ހަބަރު

ޕީޖީ ބިޝާމްގެ މައްސަލަ އަލުން ހުށަހަޅައި މަގާމުން ވަކިކުރާނަން: އަބްޅޯ

Nov 23, 2018

ޕީޖީ އައިޝަތު ބިޝާމްގެ އިތުބާރުނެތް ކަމުގެ މައްސަލަ އަދިވެސް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްވާނެ ކަމަށް، އެ މައްސަލަ މީގެ ކުރިން ހުށަހެޅުމަށް ފަހު މައްސަލަ އަނބުރާ ނެންގެވި ތިނަދޫ ދެކުނު ދާއިރާގެ މެންބަރު، އަބްދުﷲ އަހުމަދު، އަބްޅޯ މިއަދު ވިދާޅުވެއްޖެ އެވެ.

ބިޝާމްގެ މައްސަލަ އަނބުރާ ގެންދެވިކަން މީޑިއާއަށް ތިލަވުމާ އެކު އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ މައްސަލަ އަނބުރާ ނެންގެވީ ޕީޖީ ބިޝާމް ގާނޫނުތަކާ ހިލާފަށް ކުރައްވާފައިވާ އިތުރު ކަންތައްތައް އެ މައްސަލައިގެ ތެރޭގައި ހިމެނުމަށް ކަމަށެވެ. އަދި ފުރަތަމަ ހުށަހެޅި މައްސަލައިގައި ފާހަގަ ކުރި ފަސް ކަންތަކުގެ އިތުރަށް އިތުރު ކަންކަން ހިމެނުމަށް ފަހު އެ މައްސަލަ އަލުން މަޖިލީހަށް ވައްދާނެ ކަމަށް ވެސް އަބުޅޯ ވިދާޅުވި އެވެ.

"... ފާހަގަ ކުރަން ޖެހޭ އިތުރު ކަންތައްތަކެއް ހުރުމާ އެކު އެކަންކަން އިސްލާހުކޮށްފައި މައްސަލަ މަޖިލީހަށް ވައްދާނަން. އަދި ނުނިމޭ. ޕީޖީ ބިޝާމް ބޭރު ކުރެވޭނެ،" އަބްޅޯ ޓްވީޓް ކުރެއްވި އެވެ.

ޕީޖީގެ އިތުބާރު ނެތް ކަމަށް އަބްދުﷲ އަހުމަދު މަޖިލީހަށް ހުށަޙެޅުއްވި މައްސަލައިގައި ފަސް ސަބަބެއް ބަޔާންކުރި އެވެ. މައިގަނޑު ސަބަބުތަކުގެ ގޮތުގައި އޮތީ، ނިމިދިޔަ ސަރުކާރުގެ ތެރޭގައި މަޖިލީހުގެ ބައެއް މެންބަރުން ހައްޔަރުކޮށް އެބޭފުޅުންގެ މައްޗަށް ކުރެވުނު ތަހުގީގުތަކާއި އުފުލުނު ދައުވާތަކުގައި ޕީޖީގެ ބޮޑެތި އިހުމާލުތަކެއް ހުރުމާއި އެކަށީގެންވާ
ވަރަށް މަސްއޫލިއްޔަތު އަދާކޮށްފައި ނުވުމެވެ.

އަބްދުﷲ ހުށަހެޅުއްވި މައްސަލައިގައި އިތުރަށް ބުނެފައި ވަނީ، ޕްރޮސިކިއުޓާ ޖެނެރަލް، ބިޝާމްގެ އަމަލުތައް ބެހެއްޓި ގޮތުގެ ސަބަބުން އެކި މައްސަލަތަކުގައި ދައުވާކޮށް، މުޖުތަމައުގެ މަސްލަހަތަށް ރިއާޔަތްކުރެއްވުމެއްނެތި، ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި، އެކިފަރާތްތަކުގެ މައްޗަށް އުފުލުނު ތުހުމަތުތަކާއި ދައުވާތަކުގެ ސަބަބުން، ޖިނާއީ ކުށެއް ސާބިތުވުމެއްނެތި، ޖަލަށް ދާންނުޖެހޭ ނުވަތަ ބަންދުގައި ތިބެންނުޖެހޭ ބަޔަކު ޖަލުގައި ދުވަސްތަކެއް ހޭދަކުރަންޖެހިފައިވާ ކަމަށެވެ.

އެ މައްސަލަ މެންބަރު އަބްދުﷲ މަޖިލީހަށް ހުށަހެޅުއްވީ، ގާނޫނުއަސާސީގެ 223 ވަނަ މާއްދާ އާއި، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 178 ވަނަ މާއްދާގެ ދަށުންނެވެ.