ބޮލީވުޑް

ޝާހްރުކް ޚާންއާއި ބަންސާލީ އަނެއްކާވެސް ބޮޑުކުރިމަތިލުމަކަށް

Jun 17, 2015

ކޮންމެ ޑައިރެކްޓަރެއްވެސް ބޭނުންވާނީ އޭނާގެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބީއެއް ލިބުމަށެވެ. ވަކިން ހާއްސަކޮށް ފިލްމުތައް ސިނަމާތަކާއި ހަމައަށް އަައުމުގެ އެތައް މަހެއްކުރިން، ރިލިޒްކުރާ ދުވަސް އިއުލާން ކުރަނީ ސަބަބެއް ނެތިއެއް ނޫނެވެ.

މޮޅެތި އަދި މަޝްހޫރު އެކްޓަރުން ހިމަނައިގެން އުފައްދާ ފިލްމުތަކާއި އެއްދުވަހެއްގައި ރިލީޒްކުރެވިއްޖެނަމަ، ފިލްމަށް ފޫނުބެދޭ ވަރުގެ ގެއްލުމަކާއި ކުރިމަތިލާން ނުޖެހޭނެ ހުރިހާ ކޮޅެއްވެސް ފިލްމުގެ ޑައިރެކްޓަރު ބަލަ އެވެ.

އެންމެ ބޮޑު ވާދަވެރިކަން އޮތް ބޮލީވުޑްގައި އެތައް މަސްތަކެއް ނުނީ އަހަރެއްވަރު ކުރިން ފިލްމު ރިލީޒްކުރާ ދުވަސް އާންމުކުރާއިރުވެސް، ފިލްމުތަކަށް އަބަދުވެސް އެކި ގޮތްގޮތުން ބިރުވެރިކަން އޮވެ އެވެ.

މީގެތެރެއިން މައިގަނޑު އެއް ސަބަބަކަށް އަބަދުވެސް ވެފައިވަނީ ބޮލީވުޑްގެ މަޝްހޫރު ތިން ޚާނުން ކަމަށްވާ ޝާހްރުކް ޚާން، ސަލްމާން ޚާން އަދި އާމިރް ޚާންގެ ފިލްމެއް ރިލިޒްކުރާ ދުވަސްވަރާއި ދިމާކޮށް އެއްވެސް ޑައިރެކްޓަރަކު އެމީހުން ފިލްމު ސިނަމާތަކުގައި އަޅުވާކަށް ބޭނުމެއް ނުވެ އެވެ.

މިތަރިންގެ މަގުބޫލުކަމުގެ ސަބަބުން އެމީހުންނަށް ތާއިދުކުރާ އެތައް މިލިއަން ފޭނުންނެއް ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެމީހުންގެ ފިލްމެއް ސިނަމާތަކާއި ހަމައަށް އަންނާނެ ދުވަހެއްގެ އިންތިޒާރުގައި ތިބިއިރު، އެކަމުގެ ސަބަބުން އެހެންފިލްމުތަކަށް ހިޔަނި އެޅޭކަށް އެއްވެސް ޑައިރެކްޓަރަކު ނޭދެ އެވެ.

އެހެންނަމަވެސް، މިއަހަރުގައި ނިކުތުމަށް ކުރިއަށްހުރި ފިލްމުތަކުގެ ތެރެއިން ގިނަ ބައެއް އިންތިޒާރުކުރަމުން އަންނަ "ދިލްވާލޭ" އާއި "ބާޖީރާއޯ މަސްތާނީ" ބޮކްސް އޮފީހުގައި ބޮޑު ކުރިމަތިލުމަކަށް ދާނެ ކަން ވަނީ ޔަގީންވެފަ އެވެ.

