ކުޅިވަރު

ބެލަންޑޯގެ ގަދަ ތިނަކުން ރޮނާލްޑޯ އާއި މެސީ ކަޓައިފި: ރިޕޯޓް

ދުނޔޭގެ ފުޓްބޯޅައިގައި ދޭ އެންމެ ހާއްސަ އިންޑަވިޖުއަލް އެވޯޑް 'ބެލަންޑޯ އެވޯޑް' ގެ ގަދަ ތިނަކުން އެ އެވޯޑް މިދިޔަ 10 އަހަރު ހޯދި، ކްރިސްޓީއާނޯ ރޮނާލްޑޯ އާއި ލިއޮނަލް މެސީގެ ނަން ނުހިމެނޭ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.

މިއީ 11 އަހަރުން ފަހުން، ރޮނާލްޑޯ ނުވަތަ މެސީގެ ނަން ގަދަ ތިނެއްގައި ނުހިމެނި އެވޯޑް ބާއްވާ ފުރަތަމަ ފަހަރެވެ. މިދިޔަ 10 އަހަރު ތެރޭ، ރޮނާލްޑޯ އާއި މެސީ، ކޮންމެ ކުޅުންތެރިޔަކު ވަނީ ފަސް ފަހަރަށް އެވޯޑް ހޯދާފަ އެވެ.

އިޓަލީ އާއި ފްރާންސުގެ މީޑިއާތަކުން ބުނެފައި ވަނީ، އަންނަ މަހު ތިނެއްގައި ބާއްވާ، ބެލަންޑޯ އެވޯޑްގެ ގަދަ ތިނަކަށް ނޮމިނޭޓް ވެފައި ވަނީ، ދުނިޔޭގެ ޗެމްޕިއަން ފްރާންސްގެ ދެ ކުޅުންތެރިން ކަމަށްވާ، ޑިފެންޑަރު ރަފޭލް ވަރާން އާއި ޒުވާން ފޯވަޑް ކިލިޔަން އެމްބާޕޭގެ އިތުރުން ވޯލްޑްކަޕު ފައިނަލުގައި ވާދަ ކުރި ކްރޮއޭޝިއާގެ ކެޕްޓަން ލުކަ މޮޑްރިޗް އެވެ.

ޕީއެސްޖީގެ ފޯވަޑް އެޑިންސަން ކަވާނީ ބުނީ، އެވޯޑް ލިބެން ޖެހޭނީ ފްރާންސްގެ ކުޅުންތެރިޔަކަށް ކަމަށެވެ. ވަރާން ވަނީ، ރެއާލް މެޑްރިޑާއެކު ޗެމްޕިއަންސް ލީގް ކާމިޔާބު ކޮށްފަ އެވެ. އަދި ފްރާންސާއެކު ދުނިޔޭގެ ޗެމްޕިއަންކަން ހޯދުމުން ވަރާން އަށް އެވޯޑް ލިބުމުގެ ފުރުސަތު އެބަ އޮތެވެ.

ކަވާނީ ބުނީ، މިދިޔަ ސީޒަނަކީ މޮޑްރިޗަށް ކާމިޔާބު ސީޒަނެއް ކަމަށާއި ނަމަވެސް އޭނާ އަށް ވުރެ އެވޯޑް ހައްގު ވަނީ ފްރާންސް ކުޅުންތެރިޔަކަށް ކަމަށެވެ. މޮޑްރިޗް ވަނީ ފީފާއިން ހޮވާ މޮޅު ކުޅުންތެރިޔާގެ އެވޯޑް ހޯދާފަ އެވެ.