ޗުއްޓީ ހޭދަކޮށްލައި ރާއްޖޭގައި ޕާފޯމްކޮށްލުމަށް އައި އެމެރިކާގެ މަޝްހޫރު ރެޕާ ލަވަކިޔުންތެރިޔާ ޕިޓްބުލް ރާއްޖެއަށް ތައުރީފްކޮށް ދިވެހިންނަށް ޝުކުރު އަދާކޮށްފި އެވެ.
ހިޕްހޮޕް އާއި ޕޮޕް އަދި ހައުސް ލަވަތަކުން މުޅި ދުނިޔޭގެ މަޝްހޫރުކަން ހޯދާފައިވާ ޕިޓްބުލް ރާއްޖޭގައި ހޭދަ ކުރި ހަތް ދުވަހާ ގުޅޭ ގޮތުން ކުރި ޓްވީޓްގައި އޭނާ ރާއްޖެ ސިފަކުރީ "ސުވަރުގެ" އެއްގެ ގޮތުގަ އެވެ. ރާއްޖޭގެ އެންމެ ލަގްޒަރީ އެއް ރިސޯޓް، ނ. ވެލާ ރިސޯޓްގެ އޯނަރު ޗެކް ރިޕަބްލިކްގެ ބިލިއަނަރު ޖިރީ ސްމެއިޒް އަށް ޝުކުރު އަދާ ކުރަމުން ބުނީ އެ ރަށުގެ މަތިން އޭނާއަށް ހަދާން ނުނެތޭނެ ކަމަށެވެ. ބިޓްބުލްގެ އުންމީދަކީ ގިނަގިނައިން ރާއްޖެއަށް އައުމެވެ.
"މި ހުރީ ދެން އެންމެ އަވަހަށް ރާއްޖެ އާދެވޭނެ ދުވަހެއްގެ އިންތިޒާރުގައި. ޝުކުރިއްޔާ ޑޭލް [މިއީ އަންނަ މަހު ރިލީޒްކުރާ އޭނާގެ ލަވަ އަލްބަމްގެ ނަމެވެ]،" ރާއްޖޭގެ ޗުއްޓީއާ ގުޅޭ ގޮތުން އޭނާ ކުރި ހަމައެކަނި ޓްވީޓްގައިވެ އެވެ.
ޕިޓްބުލް ސީދާ ރާއްޖެ އައި ބޭނުމެއް ނޭނގެ އެވެ. އޭނާ ނޫނަސް ގިނަ އަދަދެއްގެ މަޝްހޫރު ތަރިން އަންނަނީ މި ދުވަސްވަރު ރާއްޖެ އަންނަމުންނެވެ. އޭގެ ތެރޭގައި ލަވަކިޔުންތެރި ފުޓްބޯޅަތަރިން ހިމެނެ އެވެ.