މިއަހަރުގެ ޑިސެމްބަރު މަހު ރިލީޒްކުރާ ގޮތަށް ހަމަޖެހިފައިވާ މިދެފިލްމުގެ ތެރެއިން ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ފިލްމު ރިލީޒްކުރާނެކަން އެންމެ ފުރަތަމަ އިއުލާންކޮށްފައިވަނީ "ބާޖީރާއޯ މަސްތާނީ"ގެ ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އެވެ.މީގެކުރިން ޑައިރެކްޓަރު ރޯހިތު ޝެޓީގެ "ދިލްވާލޭ" ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު ރިލީޒްކުރާގޮތަށް ހަމަޖެހިފައިވީ ނަމަވެސް، އިއްޔެ ޝާހްރުކް ރިލީޒްކުރި މިފިލްމުގެ ފުރަތަމަ ޕޯސްޓާގައިވާގޮތުން ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ ޑިސެމްބަރު މަހުގެ 18ވަނަ ދުވަހު އެވެ.

ތާރީހު އަލުން ިއިއާދަވަނީ ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ސިފަކުރަމުންނެވެ. އެގޮތުން ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ އާއި ސުޕަސްޓާ ޝާހްރުކް ޚާން ބޮލީވުޑްގެ ގަދަ ހިފުމަކަށް އަނެއްކާވެސް ދާން މިވަނީ ތައްޔާރުވެފަ އެވެ.، 2007 ވަނަ އަހަރު ރިލީޒްކުރި ޝާހްރުކް ޚާން އާއި ދިޕިކާ ޕަދުކޯން ލީޑްރޯލުން ފެނިގެންދިޔަ،"އޯމް ޝާންތީ އޯމް" އާއި ރަންބިރު ކަޕޫރު އާއި ސޯނަމް ކަޕޫރު ބޮލީވުޑަށް ތައާރަފުވި ބަންސާލީ ޑައިރެކްޓްކުރި "ސާވަރިޔާ" ވެސް ވަނީ ބޮކްސް އޮފީހުގެ ގަދަ ހިފުމަކަށް ވެގެން ގޮސްފަ އެވެ.

އެފަހަރު ބޮޑު ކާމިޔާބީއެއް ހޯދައިގެން ޝާހްރުކް މޮޅުވެފައިވާއިރު، މިވަހަރުވެސް މިއީ ޝާހްގެ ފަހަރަކަށް ވެގެން ގޮސްފާނެތޯ މިއީ އުފެދޭ ސުވާލެކެވެ.

މި ދެފިލްމާއި މެދުވެސް ކުރަމުން އަންނަ އުންމީދު ބޮޑެވެ. ލޯބީގެ ގޮތުން ގުޅިގެން އުޅޭކަމަށް ބުނާ ދިޕިކާ ޕަދުކޯން އާއި ރަންވީރު ސިންގްގެ އިތުރުން ޕްރިޔަންކާ ޗޯޕްޅާވެސް މުހިންމު ރޯލުން ފެނިގެންދާ "ބާޖީރާއޯ މަސްތާނީ" އަކީ ތާރީހީ ލޯބީގެ ހާދިސާއެއްގެ މައްޗަށް ބިނާކޮށް އުފައްދާ ފިލްމެކެވެ.މި ފިލްމަކީ 1674 ވަނަ އަހަރުން ފެށިގެން 1818ގެ ނިޔަލަށް ދެމިއޮތް މަރާތާ އެމްޕަޔާގެ ހަތަރު ވަނަ ބޮޑުވަޒީރު ކަމުގައިވާ ބަޖީރާއޯ އެއް ވަނައިގެ ހަޔާތެވެ. އޭނާ އަކީ ހަނގުރާމައިގެ މައިދާނަށް ނިކަން ކުޅަދާނަ ފަހުލަވާނެއްގެ ގޮތުގައި މަޝްހޫރުވެގެން ދިޔަ ވެރިއެކެވެ. ޕްރިޔަންކާ އާއި ދިޕިކާ ފެނިގެންދާނީ އޭނާގެ އަނބިއަނބިކަނބަލުންގެ ރޯލުންނެވެ.

