ރިޕޯޓް

އޭރާއި މިހާރުގެ ދިވެހިން: ރޯދަ އަށް ތައްޔާރުވުން!

އިސްލާމް ދީނުގެ އަލިކަމުގެ ތެރެއަށް ވަނީއްސުރެން ގިނަ ދިވެހިންނަކީ ދީނުގެ ކަންތައްތަކަށް ފަރުވާ ބަހައްޓައި ހާއްސަ އަހައްމިއްޔަތުކަމެއް ދެއްވާ ބައެއް ކަމަށް އަބަދުވެސް ފާހަގަކުރެވެ އެވެ. އެގޮތުން ރަމަޟާން މަހުގެ ރޯދަ ހިފުން ދީނުގެ އެހެން އަޅުކަންތަކާ ތަފާތު ކަމަކަށްވާއިރު މި މަހަށް ދިވެހިން ތައްޔާރުވާ ގޮތް ވެސް ތަފާތެވެ.

އެ ފޯރިއެއް އަދިވެސް ނުގެއްލެ އެވެ. އަދި ގެއްލިގެން ހިނގައިދާނެ ކަމަށް ނުވަތަ އެ ފޯރި ކެނޑިގެން ހިނގައިދާނެ ކަމަކަށް ވެސް ގަބޫލެއް ނުކުރެވެ އެވެ. ނަމަވެސް އެންމެ ކުރިން އަހަރެމެން ދިވެހިން ރޯދަ އަށް ތައްޔާރުވާ ގޮތާއި މިހާރު މި ބަރަކާތްތެރި މައްސަރަށް ތައްޔާރުވާ ގޮތް ތަފާތެވެ.

މިސާލަކަށް ކުރީގެ ދިވެހިންގެ ވާހަކައިން ފަށާ ނަމަ އެ މީހުންނަކީ ރޯދަ މަހުގެ އެތައް ހަފުތާއެއް ކުރިން މި ތައްޔާރީތައް ފަށާ ބައެކެވެ. ހާއްސަކޮށް އަތްމަތި ތަނަވަސްކޮށް ސުފުރާމަތި ތަނަވަސްކުރުމަށް ކުރެވޭ މަސައްކަތްތައް ފާހަގަކޮށްލެވެ އެވެ. އެގޮތުން ގިނަ އަދަދަކަށް ހަނޑޫ ހޮވައި މުޅި ރޯދަ މަހަށް ވާނޭ ވަރަށް ހަވާދު ތައްޔާރުކޮށް ދަޅުދަޅުތަކާއި ފުޅިފުޅިތަކަށް އަޅައި ތައްޔާރުކޮށް ރައްޓެހިންނާއި އާއިލާގެ މީހުންނަށް މި ފުޅިތަކާއި ހަވާދު ދަޅުތައް ބެހުން ވެސް އޮވެ އެވެ.

ބައެއް މީހުން ބުނަނީ މި ފޯރިއެއް މިހާރުގެ ދިވެހިންގެ ތެރެއިން ނުފެންނަ ކަމަށެވެ. ހާއްސަކޮށް މި ފޯރީގައި ހަވާދު ކައްކައި ހަނާކުރުމުގެ މަންޒަރެއް މިހާރު ނުފެންނަ ކަމަށެވެ. ފަހަރެއްގައި މި ފޯރިގަނޑު ފިލައިގެން ގޮސްފައި ވަނީ މާލެ އިން އެކަނި ކަމަށް ވެސް ވެދާނެ އެވެ.

ނުވަތަ އުޅެން ޖެހިފައިވާ ބިޒީ ދިރިއުޅުމާ އެކު ގިނަ ދިވެހިން ފިހާރައިން ލިބެން ހުންނަ ހަވާދު ޕެކެޓަކުން ފުއްދާލައިގެން ތިބެނީ އެވެ. ހަވާދަށް ބަލާއިރު މިހާރު ދިވެހިންގެ މެދުގައި ބޮޑު މަގްބޫލުކަމެއް ހޯދާފައިވާ ބްރޭންޑަކީ އައްޑޫ ހަވާދެވެ.

