ހަބަރު

ރައްޔިތުންނަށް ބޮޑު ޖާފަތެއް ރައީސް ދެއްވައިފި

Nov 18, 2018
10

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، ރައްޔިތުންނަށް ބޮޑު ޖާފަތެއް މިރޭ ދެއްވައިފި އެވެ.

ދުޅަހެޔޮ ހަށިހެޔޮ އީދުގެ ބޮޑު ހަރަކާތާއި ގުޅިގެން "ޖަޒީރާ ޖާފަތް" ބާއްވާފައިވަނީ އާޓިފިޝަލް ބީޗްގައި އެވެ. އެ ޖާފަތުގައި ރައީސް ސޯލިހާއި އެ މަނިކުފާނުގެ އަނބިކަނބަލުން އަދި ފަސްޓް ލޭޑީ ފާތުމަތު ފަޒްނާ އާއި ނައިބު ރައީސް ފައިސަލް ނަސީމް ވެސް ބައިވެރިވެވަޑައިގެންފައިއެވެ.

އޭގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބުދުލްގައްޔޫމާއި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި އަދާލަތު ޕާޓީގެ ރައީސް އަދި ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ އަދި ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލީހުގެ މެންބަރުން ވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.

ރައްޔިތުންނަށް ރައީސް ސޯލިހް ދެއްވި ބޮޑު ޖާފަތުގައި ގިނަ އަދަދެއްގެ އާންމުން ވަނީ ބައިވެރިވެފަ އެވެ. ބޮޑު ޖާފަތް ކުރިއަށް ގެންގޮސްފައިވަނީ މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު އެވެ.

ރައީސް ސޯލިހް އިސް ނަންގަވައިގެން "ދުޅަހެޔޮ ހަށިހެޔޮ"ގެ ނަމުގައި މިއަދު މާލޭގައި ފެށި ކުޅިވަރު އީދުގައި ރައީސް އާއި ނައިބު ރައީސް ފައިސަލް ނަސީމް އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގަތެވެ.

ކުޅިވަރުގެ އީދު މިއަދު ފެށީ މެންދުރުފަހު އެއް ނަންބަރު ޖެޓީ ސަރަހައްދުގަައި ބޭއްވި މޫދު ކުޅިވަރުންނެވެ. އެ ހަރަކާތް ބައްލަވާލެއްވުމަށް ރައީސް ސޯލިހުގެ އިތުރުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ވަޑައިގެންނެވި އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް އަމަލީ ގޮތުން އެކަމުގައި ބައިވެރިވެެސްވަޑައިގެންނެވި އެވެ.

އޭގެފަހުން އާޓިފިޝަލް ބީޗް ސަރަހައްދުގައި ރައީސް ސޯލިހު ވޮލީ ކުޅުއްވި އެވެ. އެތަނަށް ވެސް ރައީސް މައުމޫން ވަޑައިގެންނެވި އެވެ. އޭގެ ފަހުން ސްވިމިން ޓްރެކް ސަރަހައްދުގަައި ފެތުމުގެ ހަރަކާތްތައް ވެސް ކުރިއަށް ދިޔަ އެވެ.

ހަވީރު މާފަންނު ދަނޑުގައި ގިނަ ކުޅިވަރުގެ ހަރަކާތްތަކެއް ކުރިއަށްދިޔައިރު އެ ކުޅިވަރުތަކުގައި ރައީސް އަދި ނައިބު ރައީސް ބައިވެރިވެވަޑައިގެންނެވި އެވެ. ސިނަމާލެ ބްރިޖްގައި ދުވުމުގެ ހަރަކާތެއް ވެސް ހަވީރު ކުރިއަށް ގެންދިޔަ އެވެ.

ކުޅިވަރުގެ އީދު ނިންމުމުގެ ގޮތުން މާދަމާ ރޭ ހާއްސަ ފުޓްބޯޅަ މެޗްތަކެއްވެސް ބޭއްވުމަށް ހަމަޖެހިފައި ވެއެވެ. އެގޮތުން އެމެޗަށް ތައްޔާރުވުމަށް ރައީސް ސޯލިހާއި ނައިބް ރައީސް ފައިސަލްގެ އިތުރުން ނަޝީދާއި ގާސިމް އަދި ޝެއިހް އިމްރާންގެ އިތުރުން ސަރުކާރުގެ ބައެއް އިސްބޭފުޅުންވެސް ވަނީ ހެންވެއިރު ދަނޑުގައި އެކުގައި ޕްރެކްޓިސްވެސް ކުރައްވާފަ އެވެ.