ހަބަރު

"މެޑަމް"، "މަހާރެހެންދި" ފަދަ ޓެގެއް ބޭނުމެއް ނޫން: ފަސްޓްލޭޑީ

Nov 18, 2018
7

"މެޑަމް" ނޫނީ "މަހާރެހެންދި" ފަދަ ނަންތަކުން މުހާތަބު ކުރުމަކީ ބޭނުންވާ ގޮތެއް ނޫން ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަނބިކަނބަލުން ފަޒުނާ އަހުމަދު ވިދާޅުވެއްޖެ އެވެ.

އެފަދަ ނަންތަކުން ނިމިގެންދިޔަ ދައުރުގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އަނބިކަނބަލުން ފާތިމަތު އިބްރާހިމްއާ މުހާތަބު ކުރަމުން ދިޔަ އެވެ.

ފަސްޓްލޭޑީ ފަޒުނާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވަނީ "މަހާރެހެންދި"، "މެޑަމް" ފަދަ ބަސްބަސް ބޭނުންކޮށްގެން އެކަމަނާއަށް މުހާތަބު ނުކުރެއްވުމަށް އެދިވަޑައިގެންފަ އެވެ.

"އަޅުގަނޑު ބޭނުމެއް ނުވޭ މެޑަމް، މަހާރެހެންދި މިކަހަލަ ބަސްބަހުން އަޅުގަނޑާ މުހާތަބު ކުރާކަށް. ފަޒުނާ، ފަޒޫ ކީމާ އަޅުގަނޑަށް ރަނގަޅުވާނެ،" ފަޒުނާ ވިދާޅުވި އެވެ.

ފަޒުނާ ވިދާޅުވި ގޮތުގައި އިހްތިރާމް ކުރަނީ ފަހަތަށް އަންނަ ނަމަކުން ނޫނެވެ. ފަސްޓްލޭޑީއަކީ މަގާމެއް ނޫން ނަމަވެސް ރައީސްގެ އަނބިކަނބަލުންނަށް ވާތީ އެކަމަށް އިހްތިރާމް ކުރައްވާނެ ކަމަށް ވެސް ފަޒުނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ، އެކަމަނާގެ ލައިފްސްޓައިލްއަށް މާ ބޮޑު ބަދަލުތަކެއް އަންނާނެ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށެވެ. އެންމެ ފުރަތަމަ މީހުންގެ ތެރެއަށް ނިކުންނަން ވީމާ ކޮންމެެވެސް ވަރަކަށް ޖެހިލުންވި ކަމަށާއި ނަމަވެސް މީހުންގެ ތެރެއަށް ނިކުމެ އުޅެން ފެށުމުން މިހާރު އެކަން އުނދަގޫ ކަމަކަށް ނުވާ ކަމަށް ވެސް ވިދާޅުވި އެވެ.

ބައްދަލު ކުރަން ބޭނުންވާ ކޮންމެ ރައްޔިތަކަށް ވެސް އެ ފުރުސަތު އޮންނާނެ ކަމަށާއި ކުރިން މަގުމަތިން ފެނިގެން ދިޔަ ދެން ވެސް ފެންނާނެ ކަމަށް ފަޒުނާ ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ މި ސަރުކާރުގައި އެކަމަނާގެ ރޯލަކަށް ވާނީ އިޖުތިމާއީ ދާއިރާއިން ކުޑަކުދިންގެ ރައްކާތެރިކަމާއި ނަފްސާނީ ބަލިތަކުގެ ކަންކަމުގައި އަޑުއުފުލާ ޖަމްއިިއްޔާތަކާ ގުޅިގެން މަސައްކަތް ކުރެއްވުން ކަމަށެވެ. އަދި އެކަމަނާ އަމިއްލަ ޖަމްއިއްޔާއެއް ނުހައްދަވާނެ ކަމަށާއި މިހާރު ހުރި ޖަމްއިއްޔާތަކަށް ސަޕޯޓް ކުރެއްވުމަކީ އެކަމަނާގެ އަމާޒެއް ކަމަށެވެ.