ލައިފްސްޓައިލް

މިފަހަރު ދާނީ ގުޑިއަރުވަންތަ ނުވަތަ ޑްރޯން އުދުއްސަންތަ؟

Jun 18, 2015

ގުޑި އެރުވުމަކީ އިހުޒަމާނުއްސުރެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، ހާއްސަކޮށް އިރުވައި މޫސުމުގައި ކުރާ ކަމެކެވެ. އާންމުގޮތެއްގައި ދިވެހިން މިކަން ކޮށް އުޅެނީ ފޫހިފިލުވުމަށާއި މަޖަލަށެވެ.

މި ފޯރިއެއް ދިވެހިންގެ ތެރޭގައި ގަދަވެގެން ދިޔަ މިންވަރަކީ ގުޑިއެރުވުމަށް ހާއްސަ ދުވަހެއް ވެސް މިބައި މީހުންގެ މެދުގައި ކަނޑައެޅިގެން ދިއުމެވެ. އެއީ އިހުޒަމާނުގައި ގުޑިއެރުވުމުގެ ފޯރި މާލޭގައި ގަދަވެގެން ދިޔަ ދުވަސްވަރެވެ. އޭރު މުލަ ނަކަތުން ތިން ވަނަ އަށް ވާ ދުވަހަކީ ގުޑިއެރުމަށް ހާއްސަވެފައި އޮންނަ ދުވަހެވެ.

އެ ދުވަހަށް އިރު އަރަން ދެން ބައެއް މީހުން ހެނދުނަށް އެއްލާނޭ ގުޑިއެއް ތައްޔާރުކުރުމުގެ މަސައްކަތުގައި ނުނިދައި ހޭލާ ތިބޭ ކަމަށް ވެސްވެ އެވެ.

އަނެއްކޮޅުން ދިވެހިންގެ ތެރެއިން މި ފޯރިއެއްގައި ނުޖެހޭ އުމުރުފުރާއެއްގެ މީހަކު ވެސް ނެތެވެ. އަދި އެންމެ އާދައިގެ މީހާ އިން ފެށިގެން އޭރުގެ ރަސްރަސްކަލުން ވެސް ނިކަން ފޯރީގައި ގުޑިއަރުގައި އުޅުއްވި އެވެ.

އެގޮތުން މުހައްމަދު ޝަމްސުއްދީންގެ ރަސްކަމާއި ހަސަން ނޫރައްދީންގެ ރަސްކަން އަދި މހައްމަދު ފަރީދުލް އައްވަލްގެ ވެރިކަމަކީ ގުޑިއެރުވުން ގައުމީ ފެންވަރުގައި ކުރިއަށް ގެންދިޔަ ޒަމާންތަކެވެ. އެންމެ ބޮޑެތި ގުޑި އެއްލައި އުޅުނު ކަމަށް ވަނީ މުހައްމަދު ޝަމްސުއްދީނުގެ ރަސްކަމުގެ ދުވަސްވަރު އެވެ.

އޭރުގެ މަޝްހޫރު ގުޑީގެ ވައްތަރުތަކުގެ ތެރޭގައި ރާރާ ގުޑި، ތެލަނގަ، މަޑި، ވާ، ކޮކާ، ވައިދުނި، މަތިންދާ ބޯޓް އަދި އަމަރާލި އާއި އިރުވައި ޝައިތާނު ފަދަ ނަންތަކުން މަޝްހޫރު ގުޑިތައް ވެސް ބޭނުންކުރި އެވެ. އަދި ރަދުންނާއި އިސް ބޭބޭފުޅުންނަށް ހާއްސަ ގުޑިތަކެއް ވެސް އޭރު ހުއްޓެވެ.

ކޮންމެއަކަސް މިކިޔައި ދެވުނީ ގުޑިއެރުވުމުގެ ސަގާފަތް ދިވެހިންގެ މެދުގައި ކުރިން އޮތް ގޮތުގެ ވާހަކަ އެވެ. މިއަދު މި ސަގާފަތް މި އޮތީ ވަރަށް ބޮޑަށް ބަދަލުވެފަ އެވެ. މީގެ ވިއްސަކަށް ނުވަތަ ދިހަ ވަރަކަށް އަހަރު ކުރިން ރަށް ރަށުގައި ކުދިން އިރުވައި މޫސުމާ ދިމާކޮށް ގުޑި އަރުވަން ނުކުމެ އުޅުނަސް އެ ފޯރި ވެސް ވަނީ ކެނޑިގެންގޮސްފަ އެވެ.