ކޮންމެއަކަސް ކާބޯތަކެތީގެ ގޮތުން ތަނަވަސްކުރުމަށް ކުރީގެ ދިވެހިން ވަރަށް ބުރަކޮށް މަސައްކަތްކޮށް އުޅުނެވެ. މިގޮތަށް ބޮޑަށް މަސައްކަތްކުރުމުގެ ބޭނުމަކަށް ވެފައި އޮންނަނީ ރޯދަ މަހުގެ ރޫހާނީ ފައިދާތައް ލިބިގަތުމަށް އަޅުކަމުގައި ގިނަ ވަގުތު ހޭދަކުރެވޭނެ ފަސޭހަ ގޮތްތަކެއް ކުރިއާލައި ތައްޔާރުކޮށް އަޅުކަމަށް ގިނަ ވަގުތު ހުސްކުރުމެވެ.

އެގޮތުން އޭރު ރޯދަ މަސް ދިވެހިންނާ ކުރިމަތިލާއިރު އެމީހުން ތިބެނީ ހުރިހައި ކަމެއްކޮށް ނިންމާލައި، ދެ އަތް އުރާލައިގެން ރޯދަ މަހުގެ އިންތިޒާރުގަ އެވެ. ނަމަވެސް މިއަދު ފެންނަ މަންޒަރު ތަފާތެވެ.

މިހާރު ވެސް މާލޭގެ ފިހާރަތަކަށް ވަދެ ބޯދިއްކޮށްލައިފި ނަމަ އުޅެން ޖެހޭނީ ރޯދަ އަށް ވިޔަފާރިކުރާ މީހުންނާ އެކު ނޭވާ ވެސް ނުލެވިގެންނެވެ.

"މިހާރު ރޯދަ މަސް އަންނަނީ ހަމަ ކުއްލިއަކަށް. ހަނދުބެލީމަ ދެން އެ ދުއްވައިގަންނަންވީ ފިހާރަތަކަށް. މިއީ މިއަދުގެ ހާލަތު،" ރޯދަ މަހަށް ދިވެހިން މިހާރު މަރުހަބާކިޔާ ގޮތާ ބެހޭ ގޮތުން އާންމުންގެ މީހަކު ބުންޏެވެ.

ކުރީގެ ދިވެހިންނަކީ ރޯދަ މަހަށް ތައްޔާރުވުމަށް ގެއާއި ގެދޮރަށް ވެސް ނުހަނު ބޮޑެތި ބަދަލުތަކެއް ގެންނަ ބައެކެވެ.

އެގޮތުން ރޯދަ މަސް ފެށުމުގެ ދެ ތިން ހަފުތާކުރިން ގެދޮރު މަރާމާތުކޮށް ސާފުކޮށް ރީތިކުރެ އެވެ. ގޭދޮށަށާއި ގޯތިތެރެއަށް ކަށިވެލި ލުމުގެ ފޯރި އަކީ ވެސް ވަރަށް ފަހަކާ ޖެހެން ދެން ދިވެހިންގެ ތެރޭގައި އޮތް ބޮޑު ސަގާފަތެކެވެ.

އޭރު ރޯދަ އަށް ހާއްސަކޮށްގެން ކަށިވެލި ހޮވައި ވީންޏަކަށް ޖެހުމުގެ މަސައްކަތް ދިވެހިން ވަރަށް ކުރިން ކުރެ އެވެ. އޭރު ކޮންމެ ގެއެއްގައި ބޮޑު ކަށިވެލީގެ "ފަރުބަދައެއް" ހުންނާނެ އެވެ.

ރޯދަ މަހަށް ހަނދުބެލުމާ އެކު ގޭތެރެއަށާއި ގޭދޮށަށް މި ކަށިވެލި ލައި ނަލަކޮށްލާނީ އެވެ. މި ސަގާފަތް ބޮޑަށް ގެއްލިގެން ދިޔައީ ތިމާވެއްޓަށް ލިބޭ ގެއްލުންތަކާ ގުޅިގެން ވެލިނެގުން ފަދަ ކަންކަން ދުކޮށްލުމަށް ރަސްމީ ފަރާތްތަކުން ބާރު އެޅުމާ ގުޅިގެން ކަމަށް ބެލެވެ އެވެ.

ގެ ފޮށައި ސާފުކުރުމަށް ފަހު ބަދިގޭގައި ބޭނުންކުރާ ހިފައިގެންގުޅޭ ތަކެތި މޫދުލައި ދޮވެ ހެދުމަކީ އޭރު ރަށްރަށުން ފެންނަ އާދައެކެވެ. އެންމެން އެކުގައި ނުކުމެ ވަޅު ވެޔޮ ދިޔަ ހިއްކުމާއި އެނދުއަށި ފަދަ ތަކެތި ވެސް މޫދުލައި ދޮވެ ހެދުމަކީ ދިވެހިން ނިކަން ފޯރިއާ އެކު ކުރަމުން ދިނަ ކަންކަމެވެ.

