ދުނިޔެ

ޚާޝުގްޖީ ގަތުލުގައި ތުހުމަތު ކުރެވޭ މީހުންނަށް މަރުގެ އަދަބު ދެނީ

Nov 15, 2018

ރިޔާދު (ނޮވެމްބަރު 15) - ތުރުކީގެ އިސްތަންބޫލުގައި ހުންނަ ސައުދީ ކޮންސިއުލޭޓްގެ ތެރޭގައި ނޫސްވެރިޔާ ޖަމާލް ޚާޝުގްޖީ މަރާލި މައްސަލާގައި ތުހުމަތު ކުރެވޭ ފަސް މީހުންނަށް މަރުގަ އަދަބު ދޭން މަސައްކަތް ކުރާނެކަމަށް، ސައުދީގެ ބަންޑަރަ ނައިބު ވިދާޅުވެއްޖެ އެވެ.

ސައުދީގެ އެޓާނީ ޖެނެރަލް ސައުދު އަލް-މުޖެބް މިއަދު ނޫސްވެރިންނަށް ވިދާޅުވީ، ތުހުމަތު ކުރެވޭ މީހުން ވަނީ ކޮންސިޔުލޭޓު ތެރޭގައި ޚާޝުގްޖީ އާއި "ވާހަކަ ދެއްކުން" ނާކާމިޔާބުވުމުން، އޭނާގެ ހަށިގަނޑު ކުދިކޮށް ކޮށާލުމަށް އަންގާފައި ކަމަށެވެ.

އަދި ޚާޝުގްޖީގެ ގަތުލުގައި ސައުދީ ވަލީ އަހުދު މުހައްމަދު ބިން ސަލްމާންގެ އެއްވެސް ދައުރެއްނުވާ ކަމަށް، އެޓާނީ ޖެނެރަލް ވަނީ މިއަދު ވެސް ތަކުރާރު ކުރައްވާފަ އެވެ.

އޭނާ އިތުރަށް ވިދާޅުވީ ޚާޝުގްޖީ މަރާލާފައިވަނީ އިންޖެކްޝަނެއް ޖަހައިގެން ކަމަށާއި، ނޫސްވެރިޔާގެ ހަށިގަނޑު ކުދިކޮށް ކޮށާލުމަށްފަހު ކޮންސިޔުލޭޓުން ބޭރަށް ގެންގޮސްފައިވާ ކަމަށެވެ.

ޚާޝުގްޖީ މަރާލުމުގައި މުހައްމަދު ބިން ސަލްމާންގެ ވަރަށް އަރިސް ތިން ބޭފުޅުން ކަމަށް ތުރުކީގެ އޮފިޝަލުން ދަނީ ތަކުރާރުކޮށް ބުނަމުންނެވެ.

އަދި އެކަމުގެ ހެއްކެއްގެ ގޮތުގައި، ތުރުކީ ސަރުކާރުން ވަނީ އެކަމުގެ އޯޑިއޯ ރެކޯޑިންއެއް އެމެރިކާ ހިމެނޭ ގޮތަށް ގިނަ ގައުމުތަކާ ހިއްސާކޮށްފަ އެވެ.

އެ ރެކޯޑިންގެ ސަބަބުން ޚާޝުގްޖީ މަރާލުމުގައި ސައުދީ ވަލީ އަހުދުގެ ސީދާ އަތެއްވާ ކަމުގެ ހެކި ލިބިފައިވާ ކަމަށް ގިނަ ފަރާތްތަކުން ބުނި ނަމަވެސް، އެމެރިކާއިން އެކަމަށް ވަނީ ދެކޮޅު ހަދާފަ އެވެ.

ސައުދީ ޝާހީ އާއިލާއާ ކުރިން ގާތް ގުޅުމެއް އޮތުމަަށް ފަހު، ފަހުން އެއާއިލާއަށް ވަރަށް ބޮޑަށް ފާޑުކިޔަމުން ދިޔަ ޚަޝޫގްޖީ ވީތަނެއް ނޭނގޭ ކަމަށް ބުނުމަށްފަހު، ނޫސްވެރިޔާ މަރުވެފައިވަނީ އޭނާއާ ސުވާލުކުރި ސައުދީ އޮފިޝަލުންތަކަކާ ދެމެދު ހިނގި "މާރާމާރީއެއްގައި" ކަމަށް ފަހުން ވަނީ ބުނެފަ އެވެ.

ސައުދީގެ އެޓާނީ ޖެނެރަލް ވިދާޅުވީ ޚާޝުގްޖީ މަރާލި މައްސަލާގައި ޖުމްލަ 21 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެ ތެރެއިން 11 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލާފަ އެވެ.

ޖަމާލް ސައުދީ އެމްބަސީއަށް ދިޔައީ، ތުރުކީ އަންހެނަކާ ކައިވެނިކުރުމަށް އޭނާގެ ވަރީގެ ސެޓްފިކެޓް ހޯދަން ކަމަށްވެ އެވެ.