ދިވެހި ސިނަމާ

ޑާކް ރެއިން އަށް ފައިސާ އޮހޭ ވިލާގަނޑެއް ފެނިއްޖެ!

މިއޮތްހާ ދުވަހު އެމީހުން ދިޔައީ އެކި ކަހަލަ ރިސްކުތައް ނަގަމުން އެކި ކަހަލަ ތަޖުރިބާތައް ކުރަމުން ފޫނުބެއްދޭވަރުގެ ގެއްލުންތަކާ ވެސް ކުރިމަތިލަމުންނެވެ. ނަމަވެސް "ނަހޫ ސްޓައިލާ" ވާދަކޮށްލެވޭ ވަރުގެ ފޯމިއުލާއެއް ފައްކާކުރުމަށް ޑާކް ރެއިން އެންޓަޓެއިންމަންޓަށް އެމީހުންގެ "އެންމެ ފަހު ވިންދާ ޖެހެންދެން" ތެޅިބާލާކަށް ނުޖެހުނެވެ.

ޒުވާން ދެ ތަރިން ކަމުގައިވާ މުހައްމަދު ޖުމައްޔިލް އާއި މަރިޔަމް މަޖުދާ ލީޑް ރޯލަށް ލައިގެން އެމީހުން އެންމެފަހުން ގެނެސްދިން ލޯބީގެ އަސަރުގަދަ ފިލްމު ވެގެން ދިޔައީ ނަސީބުގެ ބޮޑު ރަންގަނޑަކަށެވެ. އެ ފިލްމުން ގާތްގަނޑަކަށް މާލޭގައި 15 ޝޯ ދެއްކިއިރު އެއީ މުޅިން ވެސް ހައުސްފުލް ޝޯތަކެވެ.

އެހެންވީމަ ދިވެހި ސިނަމާގައި "ނަހޫ-ސްޓައިލް" ނޫން އެހެން ސްޓައިލަކުން ފައިސާ ހަދާނެ ގޮތް ބަޔަކު މީހުން ދަސްކުރީ އެވެ. ނުވަތަ "ނަހޫ ސްޓައިލް" އަށް ވުރެ ކާމިޔާބު ފޯމިއުލާއެއް ބަޔަކު މީހުން ފައްކާކުރީ އެވެ.

އެއަށް ކިޔަންވީ ލޯބީގެ ވާރޭ ވިލާއޭ ހެއްޔެވެ؟ ކޮންމެއަކަސް ޑާކް ރެއިން އެންޓަޓެއިންމަންޓަށް އެމީހުންގެ މި ކާމިޔާބީ ފެނުނީ މިފަދަ ގޮތަކަށެވެ. އެތައް ދުވަހެއްގެ ބުރަ މަސައްކަތުން އެރުވި ދުމުން އުފުދެނު ކަޅު ބޯ ވިލާގަނޑަކުން އެންމެ ފަހުން ލޯބީގެ ވާރޭ އެމީހުންގެ ބޮލަށް އޮއްސާލީ އެވެ.

ފަހަރެއްގައި އެމީހުންގެ އެންމެ ކާމިޔާބު ފިލްމަކީ "ދިން ވޭނުގެ ހިތާމާގައި" އެވެ. ނަމަވެސް ޔަގީނަށް ވެސް އެ ފިލްމަށް ވުރެ ބޮޑު އިމްޕެކްޓެއް ދިވެހި ސިނަމާ އަށާއި ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ "އެންމެ ފަހު ވިންދާ ޖެހެން ދެން" އެވެ.

ނަތީޖާއަކަށްވީ ޑާކް ރެއިންގެ ކުރިމަތީގައި ހުރި "ޑާކް ވިލާތައް ސާފުވެ" އެމީހުން ކުރިއަށް ދާންވީ މަގު އެނގިގެން ދިއުމެވެ. ފިލްމުގެ ކާމިޔާބީ އަށް ފަހު އެ މީހުން ނިންމީ "ލޯބީގެ ވާރޭ ވިލާތައް" ފަހަތުން ދުއްވައިގަންނާށެވެ.

އެގޮތުން އެމީހުން މިހާރު އެ ދަނީ ހަތް ވަނަ ގިޔަރުގައި އާ ފިލްމެއްގެ މަސައްކަތް ކުރަމުންނެވެ. ފިލްމަށް މިހާރު ދީފައިވާ ނަމަކީ "ވާށޭ މަށާ އެކީ" ނެވެ.

