ހަބަރު

ސަރުކާރުގެ އެއްވެސް ކަމަކަށް ނުފޫޒު ނުފޯރުވާނަން: ފަސްޓްލޭޑީ

Nov 18, 2018
13

ސަރުކާރުގެ ތެރެއިން އެއްވެސް ކަމެއް ކޮށްދިނުމުގެ މެދުވެރިއަކަށް އެކަމަނާ ނުހެއްދުވުމަށް ފަސްޓްލޭޑީ، ފަޒުނާ އަހުމަދު ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފި އެވެ. އަދި އެކަމަނާ ވަނީ ފިރިކަލުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ހިންގެވުމުގެ އެއްވެސް ކަމަކަށް ނުފޫޒެއް ނުފޯރުއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފަ އެވެ.

އާންމުކޮށް މީޑިއާޔާ ދުރުގައި އުޅުއްވާ ފަޒުނާ ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، ބައްދަލު ކުރަން ބޭނުން ރައްޔިތުންނަށް އެކަމަނާއާ ބައްދަލުކުރުމުގެ ފުރުސަތު އަބަދުވެސް އޮންނާނެ ކަމަށެވެ. އެހެން ނަމަވެސް، ސަރުކާރު ހިންގުމުގެ އެއްވެސް ކަމެއްގައި އަދި ފިރިކަލުން، ރައީސް ސޯލިހު ސަރުކާރު ހިންގުމާ ގުޅޭ ގޮތުން ނަގާ އެއްވެސް ޑެޝިޝަންއަކަށް އެއްވެސް ކަހަލަ ނުފޫޒެއް ނުފޯރުއްވާނެ ކަމަށާއި އެފަދަ ވާހަކަތައް ރައީސްގެ އަރިހުގައި ދުވަހަކުވެސް ދައްކަވާ ނޫޅުއްވާ ކަމަށް އެކަމަނާ ވިދާޅުވި އެވެ. އަދި ރައްޔިތުން ވެސް އެފަދަ ކަމަކަށް އެކަމަނާގެ ކިބައިން އެދިވަޑައިނުގަތުމަށް ދެންނެވި އެވެ.

ފަޒުނާ ވިދާޅުވީ ރައީސް ސޯލިހު ގެއަށް ވަޑައިގަތުމުން ދުވަހަކުވެސް މަސައްކަތުގެ ދާއިރާގެ ވާހަކަ ނުދައްކަވާ ކަމަށާއި ކުރިއަށް އޮތްތަނުގައިވެސް ނުދައްކަވާނެ ކަމަށެވެ. އަދި އެގޮތަށް އަމަލު ކުރައްވަނީ، މަސައްކަތުން ބްރޭކެއް ނަގަން ރައީސް ސޯލިހުއަށް ވެސް ލިބޭނެ ހަމައެކަނި ވަގުތުކޮޅަކީ ގެއަށް ވަންނަވާ ވަގުތަށް ވާނެތީ ކަމަށް ވެސް ވިދާޅުވި އެވެ.

"ނިކުމެގެނެއް ވެސް ފާޅުގައި ވެސް ސިއްރަކުން ވެސް ނޯންނާނެ އިބޫ ކުރައްވާ ކަންކަމަށް ނުފޫޒެއް ފޯރުވާފައި. އަޅުގަނޑަށް ހަމަ އިބޫ ގެއަށް އައިމަވެސް ދެންނެވޭނެ ދެއްތޯ އެހެންނޭ މިހެންނޭ މިވެެނި މީހަކު މިވެނި ތަނަކަށް ލާށޭ، ދުވަހަކުވެސް އެހެނެއް ނޯންނާނެ އެކަހަލަ ވާހަކައެއް ދައްކާފައި. އެއީ މިހެން މި ދަންނަވާ ސަބަބަކީ ވެސް އަޅުގަނޑަކީ ވެސް އިސްލާހީ މަސައްކަތްތަކުގައި އުޅޭ މީހެއް. އެކަމަކު ދުވަހަކު ވެސް އެމްޑީޕީގެ ވެސް އެ މަތީ އެ ޑެޝިޝަންތަކާއި ޕޮލިސީލެވަލްގެ ކަންތައްތަކާ އެއަށް ބަސްކިޔާ، އިބޫ އަރިހުވެސް އެކަހަލަ ވާހަކައެއް ދައްކައެއް އަޅުގަނޑެއް ނޫޅެން. އެހެން ވީމާ މިހާރަކުވެސް ނޯންނާނެ. އެއީކީ އަޅުގަނޑު އިބޫ ކުރައްވާ މަސައްކަތަށް ސަޕޯޓް ނުކުރާ ވާހަކައެއް ނޫން މި ދެންނެވީ،" ފަޒުނާ ވިދާޅުވި އެވެ.

