ރިޕޯޓް

ހިތްދަތި ނިންމުމަކާއެކު ގާސިމް ސިޔާސީ މައިދާނާ ދުރަށް!

ޖޭޕީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު، ރާއްޖޭގެ އެންމެ ބޮޑު މަހުޖަނު ގާސިމް އިބްރާހިމްގެ ސިޔާސީ ހަޔާތް ގާތްގަނޑަކަށް މިހާރު ވެސް "ކަފުން" ވެއްޖެ އެވެ. ގާސިމަށް މި ދުނިޔޭގައި ނުލިބޭ އުފަލެއް ނެތެވެ. އޭނާ އަކީ ދުނިޔޭގެ ކޮންމެ އުފަލަކަށް ވެސް އަތްފޯރާފަށުގައި ހުރި ނުފޫޒުގަދަ ސިޔާސީ ލީޑަރެކެވެ. އެހެން ނަމަވެސް އޭނާގެ ބާރު ކަމުގައި ބެލެވޭ، ވިލާ ކުންފުންޏަށް އަޅާނުލެވި ދަރަނިތައް ބޮޑުވެ އެންމެ ފަހުން އޭނާގެ ސިޔާސީ ކެރިއަރު މިވަނީ އެކަންތައްގަނޑުގެ ތެރޭގައި ފިތިފަ އެވެ. ހަމައެކަނި ނުލިބި އޮތް އުފާ، ވެރިކަން ހޯދަން ކުރި މަސައްކަތް ވެސް އެންމެ ފަހުން މި ވަނީ ބިލާހަކަށްވެފަ އެވެ.

ވެރިކަން ކުރެވޭ އުމުރު، 30-65 އަށް ފެއްތުމަށް ގާނޫނު އަސާސީއަށް ހުށަހެޅި އިސްލާހަށް ވެސް އޭނާ މި ވަނީ ތާއީދު ކުރަން ނިންމަވައިފަ އެވެ. މި އިސްލާހު ފާސްވެއްޖެ ނަމަ، ދެން އޮންނަ ރިޔާސީ ރޭހުގެ ފުރުސަތު ގާސިމަށް ގެއްލިވަޑައިގަތީ އެވެ. އެއީ އޭނާއަށް އަންނަ އަހަރު 65 އަހަރު ފުރޭތީ އެވެ. އެެހެން ވީމާ ގާސިމް މި ނިންމެވުން ނިންމެވީ ކީއްވެ ހެއްޔެވެ؟

ގާސިމް މިއަދު ވިދާޅުވި ގޮތުގައި އޭނާ ބޭނުންފުޅު ވަނީ މިހާރު އަމިއްލަ އެހެން ކަންކަމަށް ވަގުތު ހުސްކުރައްވާށެވެ. ހާއްސަކޮށް އޭނާ މީގެ ކުރިން ކުރެއްވި ގޮތަށް އިންސާނީ ހިދުމަތަށް ވަގުތު ހުސްކުރެއްވުމެވެ. އޭނާ ވިދާޅުވި ގޮތުގައި ސިޔާސީ ދާއިރާގައި އޭނާ ކުރެއްވި މަސައްކަތްޕުޅުތަކުން ލިިބުނުކުރިއެރުމެއް އަދި ފައިދާއެއް ނެތެވެ. ހަމައެކަނި ލިބިވަޑައިގަތީ ނިކަމެތިކަމެވެ. އެ ތަޖުރިބާއަށް ބައްލަވައި ދެން އޮންނަ މަޖިލީހުގެ އިންތިހާބެއްގައި ވެސް އޭނާ ބައިވެރިވެ ވަޑައެއް ނުގަންނަވާނެ އެވެ.

"އެހެން ވީމާ އަޅުގަނޑު ދެން މި ނިންމީ ސިޔާސީ މައިދާނާ އެކީ ދުރަށް ދާން. ދެން އަޅުގަނޑު ފެންނާނީ އަމިއްލަ އެކި މަސައްކަތްތަކުންނާއި ވިޔަފާރިން. ޖުމްހޫރީ ޕާޓީގެ ލީޑަޝިޕް ވެސް އަޅުގަނޑު އެހެން ފަރާތަކާ ހަވާލު ކުރާނަން،" ގާސިމް މިއަދު "ހަވީރަ" ށް ދެއްވި އިންޓވިއުއެއްގައި ވިދާޅުވި އެވެ.

ވެރިކަމުގެ އުންމީދުގައި ހުންނެވި ގާސިމްގެ ސިޔާސީ ހަޔާތް އޭނާ މި ނިންމާލެއްވީ ކަމަށް ވާހަކަތަކުން މި އޮތީ މިހާރު ހާމަވެފަ އެވެ. ސިޔާސީ މައިދާނާއި ވިޔަފާރީގެ ތެރެއިން ގާސިމް މިނެންގެވީ އޭނާގެ ވިޔަފާރި އެވެ. އެއީ މިހާރު އޭނާގެ ވިޔަފާރިއަށް އޮތް ގޮންޖެހުމުން ސަލާމަތް ވެވޭނެ ގޮތްކަމަށް ގާސިމް ގަބޫލު ކުރައްވަނީ އެވެ.

