ދުނިޔެ

ސައުތު ޗައިނާ ކަނޑު ހިއްކުން ވަރަށް އަވަހަށް ނިމޭނެ: ޗައިނާ

Jun 17, 2015

މިލްކުވެރިކަމުގެ މައްސަލަ ބޮޑު ސައުތު ޗައިނާ ކަނޑުގައި ޗައިނާ އިން ކުރިއަށް ގެންދާ ބިން ހިއްކުމުގެ މަޝްރޫއުތައް ވަރަށް އަވަހަށް ނިމޭނެ ކަމަށް އެ ގައުމުން އިއްޔެ ބުނެފި އެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި ސައުތު ޗައިނާ ކަނޑުގެ ހަތް ފަރެއް ހިއްކަނީ ދިފާއީ ބޭނުންތަކަށާއި މީހުން ހޯދައި ސަލާމަތްކުރުމުގެ ގާބިލްކަން އިތުރުކުރުމަށާއި ގުދުރަތީ ހާދިސާތަކުން ސަލާމަތްވުމުގެ އިތުރަށް ދިރާސާތަކަށެވެ. އެކަމަކު، އެ މަސައްކަތް ނިމޭނެ ވަކި އިރެއް އެ މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

"ބިން ހިއްކާ ނިމުނުހާ އަވަހަކަށް، އިސްވެ ބަޔާންކުރެވުނު ބޭނުންތައް ފުއްދޭނެ ފަދަ ވަސީލަތްތައް އެ ބިންތަކުގައި އިމާރާތްކުރުމުގެ މަސައްކަތް ފެށޭނެ،" އެ ބަޔާނުގައިވެ އެވެ.

ސައުތު ޗައިނާ ކަނޑު ހިއްކުމުގެ މަސައްކަތް އަވަހަށް ނިންމަން ޗައިނާ އިން އަމާޒު ހިފާފައި މި ވަނީ، އެ މައްސަލަ ވަރަށް ބޮޑަށް ހޫނުވެފައިވާ ދަނޑިވަޅެއްގަ އެވެ. އެ ގޮތުން، ކަނޑު ހިއްކައިގެން ރަށްތަކެއް ހެދުމުގެ މަޝްރޫއު ވަގުތުން ހުއްޓާލުމަށް އެމެރިކާ އިން ވަނީ ދާދި ފަހުން ޗައިނާ އަށް ގޮވާލާފަ އެވެ.

މީގެ އިތުރުން، އޭޝިއާ ސަރަހައްދުގެ ކުރިމަގުގައި އެމެރިކާ އިން ވަރަށް މުހިއްމު އަސްކަރީ ރޯލެއް ކުޅޭނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ. އަދި ސައުތު ޗައިނާ ކަނޑާއި އެ ނޫން ވެސް "ބައިނަލްއަގުވާމީ ސަރަހައްދުތަކުގައި" އެމެރިކާ އިން ކުރިއަށް ގެންދާ އަސްކަރީ އޮޕަރޭޝަންތައް އެއްވެސް ސަބަބަކާ ހުރެ ހުއްޓައިނުލާނެ ކަމަށް ވެސް ވަނީ ބުނެފަ އެވެ.

ސައުތު ޗައިނާ ކަނޑުގައި ހުރި ރަށްތަކުގެ މިލްކުވެރިކަމުގެ މައްސަލައިގައި ޗައިނާ އާއި އަވަށްޓެރި ގިނަ ގައުމުތަކެއްގެ އިތުރަށް ހުޅަނގާ ދެމެދު ވެސް ބޮޑެތި މައްސަލަތަކެއް ވަނީ އުފެދިފަ އެވެ. އެ ގޮތުން، ވިއެޓްނާމާއި ފިލިޕިންސާއި މެލޭޝިއާ އަދި ބުރޫނާއީން ވެސް މިލްކުވެރިކަމަށް ދައުވާކުރާ އެ ޖަޒީރާ ރަށްތަކުގައި ޗައިނާ އިން ބިޔަ މަޝްރޫއުތައް ހިންގުމާއި އެ ސަރަހައްދު ހިއްކައިގެން "ރަށްތަކެއް" ހަދާ މައްސަލަ ވަނީ ބޮޑުވެފަ އެވެ.

ޗައިނާގެ ބޭނުމަކީ ސައުތު ޗައިނާ ކަނޑުގައި އަސްކަރީ ބާރު ގަދަކުރުން ކަމަށް އެ ސަރަހައްދުގެ ގައުމުތަކާއި ޗައިނާއާ ވާދަވެރި ގައުމުތަކުން ބުނެ އެވެ. އެހެން ނަމަވެސް، އެ ރަށްތައް ޗައިނާގެ ކޮންޓްރޯލްގެ ދަށުގައި ހުރުމަކީ ޗައިނާގެ ސަލާމަތަށް ކޮންމެހެން މުހިންމު ކަމެއްގެ ގޮތުގައި ޗައިނާ އިން ދެކެ އެވެ. އަދި ސައުތު ޗައިނާ ކަނޑުގެ ވަސީލަތްތައް ތަރައްގީކުރުމަކީ ޗައިނާ އިން ކުރަންޖެހޭނެ ކަމެއް ކަމަށް ވެސް ބުނެ އެވެ.