މީގެއިތުރުން "ދިލްވާލޭ" އަކީ ބޮލީވުޑްގެ އެންމެ މަގުބޫލު ޖޯޑު ޝާހްރުކް އާއި ކާޖޮލް ފަސްއަހަރުގެ ބްރޭކްއަކަށް ފަހު މިދެތަރިން އެކުގައި ކުޅޭ މިފިލްމަށް މިހާރުވެސް ކެތްތެރިކަމެއ ނެތި ގިނަ ބަޔަކު އަންނަނީ އިންތިޒާރުކުރަމުންނެވެ. “ރާޖް- ސިމްރަން"ގެ ޖޯޑު ސިނަމާތަކާއި ހަމައަށް އައުމަށް އަދި އެތައް މަހެއް އޮތް ނަމަވެސް، މިހާރުވެސް ވަނީ އެތަކެއް ބައެއްގެ މަގުބޫލުކަން ހޯދާފަ އެވެ.އެކްޝަން މަންޒަރުތައް ހިމެނޭ މިފިލްމަކީ ފެމެލީ އެންޓަޓެއިނާ އެކެވެ.

މިދެފިލްމް އެއްދުވަހެއްގައި ރިލީޒްކުރާކަން ހާމަވުމާއިއެކު ގިނަބައެއްގެ ސަމާލުކަން މިފިލްމަށް ހުއްޓެނީ ހަމައެކަނި މަޝްހޫރު ތަރިންނާއި މޮޅު ޑައިރެކްޓަރުންގެ ސަބުބުންނެއް ނޫނެވެ.

ބަތަލާ ދިޕިކާ ޕަދުކޯން ބޮލީވުޑަށް ތައާރަފުވި ފިލްމު "އޯމް ޝާން ތޯ އޯމް" އަށްފަހު ދޕިކާ އާއި ޝާހްރުކް އަކީ ވަރަށް ގާތް ދެރައްޓެހިންނެވެ. އަދި "ޗެންނާއި އެކްޝްޕްރެސް"އަށް ފަހު ދިޕިކާ އާއި ރޯހިތް އަކީވެސް ގާތް ރަހުމަތްތެރިންނަށްވާއިރު. މިދެފިލްމު އެއްދުވަހެއްގެ ރިލީޒްކުރުމާއި ގުޅިގެން ދިޕިކާ މިކަމާއި ގުޅޭގޮތުން އެއްޗެއް ބުނާނެ އިރެއްގެ އިިންތިޒާރުގައި ތިބި މީހުން މަދެއް ނޫނެވެ.

މީގެކުރިން ޝާހްރުކް އާއި ވާދަކޮށް ބަންސާލީ ބަލިވެފައިވާއިރު، ތާރީހީ އަސަރުގަދަ ލޯބީގެ ވާހަކައަކާއި އެކު ޝާހްރުކް އާއި އޭނާ ވަނީ ކުރިމަތިލާން ވަރަށް ރަނގަޅަށްވެސް ތައްޔާރުވެފަ އެވެ.

“ދިލްވާލޭ"ގައި ޝާހްރުކް އާއި ކާޖޮލް ލީޑްރޯލުން ފެނިގެންދާތީ ވެސް މިފިލްމަށް ބޮޑު ތަރުހީބެއް ލިބޭނެކަމަށްގިނަ ބަޔަކު މިހާރުވެސް ބުނަމުން އަންނައިރު، އެންމެ ފުރަތަމަ "ބާޖީރާއޯ މަސްތާނީ" ރިލީޒްކުރުމަށް ހަމަޖެހުނު ދުވަސް، 25 ޑިސެމްބަރުން 18 ޑިސެމްބަރަށް ބަދަލުކުރީވެސް "ދިލްވާލޭ" 25 ޑިސެމްބަރުގައި ރިލީޒްކުރާނެކަން އިއުލާން ކުރުމާއިއެކު އެވެ.

މިގަދަ ހިފުމުން މޮޅުވާނީ ކޮން ބަޔެއް ކަން ނޭނގޭއިރު، ރޯހިތު އާއި ޝާހްރުކް އުޅެނީ ބަންސާލީގެ ފިލްމު ރިލީޒްލުރާ ދުވަސް ޑިސެމްބަރު މަސް ނޫން އެހެން މަހަކަށް ހެދޭތޯ ކުރެވެން އޮތްހާ މަސައްކަތެއް ކުރަމުން ކަމަށް ގިނަ ފަރާތްތަކަކުން ވަނީ ބުނެފަ އެވެ.