އޭއެފްސީ

ފުރުސަތު ގެއްލުނީ ކުލަބުތަކުން ޒިންމާ ފުރިހަމަ ނުކުރުމުން: އެފްއޭއެމް

އޭއެފްސީ ކަޕުގެ ފުރުސަތު، ރާއްޖޭގެ ކުލަބުތަކަށް ގެއްލުނީ ކުލަބު ލައިސެންސަށް އެދި އޭއެފްސީއަށް ކުލަބު ތަކުން ހުށަހަޅަން ޖެހޭ ޑޮކިޔުމެންޓްސް ފުރިހަމަ ނުވެ ހުރުމުން ކަމަށް އެފްއޭއެމުން ބުނެފި އެވެ.

އޭއެފްސީ ކުލަބު ލައިސެންސަށް އެދި ހުށަހަޅުމަށް ކުލަބު ލައިސެންސިން ސިސްޓަމް 'ކުލާސް' ގެ ނަމުގައި ހަދާފައިވާ ސިސްޓަމުގެ ދަށުން، ޑޮކިޔުމެންޓްސްތައް ހުށަހެޅުމަށް ކޮންމެ ކުލަބަކަށްވެސް އޮންލައިން ލޮގިންއެއް ދީފައިވާ ކަމަށް އެފްއޭއެމުން ބުންޏެވެ.

އެފްއޭއެމުން މިއަދު ނެރެފައިވާ ބަޔާނުގައި ބުނެފައި ވަނީ، މި އަހަރަށް އޭއެފްސީ ކަޕުގެ ލައިސެންސަށް އެދި ހުށަހާޅާފައިވާ ކުލަބުތަކުގެ ޑޮކިޔުމެންޓްސް ފުރިހަމަ ކޮށްފައި ނުވާ ކަމަށެވެ.

"ޓީސީ ސުޕޯޓްސް ކުލަބު، ނިއު ރޭޑިއަންޓް ސުޕޯޓްސް ކުލަބު އަދި މާޒިޔާ ސުޕޯޓްސް އެންޑް ރެކްރިއޭޝަނުން ގިނަ ޑޮކިޔުމެންޓްސް އަޕްލޯޑްކޮށްފައި ވީނަމަވެސް ހުރިހާ ޑޮކިޔުމެންޓްސްތަކެއް ސަބުމިޓްކޮށްފައި ނުވާތީ، އޭއެފްސީން އެޕުރޫވްކޮށްފައެއް ނުވެ އެވެ." އެފްއޭއެމުން ނެރފައިވާ ބަޔާނުގައި ބުނެފައި ވެއެވެ.

"މި ދެ ކުލަބު ފިޔަވައި އިތުރު ކުލަބުތަކަކުން ޑޮކިޔުމެންޓް އަޕްލޯޑް ކޮށްފައެއް ނުވެ އެވެ. އަދި މި ސިސްޓަމުގައި މި އެސޯސިއޭޝަންގެ ދައުރަކީ މޮނިޓާ ކުރުމާއި ކުލަބުތަކަށް ބޭނުންވާ އެހީތެރިކަން ދިނުމެވެ."

ކޮންމެ ކުލަބެއްގައި އޭއެފްސީން ތަމްރީންކޮށްފައިވާ ކުލުބު ލައިސެންސު އޮފިޝަލެއް ހުންނާނެ ކަމަށް އެފްއޭއެމުން ފާހަގަ ކޮށްފައި ވެއެވެ. އެފްއޭއެމުން ބުނީ، ޑޮކިޔުމެންޓްސްތައް އަޕޯލްޑް ކުރުމުގެ މުއްދަތު ކުލަބުތަކަށް ހަދާންކޮށް ދެމުން ދިޔަ ކަމަށެވެ.

މާޒިޔާގެ ޖެނަރަލް ސެކެޓްރީ އަބްދުލް ވައްހާބު ވިދާޅުވީ، ކުލަބު ލައިސެންސަށް އެދި މާޒިޔާއިން ހުށަހަލާފައި ވާނެ ކަމަށާއި މާޒިޔާގެ ޑޮކިޔުމެންޓްސްތައް ފުރިހަމަ ނުވާންވީ ސަބަބެއް ނޭނގޭ ކަމަށެވެ.

ރާއްޖޭގެ ކުލަބުތަކަށް އަދިވެސް ފުރުސަތު ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެސް އެފްއޭއެމްގެ ބަޔާނުގައި ބުނެފައި ވެއެވެ.

ކުލަބު ލައިސެންސަށް ހުށަހެޅުމުގެ އެންމެ ފަހު ތާރީހަކީ، މިދިޔަ މަހު 31 ވަނަ ދުވަހެވެ. ކުލަބު ލައިސެންސަށް ހުށަހެޅުމުގެ މުއްދަތު އިތުރު ކޮށްދިނުމަށް އެދި އެފްއޭއެމުން ހުށަހާޅާފައިވާތީ، އެކަމަށް އިތުރު ތިން ދުވަހުގެ މުއްދަތެއް ދިންކަން ބަޔާން ކޮށް އޭއެފްސީން އެފްއޭއެމްއަށް ފޮނުވާފައިވާ ސިޓީއެއްގެ ފޮޓޯއެއް ސޯޝަލް މީޑިއާގައި ދައުރު ވަމުން ދެއެވެ. މިދިޔަ ހޯމަދުވަހު އޭއެފްސީން ފޮނުވި އެ ސިޓީގައިވާ ގޮތުގެ މަތިން އިތުރު ކޮށްދިން ތިން ދުވަހުގެ މުއްދަތުވެސް ވަނީ ނިމިގެން ގޮސްފަ އެވެ.