލުވެގެން ބައެއް މީހުންނަށް ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކަށް ލުއެއް ހޯދިދާނެ ކަމެކެވެ. އާންމުކޮށް ދުވާލުގެ ތިން އިރަށް ކައި ހެލިފެލިވެ އުޅެމުން ގޮސް ކުއްލިއަކަށް ރޯދަހިފަން ފެށުމަކީ، ގަބޫލުކުރަން ބޭނުން ނުވިޔަސް، ބައެއް މީހުންނަށް ސިއްހީ މައްސަލަތަކެއް ކުރިމަތިވެދާނެ ކަމެކެވެ.

އެހެންވީމަ ރޯދަހިފަން ފެށުމުގެ ކުރިން ރޯދަ އަށް ތިމާގެ ހަށިގަނޑު ތައްޔާރުކުރާނީ ކިހިނެތް ހެއްޔެވެ؟

ރަމަޟާން މަހަކީ ހަގީގަތުގައި ވެސް ކެއުމުގެ ފޯރި ނިކަން ބޮޑުވެގެންދާ މަހެކެވެ. ކަންމިހެން އޮތަސް އެތައް އިރެއް ވަންދެން ނުކައި ތިބެގެން ވާ ގުރުބާނީ އަކީ ވެސް ބޮޑު ގުރުބާނީއެކެވެ.

ރޯދަ މަހުގެ ދުވަސްތައް ބޯމަތިވެފައިވާއިރު މި ދުވަސްކޮޅު ކެއުން މަދުކޮށްލުމަކީ ކުއްލިއަކަށް ރޯދަހިފަން ފަށާއިރު ފަސޭހަތަކެއް ލިއްބައިދޭނެ ކަމެކެވެ. އާދައިގެ މަތިން ނިކަން ގަދަ އަށް ކާ މީހެއް ނަމަ އެ މީހެއްގެ ކެއުން މަދުކޮށް ރޯދަ އަށް ތައްޔާރުވުން މުހިންމެވެ. ސަބަބަކީ ގަދަ އަށް ކާ މީހަކު އެގޮތުގައި ކައި ބަނޑުބޮޑުކޮށްލައިގެން ރޯދަމަހާ ކުރިމަތިލައިފި ނަމަ ކުއްލިއަކަށް ހުސްބަނޑާ ހުންނަން ޖެހުނީމަ އެމީހަކަށް މައްސަލަތަކެއް ދިމާވެދާނެތީ އެވެ.

އާދަވެގެން ގަދައަށް ކެއުމަކީ މިގޮތަށް ކާ މީހާގެ އެޕަޓައިޓް އިތުރުކޮށްދޭނެ ކަމެކެވެ. އެހެންވީމަ ރޯދަ މަސް ފެށުމާ އެކު ހުސްބަނޑާ ހުންނަން ޖެހޭނެކަން ދަނެ އެކަމަށް ކުރިއާލައި ތައްޔާރުވުން މުހިންމެވެ.

ގަވާއިދުން ކޮފީ ބޯ މީހުން ތިބެނީ އެއަށް ދެވިހިފައިފަ އެވެ. ހެނދުނު ހިއްލާލާ ގޮތަށް ވެސް ކޮފީއަކުން "މޯނިން ކަނޑާލަން" ބޭނުންވާ މީހުން ވަރަށް ގިނަ އެވެ. ހާއްސަކޮށް މި އުޅޭ ގިނަ ޒުވާން ކުދިންނަކީ ކޮފީގެ ޝިކާރައަކަށްވެ ނިމިފައިވާ ކުދިންނެވެ.

އެހެންވީމަ ގަދަ އަށް ކޮފީބޯ މީހެއް ނަމަ ކޮފީ ބޯ މިންވަރު މިއަދުން ފެށިގެން މަދުކޮށް ރޯދަމަހަށް ތައްޔާރުވުން މުހިންމެވެ. ނުވަތަ ފުރަތަމަ ރޯދައާ އެކު ބޮލަށް އަރައިގަންނަ އެނބުރުންގަނޑުން ކުރިއަށް އޮތް 30 ދުވަހު ވެސް ސަލާމާތްވާނެހެންނެއް ހީއެއް ނުވެ އެވެ.

ބައެއް މީހުންނަކީ އަނގަޔަށް ކާ އެއްޗެއް ލައިގެން ހަފާލަހަފާލަ ނޫނީ ނުތިބެވޭ މީހުންނެވެ. ޓީވީ ބަލަން ސޯފާގައި އޮށޯވެލައިގެން އޮންނައިރު ވެސް ނުވަތަ އޮފީހުގައި މަސައްކަތެއްކުރާއިރު ވެސް ނުވަތަ ފާހާނާ ތަށިގަނޑުމަތީގައި އިންނައިރު ވެސް މިފަދަ ގިނަ މީހުންނަށް ހިތްހަމަޖެހުމެއް ލިބެނީ ކާއެއްޗެއް އަނގަޔަށް ލައިގެންނެވެ.