މިވަގުތު ވެސް އޭނާ ހުންނެވީ، ތައިލެންޑްގަ އެވެ. ސަބަބަކަށް ވެފައި އޮތީ މި ސަރުކާރާ ދެކޮޅަށް އޭނާ ކުރެއްވި މަސައްކަތްތަކުން ކުރިމަތިވި ފިއްތުންތަކުން ސަލާމަތްވުމެވެ. އެ ހުރިހާ ކަމެއްގެ ތެރެއިން ސަލާމަތްވެ އޭނާއަށް ރާއްޖެ އާދެވެން އޮތީ ވެސް ދޫތަކެއް ދީގެންނެވެ. އެގޮތަށް އެންމެ ރަނގަޅު ކަމަކަށް ފެނުނީ ސިޔާސީ މައިދާނުން ދުރުވުން ކަމަށް ގާސިމް އެ ވަނީ ނިންމަވައިފަ އެވެ. ގާސިމް އަކީ ރާއްޖޭގެ ސިޔާސީ މައިދާނުގައި ގޭމް ޗޭންޖާއަކަށް ވިޔަސް އޭނާގެ މި ނިންމެވުންތަކުން ދެން އެކަން ބަދަލުވާނެ އެވެ.

ގާސިމް ވިދާޅުވީ ދެން މާ ގިނަ ދުވަހެއް ނުވެ ރާއްޖެ ވަޑައިގެން، ކުރައްވާނެ މަސައްކަތަކީ ޖޭޕީގެ ލީޑަރުކަން ދޫކޮށްލައްވައި އެހެން ބަޔަކާ ލީޑަޝިޕް ހަވާލު ކުރެއްވުމެެވެ. މި ހުރިހާ ނިންމެވުންތަކުން އިނގެނީ، މިހާރު ކުޅިބައި އެތުރޭ ގޮތުން ގާސިމް އަށް ސިޔާސީ މައިދާނުން ލިބޭނެ ޖާގައެއް ނެތް ކަމެވެ. އޭނާގެ ތަރި ސިޔާސީ މައިދާނުގައި އޮއްސި، ސިޔާސީ ނުފޫޒުގެ ބާރު އެކީހެން އެ ވަނީ މިހާރު ގޮސްފަ އެވެ.

ގާސިމް އަކީ މިއީ ހިތްދަތި ނިންމެވުމަކަށް ވާނެ އެވެ. އެކަމަކު އޭނާ ވިދާޅުވަނީ ނިންމުން ހިތްދަތި ނަމަވެސް އޭނާ ބޭނުންވަނީ އެންމެންނަށް ފައިދާ ހުރި ގޮތަކަށް މަސައްކަތް ކުރައްވަންށެވެ. އެއީ ގައުމުގެ ހަމަޖެހުމަށް ވެސް މިވަގުތަށް އެންމެ ރަނގަޅު ގޮތެވެ. އެކަމަކު ސުވާލަކީ ގާސިމްގެ މި ނިންމެވުން ބަދަލު ކުރައްވާނެ ހެއްޔެވެ؟

ތާރީހަށް ބަލާއިރު، އެންމެ ފަހުގެ ރިޔާސީ އިންތިހާބުން ނާކާމިޔާބުވުުމުން ގާސިމް ވިދާޅުވީ އެކަކަށް ވެސް ތާއީދު ނުކޮށް ދެން އިހަށް ގޭގައި މަޑުކޮށްލައްވާނީ ކަމަށެވެ. އެކަމަކު އޭނާގެ އެހީއެއް ނެތި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރެއް ކާމިޔާބުވާން ނެތުމުން، އޭރުގެ ސިޔާސީ ވެރިންގެ އާދޭހަށް ގާސިމް ކުރިމަތިލެއްވީ ހިތްތިރިކަމާ އެކު އެވެ. އެންމެ ފަހުން ގާސިމް ނުކުންނެވީ، އަނެއްކާ ވެސް ސިޔާސީ މައިދާނަށެވެ. ކޮންމެ ގޮތެއް ވިޔަސް މުޅި ސިޔާސީ މައިދާނުން ގާސިމްގެ ނުފޫޒު އެކީ ފިލުވާލުން އެއީ އެހާ ފަސޭހަކަމަކަށް ނުވާނެ އެވެ. މިހާރު ވެސް އުފެދޭ ސުވާލަކީ މިއަދު އެ ވިދާޅުވި ބަސްފުޅުގައި އަދިވެސް ދެމި ހުންނަވާނެ ހެއްޔެވެ؟

އެތައް ބަޔަކަށް އެހީގެ އަތެއް ދިއްކޮށްލި މަހުޖަނެއްގެ ގޮތުގައި، އިންސާނީ ހިދުމަތުގައި އޭނާ ހުރުމަކީ އެތައް ބަޔަކަށް ލިބޭނެ އުފަލެއްގެ ގޮތުގައި ވާނެ އެވެ.