ބޮލީވުޑް

"އޭ ދިލްހޭ މުޝްކިލް"ގައި އައިޝްވާރިއާ އާއި އަނުޝްކާ އެކުގައި އެންމެ މަންޒަރެއް

Jun 17, 2015

ގިނަ ތަރިންތަކަކާއި އެކު އަނުޝްކާ ޝަރްމާ އެންމެފަހުން ރިލީޒްލުރި "ދިލް ދަޅަކްނޭ ދޯ"ގައި ފެނިގެން ދިއުމަށްފަހު އަނެއްކާވެސް ވަނީ ބޮޑު ދެ ބަތަލާއިން ފެނިގެންދާ ފިލްމަކުން ފެނިގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.

ކަރަން ޖޯހަރު ޑައިރެކްޓްކުރާ މިފިލްމުގައި އަނުޝްކާ ފެނިގެންދާނީ ކުރީގެ ރީތީގެ ރާނީ އަދި ބަތަލާ އައިޝްވާރިއާ ރާއީ އާއިއެކު އެވެ. މިދެތަރިންގެ އިތުރުން ބަތަލުގެ ރޯލުން ފެނިގެންދާނީ ރަންބީރު ކަޕޫރު އެވެ.

ފަސް އަހަރުގެ މެދުކެނޑުމަކަށްފަހު އައިޝްވާރިއާ އަލުން ފިލްމު ކުޅެން ނިންމުމާއިއެކު ކަރަން ޖޯހަރު ވަނީ އޭނާ އައިޝްވާރިއާ ހިމަނައިގެން ފިލްމެއް އުފެއްދުމަށް ދެކެމުން އައި ހުވަފެން ހަގީގަތަކަށް ހެދުމުގެ ގޮތުން ވަނީ "އޭ ދިލްހޭ މުޝްކިލް" ކިޔާ ފިލްމެއް އައިޝްވާރިއާ ހިމަނައިގެން އުފައްދަން އުޅޭކަން އިއުލާންކޮށްފަ އެވެ.

ވަރަށް އަވަަހަށް ޝޫޓިން ފެށުމަށް ހަމަޖެހިފައިވާ މިފިލްމުގެ ތަރިން އަންނަނީ ފިލްމުގައި ކުޅޭ ރޯލަށް ތައްޔާރުވުމުގެ މަސައްކަތްކުރަމުންނެވެ.

ފިލްމުގެ މަސައްކަތަށް ތަރިން ތައްޔާރުވަމުން އަންނަ ވާހަކައާއިއެކު މިފިލްމުގެ މުހިންމު ބައިތަކުން ފެނިގެންދާ އައިޝްވާރިއާ އާއި އަނުޝްކާ އެކުގައި މާގިނަ މަންޒަރުތަކަކުން ފެނިގެންނުދާނެ ކަމަށް ގިނަ ފަރާތްތަކަކުން އަންނަނީ ބުނަމުންނެވެ.މީގެކުރިން އައިޝްވާރިއާވެސް ވަނީ އޭނާ އާއި އަނުޝްކާ އެކުގައި ފެނިގެންދާނީ އެކެއް ނުވަތަ ދެވަރަކަށް މަންޒަރުން ކަމަށް ބުނެފަ އެވެ.

އައިޝްވާރިއާ އާއިއެކު އެންމެ މަންޒަރެއް ކުޅެންވެސް ފުރުސަތު ލިބޭތި އުފަލުން ހުރި އަނުޝްކާ ވަނީ އޭނާ އާއި ރަންބީރުގެ އިތުރުން އައިޝްވާރިއާ މިފިލްމުގައި މުހިންމު ރޯލެއް ކުޅެން ހަމަޖެހިފައިވާކަން ކަރަން ބުނުމާއިއެކު އޭނާގެ އުފާވެރިކަން ކޮޅުން ލައިގެން ގޮސްފައިވާ ކަމަށެވެ.

އެގޮތުން ކުޑައިރުން ފެށިގެންވެސް އައިޝްވާރިއާ އަކީ އޭނާ ވަރަށް ސަޕޯޓްކުރި ތަރިއެއްކަމަށްވާތީ އޭނާ އާއިއެކު ފިލްމެއްގައި މަސައްކަތްކުރަން ފުރުސަތު ލިބުމުން އެކަމާ އުފާކުރާ ކަމަށެވެ.

އެންމެފަހުން އަނުޝްކާ ފެނިގެންދިޔަ "ދިލް ދަޅަކްނޭ ދޯ" އަށްވުރެން ގިނަ މަންޒަރުތަކުން މިފިލްމުގައި ފެނިގެންދާނެ ކަމަށްވެސް އަނުޝްކާ ވަނީ ބުނެފަ އެވެ.

“އަހަރެންގެ ކެރެކްޓާއަކީ މުހިންމު ރޯލެއް" އަނުޝްކާ ބުންޏެވެ.

ލޯބި އޭގެ އެންމެ ފުންމިނަށް ގެނެސްދޭނެ ކަމަށް ބުނާ މިފިލްމު ރިލީޒްކުރުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުގެ ޖޫން މަހުގެ 3ވަނަ ދުވަހު އެވެ.