ހަބަރު

އަޅުގަނޑު ކުރާނެ ކަމަކީ ސިފައިން ގާނޫނީ އިމުގެ ތެރޭގައި ބޭތިއްބުން: މިނިސްޓަރު މާރިޔާ

Nov 21, 2018
17

ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީ ބަޑި ޖަހަން ދަސްކޮށްދިނުމަށް ނޫން ކަމަށާއި އެ މަގާމާ ހަވާލުވެވަޑައިގަތީ ސިފައިންނަށް ގާނޫނު ހަނދުމަކޮށް ދިނުމަށް ކަމަށް ޑިފެންސް މިނިސްްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގެ ފުރަތަމަ ޑިފެންސް މިނިސްޓަރު ކަމަށް ވަޑައިގަތުމުގެ ފަހުން ފުރަތަމަ ފަހަރަށް ސިފައިންނާ ބައްދަލު ކުރެއްވުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާރިޔާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އިސްލާހުކޮށް ރައްޔިތުން އިސް ކުރީ ރައްޔިތުންގެ ވެރިކަމެއް ކުރުމަށް ކަމަށާއި އެ ގާނޫނަށް އެންމެންވެސް ބޯލަނބަން ޖެހޭ ކަމަށެވެ. ޕްރޮފެޝަނަލް މަސައްކަތްތަކެއް ކުރައްވާ ފަރާތްތަކުގެ ހައިސިއްޔަތުން ސިފައިން ވެސް ތިބެން ޖެހޭނީ ގާނޫނީ އިމުގެ ތެރޭގައި ކަމަށާއި އެއިން ބޭރަށް އެއްވެސް ސިފައިންގެ މީހަކު ނުދިޔުމަށް އިލްތިމާސް ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ.

"އަޅުގަނޑަކީ ވަރަށް ހަރަކާތްތެރިކޮށް ސިޔާސީ ދާއިރާގައި އުޅުނި މީހެކޭ އެހެންވެ އަޅުގަނ ތިޔަ ބޭފުޅުން ފަދަ ޕްރޮފެޝަނަލް ތަނަށް ވަދެގެން ކީއްތޯ ކުރާނީ، އަޅުގަނޑު މިއައީ ތިޔަ ބޭފުޅުންނަށް ބަޑި ޖަހާނެ ގޮތް ދަސްކޮށްދޭކަށް ނޫން، އަޅުގަނޑު މިއައީ ތިޔަ ބޭފުޅުންގެ ސަފުތައް ތިޔަ ބޭފުޅުން އަތުރުއްވާނެ ގޮތް ތިޔަ ބޭފުޅުންނަށް ކިޔާ ދެއްވާކަށް ނޫން، އަޅުގަނޑު މި އައީ ތިޔަ ބޭފުޅުން މަސައްކަތް ކުރައްވަނީ ގާނޫން އަސާސީން ތިޔަ ބޭފުޅުންނަށް މަތި ކުރާ ގޮތަށް އެ ގާނޫނުގެ ތެރޭގައި ތިޔަ ބޭފުޅުންގެ އަމަލުތައް ބެހެއްޓެވުން ހަނދުމަކޮށްދީ ތިޔަ ބޭފުޅުންނާއެކުގައި ކުރިޔަށް ދާން،" މާރިޔާ ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ކޮރޮޕްޝަނަށް ޒީރޯ ޓޮލަރަންސް ގެންގުޅުއްވާ އިރު ސިފައިންގެ ތެރެއިން ވެސް އެފަދަ އަމަލެއް ނުފެންނާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މާރިޔާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ސިފައިންނަކީ ރައްޔިތުން އިހުތިރާމް ކުރާ ބަޔަކަށް ހެދުމަށް ރައީސް ވައުދުވެފައިވަ ކަމަށާއި އެކަމަށްޓަކައި ވަސީލަތްތައް ފޯރުކޮށްދެއްވާނެ ކަަމަށެވެ. ނަމަވެސް ސިފައިންނަށް ރައްޔިތުން ގަދަރު ކުރާނީ ސިފައިންގެ އަމަލުތައް ހުންނަ ގޮތުން ކަމަށާއި އެންމެ މީހަކު ކުރާ ކަމެއްގެ ސަބަބުން މުޅި ފޯސްއަށް އޭގެ އަސަރު ކުރާނެ ކަމަށް މާރިޔާ ވިދާޅުވި އެވެ.