މިއީ ސީދާ "އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ ތައްގަނޑަށް ކަނޑައި ނަގަމުން އަންނަ ފިލްމެކެވެ. މިއީ ހޮލީވުޑްގައި ވެސް ކަންތައްވާ ގޮތެވެ. ދިވެހި ސިނަމާގައި ވެސް ކަންތައް ވާ ގޮތެވެ. އަދި ބޮލީވުޑްގައި ވެސް ކަންތައް ވަމުން އަންނަ ގޮތެވެ.

ކާމިޔާބު ފޯމިއުލާއެއް ފައްކާކުރެވުނީމަ އެއަށް ބަރޯސާވެވެނީ އެވެ. މަޝްހޫރު ޑައިރެކްޓަރު ފާތިމަތު ނަހުލާ މިހާރު ބޮޑު ސްކްރީނާ ކިތަންމެ ދުރުގައި ހުއްޓަސް އޭނާ ވެސް ކާމިޔާބީ ތަކުރާރުކުރަމުން ދިޔައީ ހަމަ އެއް ފޯމިއުލާއެއް ބޭނުންކޮށްގެންނެވެ. އެއަށް އަހަރެމެން މި ކިޔަނީ ނަހޫ ސްޓައިލެވެ. ނުވަތަ މެލޮޑްރާމާގެ އެކްސްޓްރީމް ވައްތަރޭ އެވެ.

އެހެންވީމަ "އެންމެ ފަހު ވިންދާ ޖެހެން ދެން" އާ އެކު އާ ނަހޫ ސްޓައިލެއް ދިވެހި ސިނަމާއަށް މި އޮތީ އުފަންވެފަ އެވެ. ޑާކް ރެއިން އާއި ނަހުލާއާ ހުރި ތަފާތަކީ ކޮބައި ހެއްޔެވެ؟ ބެލުންތެރިން މިއޮތްހާ ދުވަހު ޑިމާންޑްކުރަމުން އައި ތަފާތެވެ.

ނަހުލާގެ ނަސީބަކީ އަލަތު ފިލްމުން އޭނާގެ އަތުގައި ނަސީބު ހިފުމެވެ. ޑާކް ރެއިންގެ ނަސީބު ތަންކޮޅެއް ދެރައީ އެވެ. ފަހަރެއްގައި ޑާކް ނަމެއް ކިޔައިގެން ނުކުތީމަ ކަމަށް ވެސް ވެދާނެ އެވެ.

ކޮންމެއަކަސް ކާމިޔާބީގެ އައްސޭރިއަކަށް އެމީހުންގެ ސްޓޫޑިއޯ މި ބީއްސާލެވުނީ އެތައް އަހަރެއްގެ ބުރަ މަސައްކަތުންނެވެ. ތަފާތަކީ މިއީ އެވެ. ނަހުލާ އަކީ ކޮރަޕްޝަންގެ ތުހުމަތުކުރެވުނު "ފުރާޅެއްގެ" ދަށުން އެފަދަ ދެ ވަނައެއް ނެތް މީހަކަށް ބަދަލުވި ފަރާތެކެވެ. ޑާކް ރެއިން އިން ބެލުންތެރިންގެ ހިތް އަތުލީ އެތައް އަހަރެއްގެ ރިޖެކްޝަނަށް ފަހު ވެސް ހިތްވަރު އެލުވާނުލައި ކުރި ބުރަ މަސައްކަތުގެ ނަތީޖާއިންނެވެ.

އަނެއްކޮޅުން އުފައްދާ ފިލްމުތަކުގެ ފެންވަރަށް ބެލިޔަސް "ދިވެހި ފިލްމޭ" ބުނާ ވަރަށް ވުރެ ރަނގަޅު ކަމަށް ފާހަގަކުރެވުމަކީ ވެސް އެމީހުންނަށް މި ދަތުރުގައި ލިބުނު ކުރިއެރުމެކެވެ.

