ދުނިޔެ

ރޯދަ މަހާ އެކު މިފަހަރު ވެސް ޗައިނާއިން އެގައުމުގެ މުސްލިމުންނާ ޖައްސާލައިފި

މިއީ ކޮންމެ ރޯދަ މަހެއް އަންނައިރު ވެސް ޗައިނާ ސަރުކާރުން ކަންތައްކުރާ ގޮތެވެ. އެގައުމުގެ ހުޅަނގު ބިތުގައި އޮންނަ ޝިންޖިއަންގް ޑިސްޓްރިކްޓްގައި ރޯދަ ހިފުން މަނާކޮށް ޗައިނާ އިން މި ވަނީ ޑިސްޓްރިކްޓްގެ މުސްލިމުންނާ ދެކޮޅަށް އާދައިގެ މަތިން މިފަހަރު ވެސް ދަތިކުރުމުގެ ހަރުކަށި ފިޔަވަޅުތަކެއް އަޅައިފި އެވެ.

ޝިންޖިއަންގް ޑިސްޓްރިކްޓަކީ ތުރުކީ ބަހުން ވާހަކަ ދައްކާ އުއިހޫރު ދަރިކޮޅުގެ މުސްލިމުންގެ ބޮޑު އާބާދީއެއް އޮތް ތަނެކެވެ. މި ދަރިކޮޅުގެ ބޮޑު އާބާދީއެއް ޝިންޖިއަންގްގައި އޮތް ނަމަވެސް ޗައިނާ ސަރުކާރުން ދަނީ މި ދަރިކޮޅު އެތަނުން ބޭރުކޮށް ބާކީކޮށްލުމަށް ގިނަ ކެމްޕޭންތަކެއް ހިންގަމުންނެވެ.

ކޮންމެ ރޯދަ މަހަކާ ދިމާކޮށް މި ދަރިކޮޅުގެ މީހުންނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އެޅުމަކީ ވެސް އެގޮތުން ގަވާއިދުން ކުރިއަށް ގެންދާ ކަމެކެވެ. މިފަހަރު ވެސް ރޯދަ ހިފުން މަނާކޮށްފައިވާއިރު ރޯދަ މަހު ވެސް ރެސްޓޯރެންޓް ކެފޭތަކާއި ފިހާރަތައް ހުޅުވައި ސިނގިރޭޓާއި ރާ ލިބޭނެ ގޮތް ދުވާލުގެ ގަޑިތަކުގައި ވެސް ހެދުމަށް ވަނީ އަމުރުކޮށްފަ އެވެ.

އެ ޑިސްޓްރިކްޓްގައި ދިރިއުޅޭ މުސްލިމުން އެގޮތަށް އަމަލުނުކުރާ ނަމަ އެމީހުންގެ ވިޔަފާރިތައް އެއްކޮށް ބަންދުކުރާނެ ކަމުގެ އިންޒާރު ވެސް ވަނީ ދީފަ އެވެ.

އުއިހޫރު ދަރިކޮޅުގެ މުސްލިމުންގެ އާބާދީ މި ސަރަހައްދުގައި ބޮޑަށް ޗައިނާ އިން އޮންނަނީ ވަޒީފާގެ ދާއިރާތަކުން ފެށިގެން އެހެން ދާއިރާތަކުގައި ވެސް މި ދަރިކޮޅުގެ މީހުން ވަރަށް ބޮޑަށް ބާކީކޮށްފަ އެވެ. އެއަށް ފަހު ޗައިނާގެ ރަސްމީ ދަރިކޮޅެއް ކަމަށްވާ ހާން ޗައިނީސް މީހުން މި ސަރަހައްދުގައި އާބާދުކޮށް އެ ސަރަހައްދުގެ އިގްތިސާދުގެ ކޮންޓްރޯލް ވެސް އެމީހުންނަށް ހޯދައި ދެމުންނެވެ.

ޗައިނާ އިން ވަނީ ޝިންޖިއަންގްގެ ވެރިރަށް، އުރުމްގީގައި ބުރުގާ އަޅައިގެން އުޅުން ވެސް މިދިޔަ އަހަރުގެ ޑިސެމްބަރު މަހު މަނާކޮށްފަ އެވެ. ޗައިނާ ސަރުކާރުން އެމީހުންގެ މިފަދަ ފިޔަވަޅުތައް ސިފަކުރަނީ ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ ފަރާތްތައް މައިތިރިކުރުމަށް އަޅާ ފިޔަވަޅުތަކެއްގެ ގޮތުގަ އެވެ.

ނަމަވެސް ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ބުނަނީ ޗައިނާގެ އަމާޒަކީ އުއިހޫރު ދަރިކޮޅުގެ މުސްލިމުން ނައްތާލުން ކަމަށެވެ. ޝިންޖިއަންގް ސަރަހައްދުގައި ދިރިއުޅޭ އުއިހޫރު ދަރިކޮޅުގެ މުސްލިމުންގެ އާބާދީ އަށް މިލިއަނަށް އަރަ އެވެ.

މި އާބާދީއާ ދެކޮޅަށް ޗައިނާ ސަރުކާރުން ހިންގާ ނޭއްގާނީ އަމަލުތަކާ ގުޅިގެން އެ ސަރަހައްދުގެ އާންމުންނާއި ފުލުހުންނާ ދެމެދު ވެސް ބޮޑެތި ކުރިމަތިލުންތައް ހިނގާފައި އެބަހުއްޓެވެ. އެގޮތުން 2009 ވަނަ އަހަރު އުއިހޫރު މުސްލިމުންނާއި ހާން ޗައިނީސް މީހުންނާ ދެމެދު ހިނގި ކުރިމަތިލުންތަކެއްގައި 200 އަށް ވުރެ ގިނަ މީހުން މަރުވެފައިވެ އެވެ.

މިފަދަ ކުރިމަތިލުންތަކާ ގުޅިގެން ގޮސް ޗައިނާ ސަރުކާރާ ވަކިވެގަތުމަށް މަސައްކަތްކުރާ މުސްލިމުންގެ ގްރޫޕުތަކެއް ވެސް ވަނީ މި ސަރަހައްދުން އުފެދިފަ އެވެ. ޗައިނާ އިން ބުނަނީ އެމީހުންނަކީ ދީނީ ގޮތުން ހައްދުފަހަނަޅައި ގޮސްފައިވާ މީހުން ކަމަށެވެ.