ހަބަރު

"އަވަލައިގެން" އުޅޭ ކެނެޑާ އަށް ރާއްޖެ އިން ވަރުގަދަ ރައްދެއް ދީފި

Jun 17, 2015
1

ރާއްޖޭގެ މިހާރު އުފެދިފައިވާ ސިޔާސީ މައްސަލަތަކާ ގުޅިގެން ކޮމަންވެލްތްގެ ސީމެގްގެ އެޖެންޑާގައި ރާއްޖެ ހިމެނުމަށް ކެނެޑާއިން ގޮވާލުމާ ގުޅިގެން، އެހެން ގައުމުގެ ކަންކަމާ ނުބެހި ކެނެޑާއިން އެންމެ ފުރަތަމަ އަމިއްލަ އަށް އިސްލާހުވުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރު ދުންޔާ މައުމޫން އެ ގައުމަށް ގޮވާލައްވައިފި އެވެ.

ދުންޔާ މިއަދު ނެރުއްވި ސްޓޭޓްމަންޓެއްގައި ވިދާޅުވީ، ކެނެޑާގެ ސަރުކާރުން އެ ގައުމުގެ ރައްޔިތުންނާ ދެކޮޅަށް އިންސާނިއްޔަތާ ހިލާފު އަމަލުތައް ހިންގާފައިވާކަން ރަސްމީ ތަހުގީގުތަކުން ހާމަވެފައިވާ ކަމަށެވެ. އަދި ޑިމޮކްރަސީ އާއި އިންސާނީ ހައްގުތައް ކުރިއެރުވުމުގައި ވަކި ކެނެޑާ ވެސް އިސްތިސްނާ ނުވާނެ ކަން ފާހަގަ ކުރައްވާ ފޮރިން މިނިސްޓަރު ވަނީ އެ މައްސަލަތަކުގައި ކެނެޑާއިން ފިޔަވަޅު އަޅަން ގޮވާލައްވައިފަ އެވެ. އަދި އެހެން ގައުމުތަކުގެ ކަންކަމާ ބެހުމުގެ ކުރިން ކެނެޑާއިން އެ މީހުންގެ އަމިއްލަ ކަންކަން އިސްލާހު ކުރުން ރަނގަޅުވާނެ ކަމަށް އޭނާ ވަނީ ވިދާޅުވެފަ އެވެ.

"އެހެން ގައުމުތަކަށް ޑޮމޮކްރަސީ އާއި އިންސާނީ ހައްގުތައް ދަސްކޮށްދިނުމުގެ ކުރިން، އެ ގައުމުގެ ސަރުކާރުން ހިންގި އިންސާނިއްޔަތާ ހިލާފު އަމަލުތަކަށް ފިޔަވަޅު އަޅައި އެކަން އިސްލާހުކުރަން ޖެހޭ،" ދުންޔާ ވިދާޅުވި އެވެ.

ކެނެޑާ އަކީ ރާއްޖޭގެ ސިޔާސީ މައިދާނަށް އެންމެ ހަރުކަށިކޮށް އަދި އެންމެ ފާޅުގައި ފާޑުކިޔާ އެއްގައުމެވެ. އަދި ރާއްޖެއާ މެދު އެކި ފިޔަވަޅުތައް އެޅުމަށް ކެނެޑާއިން ތަކުރާރުކޮށް އަންނަނީ މަސައްކަތް ކުރަމުންނެވެ.

ދުންޔާ ވިދާޅުވީ ރާއްޖެއިން އެހެން ގައުމުތަކާ އެކު ބާއްވާ ގުޅުންތަކަށް އިހުތިރާމްކޮށް އަގު ވަޒަން ކުރާ ކަމަށެވެ. އޭނާ ވިދާޅުވީ އެހެން ގައުމުތަކާ އެކު ބާއްވަން ގުޅުންތަކުގައި އަނެއް ގައުމަށް ވެސް އިހުތިރާމްކޮށް ހެޔޮ ނިޔަތުގައި މަސައްކަތް ކުރަން ޖެހެ އެވެ. އަދި ކެނެޑާ ވެސް އެގޮތަށް މަސައްކަތް ކުރާ ނަމަ، ރާއްޖެ ވެސް މި އޮތީ ކެނެޑާއާ އެކުވެސް ކުރިއަށް ދާން ކަމަށް ދުންޔާ ވަނީ ވިދާޅުވެފަ އެވެ.