ހަބަރު

ލަންކާ ސަރުކާރުން "ސްނައިޕަރާ" ބައްދަލުކޮށްފި

Nov 19, 2018

ރައީސް އަބްދުﷲ ޔާމީން އަވަހާރަ ކޮށްލަން ރޭވުމުގައި ބައިވެރިވިކަމުގެ ތުހުމަތަށް ހައްޔަރުކޮށްފައިވާ ސްރީ ލަންކާގެ ސްނައިޕަރެއް ކަމަށް ބުނާ ލަހިރު މަދޫޝަންކާ އާ އެ ގައުމުގެ މިނިސްޓަރަކު ބައްދަލު ކުރައްވައިފި އެވެ.

މަދުޝަންކައާ ބައްދަލުކޮށްފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ހުވާ ކުރެއްވުމުގެ ހަފްލާއަށް ރާއްޖެ ވަޑައިގަތް ލަންކާގެ ލޯކަލް ގަވަމަންޓް އެންޑް ޕްރޮވިޝަނަލް ކައުންސިލް މިނިސްޓާ ފައިޒަރް މުސްތަފާ އެވެ. އެ ބައްދަލުވުން ބޭއްވީ މަދުޝަންކަ ބަންދުކޮށްފައި ހުރި މާފުށީ ޖަލުގަ އެވެ.

ރައީސް ޔާމީން އަވަހާރަކޮށްލުމަށް 2015 ވަނަ އަހަރު ފިނިމެންމާ ލޯންޗުގައި ހިނގި ހާދިސާއަށް ފަހު ހައްޔަރު ކުރި މަދުޝަންކާގެ ބަންދުގެ މުއްދަތު 23 ފަހަރަށް އިތުރު ކުރުމަށް ފަހު މިހާރު އޭނާ ހުރީ ޝަރީއަތް ނިމެންދެއް ބަންދުކޮށްފަ އެވެ. އޭނާގެ އާއިލާ އިން ވަނީ އެއީ ހިކިމަހުގެ ވިޔަފާރި ކުރުމަށް ރާއްޖެ ދިޔަ މީހެއް ކަމަށާއި އޭނާ ދޫކޮށްލުމަށް ތަކުރާރުކޮށް ގޮވާލައިފަ އެވެ. މަަދުޝަންކާގެ މައްޗައް ދައުލަތުން ކުރާ ދައުވާތައް އޭނާ ވަނީ އިންކާރުކޮށްފަ އެވެ.

މަދުޝަންކަ ރާއްޖެ ގެނައުމުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗައް ވެސް ދައުލަތުން ދައުވާ ކުރި އެވެ. އޭގެ އިތުރުން މ. ލިލީޕާކް ފަޒީލު ހަމީދާއި ގ. އޮއިވާލި، އިސްހާގު ހުސެއިންގެ މައްޗަށް ވެސް އެ
މައްސަލާގައި ދައުވާ ކުރި އެވެ.