ދެން މި އޮތީ އެހެން ވާހަކަ އެކެވެ. "އެންމެ ފަހު ވިންދާ ޖެހެން ދެން" ގެ ތައްގަނޑަށް ޑާކް ރެއިން އިން އުފައްދަމުން އަންނަ "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ވާހަކަ އެވެ. ފިލްމާ ބެހޭ މާ ގިނަ ތަފްސީލުތަކެއް މިހާތަނަށް ހާމަކޮށްފައި ނެތަސް ޕްރޮމޯޝަންތައް ކުރިއަށްދާއިރު އެނގެނީ މި ފިލްމުގައި ވެސް ލީޑް ރޯލު ކުޅެނީ ޖުމައްޔިލް އާއި މަޖުދާކަމެވެ.

ފަހަރެއްގައި މިއީ ދިވެހި ސިނަމާގެ "އާ ޔޫއްޕެ އާއި ނިއުމާ" އަށް ވެގެންދާނެ ދެ ތަރިންނެވެ. ނުވަތަ އެންމެ ރަނގަޅު ގޮތަކީ "އާ ޔޫއްޕެ އާއި އާ ނިއުމާ" ގެ ދަރަޖަ މިހާރު ވެސް މި ދެ ތަރިން އަތުލައިފިޔޭ ބުނިއްޔާ ހެއްޔެވެ؟

ޖުމައްޔިލް އާއި މަޖުދާގެ އިތުރުން ވެސް ޑާކް ރެއިންގެ މި އާ ފިލްމުގައި "އެންމެ ފަހު ވިންދާ ޖެހެން ދެން" އިން ބެލުންތެރިންނަށް ފެނުނު އިތުރު މޫނުތަކެއް ވެސް ހިމެނެ އެވެ. މި ފިލްމު ރޮމޭންޓިކް ކޮމެޑީއެއްގެ ގޮތުގައި ކެޓަގަރައިޒްކޮށްފައިވުމުން "އެންމެ ފަހު ވިންދާ ޖެހެން ދެން" އިން ފެނިގެން ދިޔަ ސިފަތަކާ އެކު އިތުރު ސިފަތަކެއް ފިލްމުން ފެނިގެންދިއުމުގެ ފުރުސަތު ބޮޑެވެ.

އެކަމަކު ވެސް މިއީ "އެންމެ ފަހު ވިންދާ ޖެހެންދެން" ގެ ތައްގަނޑަށް އުފައްދާ ފިލްމެކޭ ބުނުމަކުން އަދި ގޯހެއް ވެސް ނެތެވެ. އަނެއްކޮޅުން އެ ފިލްމުގެ ކާމިޔާބީގެ ފިޔަވަޅުމަތިން ޑާކް ރެއިން އެ ރިހަގަނޑު އަލުން ހޫނުކޮށްލިޔަސް މައްސަލައެއް ނެތެވެ.

މައްސަލައަކަށް ވާނީ ޑާކް ރެއިންގެ މި ފޯމިއުލާ އެންމެފަހުން "ނަހޫ ސްޓައިލަކަށް" ބަދަލުވެއްޖެ ނަމަ އެވެ. ކުރިން ވެސް ދެންނެވި ފަދައިން "ނަހޫ ސްޓައިލް" އާއި "ޑާކް ރެއިންގެ ވާރޭ" ގައި ތަފާތެއް އެބަހުއްޓެވެ. އެއީ ކޮލިޓީގެ ތަފާތެވެ.

އެކަމަކު ވެސް ޑާކް ރެއިންގެ މި ލޯބީގެ ވާރެއެއް ވެއްސާ ވިލާގަނޑެއްގެ ދަށަށް ދިވެހި ސިނަމާ ގޮސްފި ނަމަ މިކަން ތޫފާނަކަށް ބަދަލުވެ ގެއްލުން ވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. "އެންމެ ފަހު ވިންދާ ޖެހެން ދެން" އިން ޑާކް ރެއިން އަށް އެ ވަނީ ބެލުންތެރިންގެ އިތުބާރާއި ލޯބި ލިބިފަ އެވެ.

ނަމަވެސް އެއީ އެންމެ ފަހު ވިންދާ ޖެހެން ދެން ކަމަށް ހީކުރުމަކީ ކުށް ހީއެކެވެ. އެހެންވީމަ "ވާށޭ މަށާ އެކީ" އަކީ ޑާކް ރެއިންގެ އެންމެ "ލޯބި ފިލްމަށް" ލިބުނު ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ޕާޓީއެއް ކަމަށް ގަބޫލުކުރަމާ ހިނގާށެވެ.