ހަބަރު

ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުވަންނާނެ: މިނިސްޓަރު

Nov 23, 2018
11

ޓޫރިޒަމް މިނިސްޓްރީއަށް އެއްވެސް ސިޔާސީ ނުފޫޒެއް ނުވަންނާނެ ކަމުގެ ޔަގީންކަން ދެއްވާ ކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެ އެވެ.

އަލީ ވަހީދު މިހެން ވިދާޅުވި އިރު އޭނާ ޓޫރިޒަމް މިނިސްޓްރީއާ ހަވާލުވީ ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގަ އެވެ. ރައްޔިތުން މަޖިލީހުގެ ރައީސް އަދި ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްއަކީ ޓޫރިޒަމް އާއި ރިސޯޓު ދާއިރާގައި ފުޅާ ދާއިރާއެއްގައި ވިޔަފާރި ކުރައްވާ ބޭފުޅަކަށް ވާއިރު އަލީ ވަހީދަށް އެ މަގާމް ދިނުމުން އެތަށް ބައެއްގެ ފާޑު ކިޔުން ވަނީ އަމާޒުވެފަ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކަމާ ބެހޭ ގޮތުން ސުވާލު ކުރުމުން އަލީ ވަހީދު ވިދާޅުވީ މި ސަރުކާރު އުފެދިގެން ދިޔައީ ކޯލިޝަނެއްގެ ތެރެއިން ކަމަށާއި ޕާޓީތަކުގެ މެދުގައި މިނިސްޓްރީތައް ބެހި ކަމުގައިވީ ނަމަވެސް އެ މަގާމް އޭނާއާ ހަވާލު ކުރެއްވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ކަމަށެވެ. އެހެންކަމުން މަސައްކަތް ކުރައްވާނީ އެމަނިކުފާނުގެ ވިސްނުންފުޅާ އެކުގައި ކަމަށާއި އެކަން ކުރުމުގައި އެއްވެސް ސިޔާސީ ނުފޫޒަކަށް ޖާގައެއް ނުދެއްވާނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"އަޅުގަނޑު އެދެނީ ހުރިހާ ރައްޔިތުން ވެސް ޕޮޒިޓިވް ވައިބެއްގައި ޕޮޒިޓިވް ޗޭންޖަކަށް މި މިނިސްޓްރީއަށް އެއްބާރުލުން ދެއްވަން، އަޅުގަނޑުމެން މަސައްކަތް ކުރާ ގޮތަކީ ކަންކަން ޕްލެންކޮށް ކަންކަން ރިވިއުކޮށްފައި އެކަމެއް ކުރިޔަށް ގެންދާނީ، ކޮންމެ ބައެއްގެ ހިޔާލު ވެސް އަޅުގަނޑުމެން ބަލައިގަންނާނަން، މިނިސްޓްރީއަކަށް އިރާދަކުރެއްވީއާ ސިޔާސީ ނުފޫޒެއް ނުވަންނާނެ މި މިނިސްޓްރީގެ ހިދުމަތް އެންމެނަށް ހަމަހަމަކޮށް ލިބިގެންދާނެ،" އަލީ ވަހީދު ވިދާޅުވި އެވެ.

އަލީ ވަހީދު ވިދާޅުވީ ޖުމްހޫރީ ޕާޓީއާ އޭނާ ގުޅުނު ފަހުން ވެސް އަދި އެ ޕާޓީގެ ރައީސްއަކަށް އައްޔަންވުމަށް ފަހު ވެސް ދުވަހަކު ވެސް ގާސިމްގެ ނުފޫޒެއް އޭނާއަށް ނާންނަ ކަމަށެވެ. އަދި ގާސިމްއާ އޭނާއާ ދެމެދު އޮންނަނީ އެއަށް ވުރެ ޕްރޮފެޝަނަލް ގުޅުމެއް ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ.

"ރައީސް ސޯލިހު އަޅުގަނޑަށް ދެއްވި އިރުޝާދަކީ މިކަން ރަނގަޅަށް ކުރިޔަށް ގެންގޮސްދެއްވުން. އަޅުގަނޑުމެންގެ ސަރުކާރުގެ ސިޔާސަތަކީ ވައްކަމާއި ފަސާދައާއި ކޮރޮޕްޝަން ނުފެންނަ ސަރުކާޜެއް ގޮތުގައި ހުރިހާ ވުޒާރާއެއް ގެންދެވުން، އަދި އެގޮތަށް އެކަން އަޅުގަނޑު ކުރިޔަށް ގެންދާނަން،" އަލީ ވަހީދު ވިދާޅުވި އެވެ.

ޓޫރިޒަމް މިނިސްޓްރީއަކީ ސިއްރުތަކުން ފުރިފައި އޮތް ތަނަކަށް މީގެ ފަހުން ނުވާނެ ކަމަށާއި މިނިސްޓްރީއިން ހޯދަން ބޭނުންވާ މައުލޫމާތެއް ނުލިބިގެން މީގެ ފަހުން އުޅެން ނުޖެހޭނެ ކަމަށް އަލީ ވަހީދު ވިދާޅުވި އެވެ. އަދި މިނިސްޓްރީ ޖަވާބު ދާރީ ކުރުވުމަށް އިލްތިމާސް ކުރައްވާ ކަމަށާއި އެންމެ ހާމަކަން ބޮޑު ގޮތެއްގައި ހިނގާ މިނިސްޓްރީއަކަށް ހަދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.