ރައީސް ސޯލިހުގެ 100 ދުވަސް

އުފަންވާ ކޮންމެ ކުއްޖަކަށް ސަރުކާރުން ބޭބީ ބޮކްސްއެއް ދެނީ

Nov 18, 2018
7

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފަންވާ ކޮންމެ ދިވެހި ކުއްޖަކަށް، ތުއްތުކުދިންނަށް ބޭނުންވާ އަސާސީ ތަކެތި ހިމެނޭ ބޭބީ ބޮކްސްއެއް ސަރުކާރުގެ ފަރާތުން ފޯރުކޮށް ދިނުމަށް ނިންމައި، އެކަން 100 ދުވަހުގެ ތެރޭގައި ކުރުމަށް ހިމަނައިފި އެވެ.

ރައީސް ސޯލިހު ވެރިކަމުގެ ހުވާކުރެއްވުމަށް ފަހު އިއްޔެ އާންމުކުރެއްވި އެމަނިކުފާނުގެ ސަރުކާރުގެ 100 ދުވަހު ފުއްދާނެ ވައުދުތަކުގެ ތެރެއިން، އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާގެ އެންމެ މުހިންމު ވައުދެއްގެ ގޮތުގައި އޮތީ، ރާއްޖޭގެ ކޮންމެ ރަށަކަށް ކޮންމެ އާއިލާއަކަށް އުފަންވާ ކޮންމެ ކުއްޖަކަށް ދައުލަތުގެ ފަރާތުން ތަންމަތީ ފޮއްޓަކާއި އުފަންވާ ތުއްތުކުއްޖާއަށް ބޭނުންވާނެ އަސާސީ ތަކެއްޗާ އެކު، "ބޭބީ ބޮކްސް" ފޯރުކޮށްދޭން ފަށާނެ ކަމަށެވެ. އެކަންތައް 90 ދުވަހުގެ ތެރޭގައި ފެށުމަށް ވަނީ އަމާޒު ހިފައިފަ އެވެ. މީގެ އިތުރަށް ބޭބީ ބޮކްސްއާ އެކު ގާތުން ދިނުމުގެ މުހިންމުކަން ބުނެދޭ އަތް މަތީ ފޮތް ވެސް ދިނުމަށް ވަނީ ރާވައިފަ އެވެ.

އިޖުތިމާއީ ރައްކާތެރިކަމުގެ ދާއިރާއިން ގިނަ އެހެން ކަންކަން ކުރުމަށް ވެސް ވަނީ ރާވައިފަ އެވެ. އޭގެ ތެރޭގައި އަންހެނުން ބޭނުން ކުރަން ޖެހޭ ޒަރޫރީ ތަކެތި ކަމަށްވާ، ޕެޑް ފަދަ ތަކެތިން ނަގަމުން އަންނަ ޖީއެސްޓީ ކަނޑާލުމަށް ވަނީ ހިމަނައިފަ އެވެ. މީގެ އިތުރުން ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް އާސަންދަ ލިބޭނެ މަގުފަހި ކުރުމަށް ވެސް ފިޔަވަޅުތަކެއް އެޅުމަށް ވަނީ ހިމަނައިފަ އެވެ.

100 ދުވަސް: އިޖްތިމާއީ ދާއިރާ

  • ދައުލަތުން ބަލަހައްޓާ ކުޑަކުދިން ބަލަން ބޭނުންވާ އާއިލާތަކާ ފަސޭހައިން ހަވާލުވެވޭނެ ގޮތް ހަމަޖައްސާނެ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ބޭނުންވާ ތަފާތު ތެރަޕިއުޓިކް ޚިދުމަތްތަކަކީ އާސަންދައިން ލިބޭނެ
  • ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ބާޒާރު ހުޅުވާލެވޭނެ
  • އަންހެނުންނަށް ބޭނުންވާ ޕެޑު އަދި ޓެމްޕެކްސްފަދަ ޒަރޫރީ ބާވަތްތަކުން ނަގާ ޖީއެސްޓީ އުވާލުން
  • ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނު މަޖިލިހަށް ހުށައެޅޭނެ
  • އިންޑިޔާ، ލަންކާ އަދި މެލޭޝިޔާ ގައި ދިރިއުޅޭ ދިވެހިންނަށް އާސަންދައިގެ ޚިދުމަތް ދިނުން
  • ކުޑަކުދިންގެ ހިޔާ، އަމާން ހިޔާތަކުގެ ހާލަތު ދެނެގަނެ ރަނގަޅު ކުރެވޭނެ
  • ގުރައިދޫ މަރުކަޒުގެ ހާލަތު ދެނެގަނެ ހައްލުކުރަން ހުރި ކަންތައްތައް ރަނގަޅުކުރެވޭނެ

މީގެ އިތުރުން ރައީސް ސޯލިހު ވައުދުވެ ވަޑައިގެންފައިވާ ގޮތަށް، ސަރުކާރުގެ ވަޒީފާގައި އުޅޭ މަންމަޔަށް ވިހެއުމާ ގުޅިގެން ދޭ ޗުއްޓީ މެޓާނިޓީ ލީވް ހަ މަސްދުވަހަށް މުސާރަޔާ އެކު ލިބޭނެ ގޮތް 100 ދުވަހުގެ ތެރޭގައި ހަމަޖައްސަން ވަނީ ޕްލޭންކޮށްފަ އެވެ. އަދި ބައްޕައިންއަށް މުސާރަޔާ އެކު އެއް މަސްދުވަހުގެ މެޓާނިޓީ ލީވް ދިނުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އިޖްތިމާއީ ހަމަޖެހުން ގާއިމްކުރުމުގެ ގޮތުން، ދަތުރުދާނެ ރަށެއް ނެތް ސަރަހައްދުތަކުގައި އެފަދަ ސަރަހައްދުތައް ކަނޑައެޅުމަށް ވެސް ވަނީ ހިމަނައިފަ އެވެ. އަދި ހުކުރު ދުވަހު ހެނދުނު މާލޭގެ ބައެއް މަގުތައް ދުއްވާ އެއްޗިއްސަށް ބަންދުކޮށް އާއިލާތަކާ އެކު ހިނގާފައި އުޅެވޭނެ އިންތިޒާމް ހަމަޖެއްސުން ވެސް 100 ދުވަހު ކުރާނެ ކަންކަމުގެ ތެރޭގައި ހިމެނެ އެވެ.