ދުނިޔެ

ޒަމާނީ ނިއުކްލިއާ މިސައިލްތަކެއް ރަޝިއާ އިން ހިދުމަތަށް ނެރެނީ

Jun 17, 2015

ނިއުކްލިއާ ހަތިޔާރު އުފުލުމުގެ ގާބިލްކަން ލިބިފައިވާ، ކުރިއަށް ވުރެ ވަރުގަދަ 40 އަށް ވުރެ ގިނަ އިންޓަކޮންޓިނެންޓަލް ބެލިސްޓިކް މިސައިލް މި އަހަރު ތެރޭ ހިދުމަތަށް ނެރޭނެ ކަމަށް ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން އިއްްޔެ ވިދާޅުވެއްޖެ އެވެ.

ވެރިރަށް މޮސްކޯގައި ކުރިއަށްދާ ހަތިޔާރު ދައްކާލުމުގެ ޝޯއެއްގައި ޕުޓިން ވިދާޅުވި ގޮތުގައި އެއީ ރަޝިއާގެ އަސްކަރިއްޔާ ޒަމާނީ ކުރުމަށް ހިންގާ މަޝްރޫއުގެ ބައެކެވެ. މިހާރު ބޭނުންކުރާ މިސައިލްތަކުގެ ބަދަލުގައި ހިދުމަތަށް ނެރެނީ، އޭނާ ސިފަކުރެއްވި ގޮތުގައި، މިސައިލުން ދިފާއުވުމުގެ އެންމެ ވަރުގަދަ ނިޒާމުތައް ވެސް ފޫއަޅުވާލުމުގެ ގާބިލްކަން ލިބިފައިވާ މިސައިލްތަކެކެވެ.

މިއީ ރަޝިއާގެ ނިއުކްްލިއާ ހަތިޔާރު ސްޓޮޕައިލަށް އިތުރުކުރާ މިސައިލްތަކެއް ނޫނެވެ. އޭގެ ބަދަލުގައި އާ މިސައިލްތައް ހިދުމަތަށް ނެރެވުމާ އެކު، މިހާރު ބޭނުންކުރަމުންދާ ކުރީގެ މިސައިލްތައް ބޭނުންކުރުން ހުއްޓާލާނެ އެވެ. އެހެންވެ، ރަޝިއާގައި ހުރި ނިއުކްލިއާ ހަތިޔާރުގެ ޖުމްލަ އަދަދު އިތުރެއް ނުވާނެ އެވެ.

ރަޝިއާ އިން މި ފިޔަވަޅު މި އަޅަނީ އިރުމަތީ ޔޫރަޕްގައި ހުރި ނޭޓޯގެ ބައެއް މެމްބަރު ގައުމުތަކުގައި އެމެރިކާ އިން އަސްކަރީ ސާމާނު ގާއިމްކުރުމަށް ނިންމަައި އެކަން އިއުލާންކޮށްފައި ވަނިކޮށެވެ. އެމެރިކާ އިން ބަރު ހަތިޔާރު ގާއިމްކުރަން ނިންމާފައިވާ ގައުމުތަކުގެ ތެރޭގައި ކުރީގެ ސޯވިއެޓް ޔޫނިއަންގެ ބައެއްގެ ގޮތުގައި އޮތް އެސްޓޯނިއާ އާއި ލެޓްވިއާ އަދި ލިތުއޭނިއާ ހިމެނެ އެވެ.

ރަޝިއާ އާއި ހުޅަނގާ ދެމެދު މައްސަލަތައް ބޮޑުވުމުގެ އަސްލު ގުޅިފައި ވަނީ ޔުކްރެއިންގެ ކްރައިމިއާ ރަޝިއާގެ ބާރުގެ ދަށަށް ގެންދިޔަ ހިސާބުން ފެށިގެން ޔުކްރެއިންގެ އިރުމަތީ ބިތުގައި އުޅޭ ހަތިޔާރު އެޅި ޖަމާއަތްތަކުން ވެސް ޔުކްރެއިންއާ ވަކިވެގަތުމުގެ ހަރަކާތެއް ފެށުމުންނެވެ. މި ހަރަކާތް ވަރުގަދަވީ ރަޝިއާ އިން ސިފައިން ފޮނުވައި، ޔުކްރެއިންގެ ހަނގުރާމަވެރިންނަށް އަސްކަރީ އެއްބާރުލުން ދިނުމާ ގުޅިގެން ކަމަށް ޔުކްރެއިން އާއި ހުޅަނގުން ތުހުމަތުކުރެ އެވެ.

ރަޝިއާ އިން ވަނީ އެ ތުހުމަތުތައް ތަކުރާރުކޮށް ދޮގުކޮށްފަ އެވެ. އަދި ޔުކްރެއިންގެ މައްސަލައާ ގުޅިގެން ހުޅަނގުން ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ވެސް ރަޝިއާ އިން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފަ އެވެ.

ޔުކްރެއިންގެ މައްސަލަ އަދިވެސް ހައްލު ނުވާއިރު، ރަޝިއާ އިން ހަނގުރާމަ އަކަށް ތައްޔާރުވަމުންދާ ކަމަށް ބަލައި ނޭޓޯގެ ގައުމުތަކުން ދަނީ އެ ގައުމުތަކުގެ އިތުރަށް އިރުމަތީ ޔޫރަޕްގެ ގިނަ ގައުމުތަކެއްގައި އަސްކަރީ ބާރު ގަދަކުރަމުންނެވެ. އެ ގޮތުން، އެކި ގައުމުތަކުގައި ހަ އާ އަސްކަރީ މަރުކަޒު ގާއިމްކޮށް، ކުއްލި ހާލަތުގައި ވަގުތުން ހަރަކާތްތެރިވުމުގެ ގާބިލްކަން ލިބިފައިވާ 5،000 ސިފައިންގެ ބޮޑު ފައުޖެއް އެކުލަވާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.

ރަޝިއާ ބައިވެރިވެގެން މިދިޔަ މާޗު މަހު އެކުލަވާލި އެއްބަސްވުމެއްގެ ދަށުން، ޔުކްރެއިންގެ އިރުމަތީ ބިތުގައި އެ ގައުމުގެ ސިފައިންނާއި ރަޝިއާއާ އެއްކޮޅު ހަނގުރާމަވެރިންނާ ދެމެދު ބަދަލުކުރަމުން ދިޔަ ހަމަލާތައް ކޮންމެވެސް ވަރަކަށް މަދުކުރި އެވެ. އެކަމަކު، މިހާރު އަނެއްކާ ވެސް ހަމަލާތައް ވަރުގަދަކޮށް، ކުރިއެކޭ ވެސް އެއްގޮތަށް ހަނގުރާމަކުރަން ވަނީ ފަށާފަ އެވެ.