ފަހަރެއްގައި ދިވެހިންގެ ތެރޭގައި އޭރު އޮތް އެއްބައިވަންތަކަމުގެ ސިއްރަކީ ވެސް މިއީ އެވެ.

ރޯދަ މަހާ އެކު ދިވެހިންގެ އިޖުތިމާއީ ގުޅުން އާދަޔާހިލާފަށް ބޮޑުވެގެންދާއިރު މިކަމަށް ހާއްސަކޮށްގެން އޭރު ކުރިއަށް ގެންދާ ހަރަކާތްތައް ވެސް ފާހަގަކޮށްލެވެ އެވެ. އެގޮތުން އަންބަލަންލުމަކީ އޭރު އޮތް ވަރަށް މަޝްހޫރު ސަގާފަތެކެވެ.

ހާއްސަކޮށް ރޯދަ އަށް ތައްޔާރުވުމަށް މާލޭގައި ކޮށް އުޅުނު ވަރަށް މަޖާ ކަމެކެވެ.

މިކަން ކޮށް އުޅުނު ގޮތަކީ ރޯދަ ކައިރިވީމަ އަންބަލަންލާން މާލޭގައި ހަތަރު އަވަށު މީހުން ނުކުމެ ކޮންމެ އަވަށަކުން ބޮޑު އަންބަލަމެއް ލުމެވެ. އަންބަލަން އަކީ ރޫޅިގެން ނުދާ ގޮތަށް ޖަހާ ވެލި ފުންޏެކެވެ. މި ވެލި ފުނި އުސްކޮށް ފެންޖަހައި ތަޅައި ވަރުގަދަކޮށް އޭގައި ކެޔޮގަނޑާއި އަންނާރާއި ފަޅޮލާއި އުއްދަނޑި ފަދަ އެކި މޭވާ އާއި ތަރުކާރީގެ ބާވަތްތަކުން މި ވެލިފުނި ޒީނަތްތެރިކުރަނީ އެވެ.

މުލަ ރޯދަ ވިލޭރެއަށް އިރުއޮއްސި ހަނދުފެނުނު ކަމުގެ ބަޑި ޖެހުމާ އެކު ދެން ފެނިގެންދާނީ މީހުންތައް އެމީހަކާ ޖެހުނު ތަނަކުން އަންބަލަމަށް އަރައި މޭވާތައް ޖަހައިގަނެގެން ގެންދާ މަންޒަރެވެ. މޭވާތައް ކައި އުއްދަނޑިތައް ބޮއެ ބޮޑު މަޖާގަނޑަކަށް އެކަންތައް ބަދަލުވެގެން ދަނީ އެވެ.

މި ކުޅިވަރު ބަލަން މާލޭގެ ހަތަރު އަވަށު މީހުން އޭރު ނުކުމެ އުޅުނެވެ.

މިއީ ކުރީގެ ދިވެހިންގެ ތެރެއަށް ރޯދަ މަހުގެ ފޯރިވަދެގެން އެމީހުން އެއްބައިވެގެން އަންނަ ގޮތެވެ. ނަމަވެސް މިއަދު މި ފޯރިއެއް ނެތެވެ. އެހެން ނަމަވެސް ޒަމާނަށް އައި ބަދަލުތަކުގެ ތެރެއިން ދިވެހިން މިހާރު ވެސް ރޯދަ އަށް ތައްޔާރުވެ އެވެ.

އެގޮތުން ފަތި ޓީވީތައް ގަނެ ގެއަށް ވެއްދުމާއި ބަދިގޭގައި ހިފައި ގެންގުޅޭ ސާމާނާއި އަވަނާއި ފްރިޖު ފަދަ ތަކެތި އާކޮށްލުން ފަދަ ކަންކަމަކީ މިހާރު ކުރާ ކަންކަމެވެ. އަދި މާލެ އަށް ބެލިޔަސް ނުވަތަ އެހެން ރަށްތަކަށް ބެލިޔަސް ހަވީރު ފިންޏަށް އެ ޖަހާލާ ސައިކަލް ބުރަކީ މިއަދުގެ އެންމެ ބޮޑު ސަގާފަތެވެ.