ޑިފެންސް މިނިސްޓްރީ

ހެލިކޮޕްޓަރުތަކުން ގެއްލުންވެފައެއް ނެތް، ވީ ފައިދާ: މިނިސްޓަރު

އިންޑިއާއިން ރާއްޖެއަށް ހަދިޔާކުރި ދެ ހެލިކޮޕްޓަރުގެ ސަބަބުން މިހާތަނަށް ރާއްޖެއަށް ގެއްލުމެއް ވެފައިނުވާ ކަމަށާއި އެ ހެލިކޮޕްޓަރުތަކުގެ ސަބަބުން ދިވެހި އެތައް ފުރާނައެއް ސަލާމަތްވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މަގާމާ ހަވާލުވެ ވަޑައިގަތުމަށް ފަހު، "އަވަސް"އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އަވަށްޓެރި ގައުމަކުން ދީފައި އޮންނަ ހަދިޔާއެއް ފޮނުވާލުމަކީ އެއީ އެއްވެސް ހަމަޔަކުން ބަލާއިރު ރީތި ކަމެއް ނޫން ކަމަށެވެ. އެއް ގައުމުން އަނެއް ގައުމަށް އެކި ކަންކަމުގައި ބަރޯސާވާން ޖެހޭ އިރު އެއްވެސް ގައުމަކާ ރުޅި ހަދާލައިގެން އުޅުމަކީ ރާއްޖެއިން ކުރަން ވާވަރު ކަމެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވީ އެވެ. އެކަމަނާ ވިދާޅުވީ ހެލިކޮޕްޓަރު ބެލެހެއްޓުމުގައި އިންޑިއާގެ ފަންނީ ބަޔަކު ރާއްޖޭގައި ތިބޭތާ އެތައް އަހަރެއްވެފައިވާ ކަމަށާއި އެކަމާ އާންމުން ކަންބޮޑުވެގެން އުޅޭތަން ފެނިވަޑައި ނުގަންނަވާ ކަމަށެވެ.

"އަޅުގަނޑުމެންގެ ސަގާފީ ކަމެއް ނޫން އެއީކީ އަވަށްޓެރިން ހަދިޔާ އަކަށް ދޭ އެއްޗެހި އަނބުރާ ފޮނުވާލުމަކީ. އެއީ އަޅުގަނޑުމެން ދެކޭ ގޮތުގައި ހުތުރުކަމެއް. [ހެލިކޮޕްޓަރު] ދިނިއްޔެއް ނޫނޭ ބާއްވާފައި އޮތިއްޔޭ. އެއީ އަސްލެއް ނެތް ވާހަކަ. ދެން ރައީސް ޔާމީން މި ދެއްކެވި ވާހަކަ އަކީ އަހަރުމެން ހެލިކޮޕްޓަރެއް ބޭނުމެއް ނޫނޭ ދޯނިޔާ މަތިންދާ ބޯޓެކޭ ބޭނުން ވަނީ. މިއީ އަޅުގަނޑަށް ހީވަނީ ކުޑަކުދިން ދައްކާ ކަހަލަ ވާހަކަހެން،" މިނިސްޓަރު ވިދާޅުވި އެވެ. "މީގެ ކުރިން ރައީސް ޔާމީން ވިދާޅުވި ހެލިކޮޕްޓަރުތައް ގެންދަވާށޭވެސް، ވިސާވެސް ނުދެއްވި. އޭގެން ނުކުތީ ކޮން ނަތީޖާއެއްތޯ؟ މީގައި ވިސްނަންވީ އޭގެ ޕޮޒިޓިވްއަށް. ނެގެޓިވްކޮށް ވިސްނައިފިއްޔާ ކޮންމެ ވާހަކައެއް ވެސް ދެއްކިދާނެ. އޭތި އޮޕަރޭޓް ކުރި އިރު،މެޑިކަލް އިވެކުއޭޝަންގެ ތެރެއިން 164 ދިވެހި ލައިފް ސަލާމަތްވެފައި އޮތީ،"

އިންޑިއާ އާއި ރާއްޖެއާ ދެމެދު ހެދި އެގްރިމަންޓެއްގެ ދަށުން، އިންޑިއާއިން ރާއްޖެއަށް ހެލިކޮޕްޓަރު ގެނައީ 2010 ވަނަ އަހަރު އެވެ. އެއް ހެލިކޮޕްޓަރު އޮންނަނީ، އައްޑޫގަ އެވެ. އަދި އަނެއް ހެލިކޮޕްޓަރު ބާއްވާފައި އޮންނަނީ ލ. ގަމުގަ އެވެ.

