ހަބަރު

ރައީސް އާއި ނައިބު ރައީސްގެ އުމުރު 65-30 އަށް ހަދަން ކޮމިޓީން ފާސްކޮށްފި

ރައީސް އާއި ނައިބު ރައީސްގެ އުމުރު 30-65 އަށް ހަދަން ގާނޫނު އަސާސީއަށް ބަދަލު ގެންނަން ހުށަހެޅި އިސްލާހު އެއްވެސް އުނިއިތުރެއް ނުގެނެސް އެގޮތަށް ފާސްކުރަން އެ ބިލް ދިރާސާ ކުރި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ނިންމައިފި އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އިން މިއަދު ހަވީރު ބޭއްވި ބައްދަލުވުމުގައި މެންބަރުންގެ މެދުގައި މަޝްވަރާތައް ކުރުމަށް ފަހު ނިންމެވީ، ހޯރަފުށީ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއިލް ހުށަހެޅުއްވި ގޮތަށް ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ) އިސްލާހުކޮށް ރައީސާއި ނައިބު ރައީސްގެ މަގާމަށް ކުރިމަތިލެވޭ އުމުރަކީ 30 އަހަރާއި 65 އަހަރު ކަމަށް ހަމަޖެއްސުމަށް ބަދަލު ކުރުމަށެވެ. 

އެގޮތަށް ފާސްކުރަން ކޮމިޓީގައި ވޯޓަށް އެހި އިރު، އިދިކޮޅު މެންބަރެއް ނެތުމުން އެ ވޯޓު ނަގައި ގާނޫނު އަސާސީއަށް ބަދަލު ގެންނަން ފާސްވީ، ހަމައެކަނި ސަރުކާރުގެ މެންބަރުންގެ ވޯޓުންނެވެ. 

އެ އިސްލާހު ފާސްކުރުމަށް ދެން އޮންނަ މަޖިލީހުގެ ޖަލްސާއަކަށް ހުށަހަޅާނެ ކަމަށް ބެލެވެ އެވެ. ދެން ޖަލްސާއެއް އޮންނާނީ ހޯމަ ދުވަހު އެވެ. 

ގާނޫނު އަސާސީގެ 109 ވަނަ މާއްދާގެ (ނ)ގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް ކުރިމަތިލެވޭނީ އުމުރުން 35 އަހަރު ވުމުންނެވެ. ނަމަވެސް ރައީސްކަމަށް ކުރިމަތި ނުލެވޭނެ ވަކި އުމުރެއް ގާނޫނު އަސާސީގައި ބަޔާންކޮށްފައެއް ނުވެއެވެ.

މުހައްމަދު އިސްމާއިލް ވަނީ މީގެ ކުރިން ވެސް ރައީސުލްޖުމްހޫރިއްޔާ ކަމަށް 65 އަހަރުން މަތީ މީހުންނަށް ކުރިމަތި ނުލެވޭ ގޮތަށް އިސްލާހެއް ވެއްދުމަށް ފަހު އަނބުރާ ގެންގޮސްފަ އެވެ.