ރާއްޖެ ކުޅިވަރު

ލީގް ހޯދުމުގެ ރޭހުގައި ޓީސީ މުހިންމު ހިސާބަކަށް!

ދިވެހި ޕްރިމިއާ ލީގް ފެށުނުއިރު، ޓީސީގެ ކޯޗް މުހައްމަދު ނިޒާމް ބުނީ، ޓީސީ ވިސްނާނީ މެޗަކަށް ފަހު މެޗަކުން ކަމަށެވެ. އެހެންނަމަވެސް ކޮންމެ މުބާރާތަކަށް ނިކުތް ނަމަވެސް ޓީސީން ނިކުންނާނީ އެ މުބާރާތް ކާމިޔާބު ކުރަން ކަމަށް ނިޒާމް ބުނެ އެވެ.

ލީގް ތާވަލުގެ އެއް ވަނައިގައި ޓީސީން ދަނީ ފުރުތަމަ ބުރުގެ މެދުތެރެއިން ފެށިގެން ހިފަހައްޓަމުންނެވެ. ފުރަތަމަ ބުރުގައި ނިއުރޭޑިއަންޓްގެ މައްޗަށް ކުރި ހޯދިފަހުން އެ ޓީމު އަތުން އެއް ވަނަ މަގާމު ގެއްލުމުގެ ފުރުސަތެއް ޓީސީން ނުދެ އެވެ. މިއަދު ޓީސީ ނިކުންނާނީ، ފ. ނިލަންދުއާ ދެކޮޅަށެވެ. ޓީސީ ހޯދަމުންދާ ނަތީޖާ ތަކާއެކު އެ ޓީމަށް ފަސޭހަ ކަމާއެކު މެޗު ކާމިޔާބު ކުރެވިދާނެ ކަމަށް ބުނެވިދާނެ އެވެ. ނަމަވެސް ކޯޗް ނިޒާމު ބުނީ، ލީގްގެ އެންމެ އުނދަގޫ ހިސާބަށް ދެވެން އޮތީ މިއަދުގެ މެޗުން މޮޅުވެގެން ކަމަށް ވުމުން މެޗު ފަސޭހަ ނުވާނެ ކަމަށެވެ.

"ލީގްގައި ކުރިމަތި ނުވާނެ ފަސޭހަ އެއް ވެސް މެޗެއް، މިއަދުގެ މެޗަށް ޓީސީން ނިކުންނާނީ ހާއްސަ މެޗެއް ކަމުގައި ދެކިގެން،" ދެ ވަނަ ޑިވިޝަނުން ފެށިގެން ޓީސީގައި ކޯޗް ކޮށްދެމުން އަންނަ ނިޒާމު ބުންޏެވެ. "އެއީ މިއަދުގެ މެޗުން މޮޅުވެވިގެން ލީގް ހޯދުމުގެ ވިސްނުން ގެންގުޅެވޭނީވެސް."