ހަބަރު

ސަރުކާރު ކުންފުނިތަކުގެ އިސްވެރިން މަގާމުން ވަކިކޮށްފި

Nov 22, 2018
10

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ކުންފުނިތަކުގެ އިސްވެރިންގެ ގޮތުގައި ހަމަޖައްސާފައިވާ ގިނަ ބޭފުޅުން މަގާމްތަކުން ވަކި ކުރަން ޕްރައިވަޓައިޒޭޝަން ބޯޑިން މިއަދު ނިންމައިފި އެވެ.

ޕްރައިވަޓައިޒޭޝަންގެ ބޯޑުން މިއަދު ވަނީ 11 ކުންފުންޏެއްގެ މެނޭޖިން ޑިރެކްޓަރުންނާއި ޗެއާމަނުން އެ މަގާމްތަކުން ވަކިކޮށްފަ އެވެ. އެގޮތުން ސްޓެލްކޯ ގްރޭޓާ މާލެ އިންޑަސްްޓްރިއަލް ޒޯން ކުންފުނި، އެޗްޑީސީއާ، އައިލެންޑް އޭވިއޭޝަން، ފެނަކަ އަދި ހައްޖު ކޯޕަރޭޝަންގެ ވެރިން ވަނީ ވަކިކޮށްފަ އެވެ. މީގެ އިތުރުން، އެމްޓީސީސީ، އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކުންފުނި، ދިރާގު، ޕީއެސްއެމް އަދި މޯލްޑިވްސް ސްޕޯޓްސް ކޯޕަރޭޝަންގެ ވެރިން ވަކިކުރި އެވެ.

މަގާމުން ވަކި ކުރި ފަރާތްތައް:

  • ސްޓެލްކޯ: އެމްޑީ އަހުމަަދު ޒުހޫރު އާއި ޗެއާމަން އަހުމަދު އައިމަން
  • ގްރެއިޓާ މާލެ އިންޑަސްޓްރިއަލް ޒޯން: އެމްޑީ މުހައްމަދު ސައިމަން އާއި ޗެއާމަން މުހައްމަދު ރަޝީދު
  • އެޗްޑީސީ: އެމްޑީ އަހުމަދު ނާސިފްއާ އަހުމަަދު ބުންޔާމީން އަދި ޗެއާމަން މުހައްމަދު ޝާހިދު
  • އައިލެންޑް އޭވިއޭޝަން: އެމްޑީ އަބްދުލް ހާރިސް އާއި ޗެއާމަން އަހުމަަދު ޝަފީއު
  • ފެނަކަ ކޯޕަރޭޝަން: ޗެއާމަން އިގްބާލް އާދަމް
  • ހައްޖު ކޯޕަރޭޗަން: އެމްޑީ އިދުރީސް އިސްމާއިލް
  • އެމްޓީސީސީ: ޗެއާމަން އަހުމަދު ނިޔާޒް އާއި އެމްޑީ އިބްރާހިމް ޒިޔަތު
  • އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް: އެމްޑީ މުހައްމަދު ލަތީފް
  • ދިރާގު: ޗެއާމަން މުހައަްމަދު އަޝްމަަލީ
  • ޕީއެސްއެމް: ޗެއާޕާސަން މަރިޔަމް އަޒުރާ، އެމްޑީ އިބްރާހިމް ހަލީލް އަދި ޑީއެމްޑީ މުހައްމަދު އިކްރާމް
  • ސްޕޯޓްސް ކޯޕަރޭޝަން: ޗެއާމަން އިހުސާން އަބްދުލް ގަނީ އާއި އެމްޑީ އަބްދުއްރައްޒާގް އިބްރާހިމް

އޭގެ އިތުރުން ވެމްކޯގެ މެނޭޖިން ޑިރެކްޓާ މުހައްމަދު ޝިފާއު މިއަދު ވަނީ އިސްތިއުފާ ދެއްވައިފަ އެވެ. ސަރުކާރު ކުންފުނިތައް މި ބަދަލު ގެނެސްފައިވާ އިރު އެ މަގާމްތަކަށް އިތުރު ބޭފުޅުން އަދި އައްޔަނެއް ނުކުރެ އެވެ. އާ ސަރުކާރު ހަވާލުވުމުގެ އެއް ދުވަސްކުރިން ބައެއް ކުންފުނިތަކުގެ ވެރިން އަމިއްލައަށް އިސްތިއުފާދެއްވި އެވެ.

އަމިއްލަ އިސްތިއުފާދެއްވި ބޭފުޅުންގެ ތެރޭގައި، އެއާޕޯޓް ކޮމްޕެނީ، އެމްއޭސީލްގެ އެމްޑީ އަހުމަދު އާދިލް އާއި އެސްޓީއޯގެ އެމްޑީ ޝަހީރު އަދި ފެނަކައިގެ އެމްޑީ ލައްމާން ހިމެނެ އެވެ.