އެހެންވީމަ މިފަދަ ގޮތަށް ކެއުމަށް އާދަވެފައިވާ ނަމަ އަވަހަށް މި އާދަ ދޫކޮށް ދުވާލުގެ ތިން މީލަށް ބަރޯސާވާށެވެ. ރޯދަ މަހު އަދި ނަގަން މި ލިބެނީ ދެ މީލެވެ. އެހެންވީމަ ދުވާލުގެ ހަތަރުދަމުގައި ތިމާ ކުރަން ޖެހޭ ކަމަކީ ކެއުން ކަމަށް ހީވެފައިވާ މީހުން އެމީހުންގެ މި ނުބައި އާދަ ދޫކޮށްލުމަކީ ވެސް ކުއްލިއަކަށް ރޯދައަށް ހުންނަން ޖެހުމުން ފަސޭހަތަކެއް ވެގެންދާނެ ކަމެއްކަން ޔަގީނެވެ.

މިކަމަށް ވެސް ދެވިހިފާފައިވާ ނަމަ ރޯދަ މަހާ އެކު ކޮންމެވެސް ކަހަލަ މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު ބޮޑެވެ. ރޯދަ އަށް ހުރެ ސިނގިރޭޓް ނުބޮވުމަކީ ރޯދަ އަށް ހުންނަ މީހާ ބައެއް ފަހަރު "ސިކުވެގެން" ރުޅިގަދަވެ ކެތްތެރިކަންކޮޅުން ލައިގެން ދިއުން ފަދަ މައްސަލަތައް ކުރިމަތިވެދާނެ ކަމެކެވެ.

މިފަދަ ނުތަނަވަސްކަމުން ސަލާމަތްވުމަށް ކުރިއާލައި ތައްޔާރުވެ ސިނގިރޭޓް ބޯ މިންވަރު ރޯދަ މަހާ ދިމާކޮށް މަދުކޮށްލުމަކީ ފަސޭހަތަކެއް ލިބިގެން ދާނެކަމެއްކަން ޔަގީނެވެ. އަނެއްކޮޅުން ސިނގިރޭޓް ބުއިން ހުއްޓާލަން ބޭނުންވެފައިވާ މީހާ އެކަން ކާމިޔާބުކުރުމަށް ވެސް މި އަށް ވުރެ ބަރަކާތްތެރި މައްސަރެއް އަންނާނެ ހެއްޔެވެ؟

ރޯދަ މަހަށް ވަންނައިރު މިއީ ވެސް ސަމާލުކަން ދޭން ރަނގަޅު ކަމެކެވެ. އެކަމަކު ރޯދަ މަސް އައީއޭ ކިޔާފައި އިރުއޮއްސެންދެން ނިދުމަކުން އަދި ނިންޖެއް ހަމައެއް ނުޖެހޭނެ އެވެ.

ހަމަ ނިދި ނުލިބުމަކީ އާންމު ދިރިއުޅުމުގައި ވެސް އިންސާނާ އަށް ގިނަ މައްސަލަތަކެއް ކުރިމަތިކުރުވާ ކަމެކެވެ. އެހެންވީމަ ރޯދަ މަހު ވެސް ނިންޖަށް ސަމާލުވާން ޖެހޭނެ އެވެ. ރޯދަ މަހަކީ ދިވެހިންގެ ތެރެއިން ގިނަ ބަޔަކު، ރޭގަނޑު ދަންވަންދެން ނުނިދައި ތިބޭ މަހަކަށްވާއިރު މިފަދަ ގޮތަކަށް ރޯދަމަހުގެ ލައިފްސްޓައިލް އާދަވުމަކީ މައްސަލަތަކެއް ދިމާވެދާނެ ކަމެއް ކަމަށް ބެލެވެ އެވެ. 

އެހެންވީމަ ވަކި ވަރަކަށް ނިދާލައިގެން ނިދި ހަމަޖައްސާލައިގެން އުޅުން ބުއްދިވެރި އެވެ.

މިއީ ވެސް ވަރަށް މުހިންމު ކަމެކެވެ. ރޯދަ އަށް ހުރެ ބަދިގެ އަށް ބޭނުންވާ ހުރިހައި އެއްޗެހިތަކެއް ނުވަތަ ކައްކަން ބޭނުންވާ އެއްޗެހިތައް ހޯދަން އެއްތަނުން އަނެއް ތަނަށް ދުވަން ވެއްޖެ ނަމަ ހިފައިގެން ހުންނަ ރޯދަ އަތުން ދޫވެގެން ދިއުމުގެ ފުރުސަތު ވެސް އޮވެ އެވެ. ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި މާރުކޭޓަށް ބޯދިއްކޮށްލިޔަސް މި ދެންނެވި ކަހަލަ މަންޒަރުތައް ވަރަށް ގިނައިން ފެންނާނެ އެވެ.

އެހެންވީމަ ރޯދަވީއްލުމަކަށް ތައްޔާރުކުރާނެ އެއްޗެހިތައް ކުރިއާލައި ޕްލޭންކޮށް މި އެއްޗެހިތައް ހެދުމަށް ބޭނުންވާ ސާމާނު މިހާރު ވެސް ގަނެފައި ބެހެއްޓުން ބުއްދިވެރި އެވެ.