އޭއެފްސީ

ދިވެހި ކުލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލިއްޖެ

އޭއެފްސީގެ ލައިސެންސަށް ހުށަހެޅުމަށް ދިން މުއްދަތުގައި ރާއްޖޭއިން އެކަން ނުކޮށް އޮތުމުން، ރާއްޖޭގެ ކުލަބުތަކަށް އޭއެފްސީ ކަޕުން ފުރުސަތު ގެއްލިއްޖެ އެވެ.

އެފްއޭއެމްގެ ޖެނަރަލް ސެކެޓްރީ ހުސައިން ޖަވާޒު ވިދާޅުވީ، ރާއްޖޭގެ އަށް ކުލަބުގެ ތެރެއިން އެއްވެސް ކުލަބަކުން އޭއެފްސީ ލައިސެންސަށް އެދި ހުށަހަޅަންޖެހޭ ޑޮކިޔުމެންޓްތައް ފުރިހަމަކޮށް ހުށަހަޅާފައި ނުވާ ކަމަށެވެ.

އޭއެފްސީ ކުލަބު ލައިސެންސް ކޮންމެ އަހަރަކު އެއް ފަހަރު އާ ކުރަން ޖެހެ އެވެ. ނަމަވެސް ދިވެހި އެއްވެސް ކުލަބަކުން އޭއެފްސީން ކަނޑައަޅާފައިވާ މިންގަނޑަށް ހުށަހަޅާފައި ނުވާކަން ޖަވާ ފާހަގަ ކުރި އެވެ.

"ކޮންމެ އަހަރަކުވެސް ކުލަބު ލައިސެންސް އާ ކުރުމަށް ކުލަބުތަކުން ހުށަހަޅަން ޖެހޭ، އެ މުއްދަތުގައި ރާއްޖޭގެ އެއްވެސް ކުލަބަކުން ނެތް އެންމެ ފުރިހަމަ ޑޮކިޔުމެންޓްސް ހުށަހަޅާފައެއް،" ޖަވާޒު ވިދާޅުވި އެވެ. "އެކަން އެންމެ ގާތްކުރާ މިންވަރަށްވެސް ހުށަހަޅާފައި ވަނީ މާޒިޔާއިން."

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ހުށަހަލާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

ނިއު ރޭޑިއަންޓްގެ ޖެނަރަލް ސެކެޓްރީ، އަހްމަދު ނިޔާޒު 'ޓެޑް' ވިދާޅުވީ، މިއަހަރުވެސް އޭއެފްސީ ކަޕު ނިއުއިން ކުޅުނީ ކުލަބު ލައިސެންސަށް ހުށަހަޅައިގެން ކުލަބު ލައިސެންސް ލިބިގެން ކަމަށެވެ. ނަމަވެސް އަންނަ އަހަރަށް ކުލަބު ލައިސެންސަށް އެދި ނިއު އިން ހުށަހެޅި ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ.

އޭއެފްސީ ކަޕު ކުލަބު ލައިސެންސް ގަވާއިދު

އޭއެފްސީގެ ޓީމުތަކުން ވަނީ، ކުލަބު ލައިސެންސާ ބެހޭގޮތުން ރާއްޖޭގެ ކުލަބުތަކަށް މައުލޫމާތު ފޯރުކޮށްދީފަ އެވެ. މިއަހަރު ރާއްޖޭގެ ފަސް ކުލަބަކަށް އޭއެފްސީން ވަނީ ލައިސެންސު ދީފަ އެވެ. އެއީ ނިއު ރޭޑިއަންޓް، މާޒިޔާ، ކުލަބު އީގަލްސް، ޓީސީ އަދި ގްރީން ސްޓްރީޓެވެ.

އޭއެފްސީ ގަވާއިދުގައި ވާގޮތުން ކުލަބުތަކަށް ލައިސެންސް ދޫކުރަނީ، ގައުމީ ފުޓްބޯޅަ އެސޯސިއޭޝަން ނުވަތަ ލީގުގެ ބޮޑީސްއިންނެވެ. ޖަވާޒު ވިދާޅުވީ ކުލަބު ތަކުން ފުރިހަމަ ކުރަން ޖެހޭ ޑޮކިޔުމެންޓްސްތައް ފުރިހަމަ ކުރުމަށްޓަކައި ރާއްޖެއަށް ފުރުސަތެއް ދިނުމަށް އޭއެފްސީގައި އެދިފައި ވާނެ ކަމަށެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ މަހު 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއް ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯއެއް ދައުރު ވަމުން ދެއެވެ. މިދިޔަ ހޯމަދުވަހު އޭއެފްސީން ފޮނުވި އެ ސިޓީގައިވާ ގޮތުގެ މަތިން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުވެސް ވަނީ ނިމިގެން ގޮސްފަ އެވެ.