ހަބަރު

މަހުލޫފްގެ ވަޒީރުކަމުގެ ފުރަތަމަ ބައްދަލުވުން މަސައްކަތު މީހުންނާއެކު!

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން އަހުމަދު މަހުލޫފްގެ އެތަނުގެ މަސައްކަތު މީހުންނާއި ބައްދަލުކުރައްވައިފި އެވެ. މިއީ އޭނާ މިނިސްޓަރުކަމާއި ހަވާލުވެލެއްވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުމެވެ.

މަހުލޫފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، މިނިސްޓްރީގައި އެންމެ ބުރަކޮށް މަސައްކަތް ކުރައްވާ ފަރާތްތައް ކަމަށްވާ މިނިސްޓްރީގެ މަސައްކަތު މީހުންނާއި މިއަދު ބައްދަލުކުރައްވާފައިވާ ކަަމަށެވެ. އަދި އެބައްދަލުވުމަކީ މިނިސްޓަރުކަމާއި އޭނާ ހަވާލުވުމަށްފަހު ބޭއްވި ފުރަތަމަ ބައްދަލުވުން ކަމަށްވެސް މިނިސްޓަރު މަހުލޫފް ވިދާޅުވި އެވެ.

މަހުލޫފް މަގާމައި ހަވާލުވެލެއްވުމަށްފަހު އިއްޔެ ވިދާޅުވެފައިވަނީ، މަގާމާ ހަވާލުވީ ޓައީ އަޅައިގެން އިންނަން ނޫން ކަމަށާއި ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން، ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން އުލަފާއެކު ބަލައިގަންނާނަން،" މިނިސްޓަރު ވިދާޅުވި އެވެ.

މިނިސްޓަރު މަހުލޫފް ވަނީ މީގެކުރިން ޔޫތް މިނިސްޓްރީގެ އާދައިގެ ވަޒީފާއެއް ވެސް އަދާ ކުރައްވާފަ އެވެ. އަދި، ވެލެންސިއާ ސްޕޯޓްސް ކުލަބަށް ފުޓްބޯޅަ ވެސް އެއް އަހަރު ދުވަހަށް އޭނާ ކުޅުއްވާފައިވެ އެވެ.

ދެހާސްނުވަވަަނަ އަހަރު ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށްފަހު ކުޅިވަރާ ކޮންމެ ވެސް ވަރަކަށް ދުރުގައި އުޅުއްވި ނަމަވެސް މަހުލޫފް ފެނިގެން ދިޔައީ، ޒުވާނުންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ސިޔާސީ ބޭފުޅެއްގެ ގޮތުގައި އެވެ.