ގުޑިއެރުވުން މިހާރު ހާއްސަވަނީ ރޯދަ މަހު އެވެ. މިހާރު މިއީ ރޯދަ މަހުގައި ދިވެހިން ފޫހިފިލުވަން ކޮށް އުޅޭ ކަމެކެވެ. އެހެން މަސް މަހުގައި ނުވަތަ އަހަރުގެ އެހެން ދުވަސްވަރުތަކުގައި ގުޑިއެރުވުމުގެ ފޯރިއެއް ނުވަތަ ސީޒަނެއް ދިވެހިންގެ އެއްވެސް ހިސާބަކަށް އަންނަކަމެއް މިހާރަކު އެނގޭކަށް ނެތެވެ. 

ނަމަވެސް ރޯދަ މަސް އައުމުން އެކި ކުލަކުލައިގެ، އެކި ސިފަސިފައިގެ ގުޑިތައް ވައިގެ ތެރޭގައި އުދުހެން ފަށަ އެވެ. ހާއްސަކޮށް މާލޭގައި މި ފޯރި އޮންނަނީ މިހާރު ވެސް ގަދަކޮށެވެ.

އެކަމަކު ގުޑިއަށް ވުރެ މަގްބޫލު "ކުޅޭ އެއްޗެހިތަކެއް" ވެސް ދިވެހިން ވަނީ މިހާރު ހޯދައިފަ އެވެ. ޒަމާނަށް އައި ބަދަލުތަކާއި ތަރައްގީގެ ފަސޭހަތަކާއި އަޖާއިބުކުރުވަނިވި ކަންކަމުގެ ތެރެއިން ގުޑިއަށް ވުރެ މުހިންމު އަދި މަގްބޫލު އެއްޗަކީ މިހާރު ޑްރޯން އެވެ.

"މިހާރު ގުޑީގެ ޒަމާން ހިނގައްޖެ. މިއީ ރިމޯޓުން ކޮންޓްރޯލްކުރެވޭ ޑްރޯން އުދުއްސާ ޒަމާން،" ރޯދަ މަހަށް ހާއްސަކޮށްގެން ޑްރޯންއެއް ގަނެފައިވާ އުމުރުން 22 އަހަރުގެ ހުސެއިން ރިޔާޒު ބުނީ މިހެންނެވެ.

އެއީ ތެދެކެވެ. ޑްރޯން މިއަދު ވެފައި ވަނީ "ޒަމާނީ ގުޑިއަކަށެވެ."

އެކި ސިފަސިފައިގައި ލިބެން ހުރި ޑްރޯންތަކުގެ މަގްބޫލުކަން ދިވެހިންގެ މެދުގައި ބޮޑުވެ ރޯދަ މަހު މި ކުޅޭއެއްޗެހިތަކާ އެކު ހޭދަކުރެވޭ ވަގުތު އިތުރުވެގެންދާއިރު ކުޅޭކުޅޭ ހެލިކޮޕްޓަރު އުދުއްސުމާއި ރިމޯޓުން ކޮންޓްރޯލް ކުރެވޭ ކުދިކުދި ލޯންޗުތަކާއި ކާރުތައް ހިފައިގެން ކުޅެން އުޅުމަކީ ވެސް ރޯދަ މަހެއް އަތުވެއްޖެ ނަމަ މިހާރު މާލެއިން އާންމުކޮށް ފެންނަ މަންޒަރުތަކެވެ.

ޔަގީނަށް ވެސް މި ދެންނެވި ކަހަލަ ކުޅޭ ސާމާނުތަކުގެ މަގްބޫލުކަން ރޯދަ މަހު ބޮޑުވެގެން ދަނީ ކުޑަކުދިންނަށް ވުރެ ބޮޑެތި މީހުންގެ މެދުގަ އެވެ. ދަރިފުޅު ގޮވައިގެން މަޑި އެއްލަން، ނުވަތަ ޑްރޯނެއް އުދުއްސަން ނުވަތަ ރިމޯޑް ކޮންޓްރޯލް ލޯންޗެއް ދުއްވާލަން ޓްރެކް ސަރަހައްދަށް ދިޔަނަސް އަބަދުވެސް ފެންނާނީ ދަރިފުޅު ގޮވައިގެން ގޮސް ހުންނަ ބައްޕަ ނުވަތަ ބޭބެއަކު ޑްރޯން ދުއްވަމުން ރޯދަ ކުރުކުރަމުން ގެންދާ މަންޒަރެވެ.

ފަހަރެއްގައި ރޯދަ އަށް ތިބޭތީ ބައެއް ދިވެހިން މިފަދަ ކުޅޭކުޅޭ އެއްޗެހިތަކަށް ދެވިހިފަނީ އެވެ.