ފިނިޕޭޖް

ސްކްރިޕްޓް ކިޔުމަކީ ސަނީ ޑިއޯލް ކުރާ ކަމެއް ނޫން

މިހާތަނަށް ކުޅުނު އެއްވެސް ފިލްމަކަށް ސޮއި ކުރުމުގެ ކުރިން ސްކްރިޕްޓު ކިޔާފައި ނުވާނެ ކަމަށް ބޮލީވުޑްގެ ތަރި ސަނީ ޑިއޯލް ބުނެފި އެވެ.

އިންޑިއާގެ ނޫސް ޕީޓީއައިއަށް ދިން އިންޓަވިއުއެއްގައި ސަނީ ބުނެފައިވަނީ ފިލްމުތަކަށް ސޮއި ކުރުމުގެ ކުރިން މުޅި ސްކްރިޕްޓު އެއްކޮށް ނުކިޔާ ކަމަށެވެ. ފިލްމުގެ ޑައިރެކްޓަރުންގެ ވާހަކަތަކާއި އަައިޑިއާއަށް ބަލާފައި ފިލްމު ކަމުގޮސްފި ކަމުގައި ވާނަމަ ހަމަ ސޮއި ކޮށްލަނީ ކަމަށް އޭނާ ބުންޏެވެ. އަދި ސްކްރިޕްޓްގެ މާބޮޑު ތަފްސީލަށް ނުގޮސް ފިލްމުގެ ވާހަކަ ލިޔުންތެރިންނާ ގުޅިގެން މަސައްކަތް ކުރެވޭތޯ ބަލާކަމަށް ވެސް ބުންޏެވެ. އެހެންނަމަވެސް، އެހާރާއި މިހާރު ތަފާތުވުމުން މިހާރު ފިލްމުގެތަކުގެ ސްކްރިޕްޓު ކިޔަން ޖެހޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ނީރަޖް ޕަތަކް ޑައިރެކްޓުކުރާ އެކްޝަން ކޮމެޑީ ފިލްމު، ބައްޔާޖީ ސުޕާ ހިޓް ސްކްރީނުތަކުގައި މި ހުކުރު ދުވަހު އަޅުވާފައިވާއިރު، މި ފިލްމުން ސަނީ ޑިއޯލް އާއެކު ޕްރިތީ ޒިންތާ، އަރްޝަދް ވަރްސީ އަދި އަމީޝާ ޕަޓޭލްވެސް ފެނިގެންދާނެ އެވެ.

ސަނީ ޑިއޯލްގެ އެންމެ ފުރަތަމަ ފެނިލުން 1983ގެ 'ބޭތާބް' ވެގެން ދިޔައީ އޭނާގެ ފިލްމީ ހަޔާތުގައި ކުޅެފައިހުރި ފިލްމުތަކުގެ ތެރެއިން އެންމެ މަގުބޫލު އަދި އެންމެ ކާމިޔާބު އެއް ފިލްމަށެވެ. އަދި ރާޖްކުމާރު ސަންތޯޝީގެ ގާޔަލްއިން ލިބުނު ގައުމީ އިނާމަށްފަހު ސަނީ ދިޔައީ ބޮލީވުޑްގެ އެންމެ ފުންނާބު އުސް ތަރިންނާ ވާދަކޮށް ވަނަތައް ނަގަމުންނެވެ. ރިޝީ ކަޕޫރުއާއެކީ ކުޅުނު ދާމިނީ އިންވެސް އެންމެ މޮޅު ސަޕޯޓިން އެކްޓަރުގެ ލަގަބު ހޯދި އެވެ.

ކުރީގެ ފިލްމުތަކުން ސަނީ ޑިއޯލް ދައްކުވައިދިން ހުނަރަށް އަދިވެސް ތައުރީފު ލިބެއެވެ. ސަނީގެ ލޯބީގެ ފިލްމުތަކުން ބެލުންތެރިންގެ މަގުބޫލުކަން ހޯދި ލަވަތަކުގެ ތެރެއިން 'ޖަބް ހަމް ޖަވާން ހޯނގޭ' އާކީ އެހާރުވެސް މިހާރުވެސް ހިޓެކެވެ. އެހެންނަމަވެސް މިހާރު ކުޅޭ ފިލްމުތައް ހިޓު ނުވެފައި، ފިލްމުތަކުން ކުރީގެ ސަނީ ޑިއޯލް ނުފެންނަ ކަމަށް އެކި މީހުން ބުނެ އެވެ.