"އަޅުގަނޑު މެސެޖް ދޭން ބޭނުން އަޅުގަނޑު މެދުވެރިއަކަށް ނުވައްދަވާށޭ ސަރުކާރުގެ ކަންތައްތައް ކުރަން. ކޮންމެ ގޮތެއް ވިޔަސް އެއީ ރަނގަޅު ކަމެއް ނޫން. އެ ސިޗުއޭޝަނަށް އައިމަ އަޅުގަނޑަށް ވެސް އުނދަގޫވާނެ. އެހެން ވީމާ އެކަން ނުކުރަން ބުނަމުން މި އަންނަނީ،"

އެކަމަނާ ވިދާޅުވީ މި ސަރުކާރުގައި އެކަމަނާގެ ރޯލަކަށް ވާނީ އިޖުތިމާއީ ދާއިރާއިން ކުޑަކުދިންގެ ރައްކާތެރިކަމާއި ނަފްސާނީ ބަލިތަކުގެ ކަންކަމުގައި އަޑުއުފުލާ ޖަމްއިިއްޔާތަކާ ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އެކަމަނާ އަމިއްލަ ޖަމްއިއްޔާއެއް ނުހައްދަވާނެ ކަމަށާއި މިހާރު ހުރި ޖަމްއިއްޔާތަކަށް ސަޕޯޓް ކުރެއްވުމަކީ އެކަމަނާގެ އަމާޒެއް ކަމަށެވެ. އަދި އެކަމަނާ ވަނީ، "މަހާރެހެންދި"، "މެޑަމް" ފަދަ ބަސްބަސް ބޭނުންކޮށްގެން އެކަމަނާއަށް މުހާތަބު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ މެޑަމް، މަހާރެހެންދި މިކަހަލަ ބަސްބަހުން އަޅުގަނޑާ މުހާތަބު ކުރާކަށް. ފަޒުނާ، ފަޒޫ ކީމާ އަޅުގަނޑަށް ރަނގަޅުވާނެ،" ފަޒުނާ ވިދާޅުވި އެވެ.

ދުވަހަކުވެސް ސިޔާސީ މަސައްކަތެއް ނުކުރައްވާނެ ކަމަށާއި އެފަދަ ރޯލެއް އަދާކުރެއްވުމުގެ ޝައުގުވެރިކަމެއް ދުވަހަކުވެސް ނުގެންގުޅުއްވާ ކަމަށް ފަޒުނާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ، ފަސްޓްލޭޑީކަމަކީ މަގާމެއް ނޫން ކަމަށާއި އެހެން ވީމާ އެކަމަނާގެ ލައިފްސްޓައިލްއަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ފުރަތަމަ މީހުންގެ ތެރެއަށް ނިކުންނަން ވީމާ ކޮންމެެވެސް ވަރަކަށް ޖެހިލުންވި ކަމަށާއި ނަމަވެސް މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށުމުން މިހާރު އެކަން އުނދަގޫ ކަމަކަށް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހުގެ ފަރާތުން ފެނުނު އެންމެ ހާއްސަ ސިފައަކީ، ފަޒުނާ ވިދާޅުވި ގޮތުގައި ކެތްތެރި ކަމެވެ. އެކަމަނާ ވިދާޅުވީ އިބޫގެ ކެތްތެރިކަން ފެނިފައި އެކަމަނާ ވަރަށް ބޮޑަށް ހައިރާންވެ ވަޑައިގަންނަވާ ކަމަށާއި ކަންކަމުގައި އެހާ ކެތްތެރި ބޭފުޅަކާ އަދި ދިމާނުވާ ކަމަށެވެ. ފަޒުނާ ވިދާޅުވީ ވެރިކަމަށް ފަހު، ފިރިކަލުން ގަބޫލު ކުރައްވާ ރީތި އުސޫލުތަކަށް ބަދަލުތަކެއް އައިސްފާނެތީ އާއިލާއިން ފުރަތަމަ ކަންތައް ބޮޑުވި ކަމަށެވެ. އަދި އެވާހަކަ ދަރިކަލުންނާ އެކު އިބޫއާ އެކު ހިއްސާކުރެއްވި ކަމަށާއި ރައީސްކަން ލިބިވަޑައިގަތުމާ އެކު ގަބޫލު ކުރެއްވި ރީތިގޮތްތައް ދޫކޮށްލެވޭ ފަދަ ހާލަތެއް އަންނަ ނަމަ އެކަންކަން ފިރިކަލުންނަށް ހަނދާން ކޮށްދިނުމުގައި ދެމި ހުންނަވާނެ ކަމަށް ފަޒުނާ ވިދާޅުވި އެވެ.