މިނިސްޓަރު މާރިޔާ ވިދާޅުވީ، ހެ ހެލިކޮޕްޓަރުތަކުގެ ކަންކަން ބެލެހެެއްޓުމަށް އަބަދުވެސް އެންމެ ގިނަވެގެން ވެސް ތިބެނީ އިންޑިއާގެ 40 އެއްހާ މީހުން ކަމަށެވެ. އަދި ހެލިކޮޕްޓަރު ބެލެހެއްޓުމާއި މެޑިކަލް އިވެކުއޭޝަންއަށް ހެލިކޮޕްޓަރު ފްލައި ކުރުން ފިޔަވާ އިތުރު ކަމެއް އެ މީހުން ކުރާކަމުގެ ޝަކުވާއެއް އޮތް ކަމެއް އަދި އެނގިވަޑައިގެންފައި ނެތް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ އިންޑިއާ ނޫނަސް ރާއްޖޭގައި ބޭރުގެ ގައުމުތަކުގެ އެކި މީހުން ތަފާތު ކަންކަމުގައި އުޅޭ ކަމަށާއި އެކަމަކީ ކަންބޮޑުވުމަކަށް ވެގެން އާންމުން ނޫޅޭ ކަމަށެވެ.

"ހަގީގަތުގައި ރީއްޗަށް ވިސްނައިގެން އަވަށްޓެރިންނާ ދޭތެރޭވޭ ރީއްޗަށް ކަންކުރުން އުސޫލަކަށް ވާންވާނީ. އެ މީހުން މިތާކު އަޅުގަނޑުމެންނަށް ގެއްލުންވާ ގޮތަށް ކަމެއް ކުރަނިއްޔެއް ނޫން. ދެން ސިޔާސީ ގޮތުން ވާހަކަތަކެއް ދައްކަން ވެގެން
ވާހަކަތަކެއް ދެއްކިދާނެ. ދެން މިހެން ހުންނަ ކަންކަމަކީ އޭގައި އަސްލެއް އޮވެގެން ދައްކާ ވާހަކަތަކެއް ނޫން. ސިޔާސީ ވާހަކަ މިއީ. ދުވަހަކުވެސް އާންމުންގެ މީހެއް މިހާތަނަށް އަޅުގަނޑު ކައިރީ ބުނެފައެއް ނެތް އިންޑިއާ ބަޔަކު މިތާ ތިބެގެން ކަންބޮޑުވާ ވާހަކައެއް،" މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވި ގޮތުގައި އަވަށްޓެރި އިންޑިއާ އަކީ ރާއްޖެއަށް އެކި ކަންކަމުގައި އަބަދުވެސް އެންމެ ބޮޑަށް އެހީވާ ގައުމުކަމަށެވެ. އަދި އެއް ގައުމު އަނެއް ގައުމާ ދޭތެރޭ އޮންނަ ގުޅުންތަކާ މެދު، ގޯސްކޮށް ނުދެކުމަށް އެދިވަޑައިގަންނަވާ ކަމަށް ވެސް މާރިޔާ ވިދާޅުވި އެވެ. އެކަމަނާ ވިދާޅުވީ، ދޭދޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކާ މެދު އަބަދުވެސް ދެކެން ޖެހޭނީ ހުޅުވާލެވިފައިވާ ސިނކުޑިއަކުން ކަމަށާއި ގައުމުތަކުގެ އެހީ ނުލިބި ރާއްޖެއަށް ވެސް ނޫޅެވޭނެ ކަމަށެވެ.

"އެހާ ބޮޑަށް ކުއްލިއަކަށް ބޭރު މީހުންނަކީ ކޮން ބައެއްހޭ! ތިމަންނަމެންއަކީ އެހެން ބައެކޭ ބުނާއިރު އަޅުގަނޑުމެންގެ މުޅި ރާއްޖޭގެ އިގްތިސާދު މި އޮންނަނީ ބޭރު މީހުންނަށް ބޭސްވެފައި ޒަމާނުއްސުރެވެސް. އެހެންވީމާ މިފަދަ ކަންކަމުގައި ހުޅުވާލެވިފައިވާ ސިކުނޑިއަކުން ވިސްނުން މުހިންމު،" މިނިސްޓަރު ވިދާޅުވި އެވެ.